އިދިކޮޅު ފަރާތްތައް

އަނެއްކާވެސް "އިންޑިއާ އައުޓް" ބެނާ ދަމައިފި

އިންޑިއާ އައުޓް ކެމްޕޭނުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ސަރުކާރުން ކަނޑައަޅާ ގޭގޭގައި ހަރުކޮށްފައިވާ ބޮޑެތި ބެނާތައް ނަގާފައިވަނިކޮށް އަނެއްކާވެސް "އިންޑިއާ އައުޓް" ބެނާ ހަރުކުުރުމުގެ މަސައްކަތް އިދިކޮޅު ކޯލިޝަނުން ފަށައިފި އެވެ.

އިންޑިއާ އައުޓް ކެމްޕޭނުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ސަރުކާރުން ކަނޑައަޅާ އެކަން އިއުލާނު ކޮށްފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސޮއި ކުރައްވައި މިއަދު ނެރުނު ރިޔާސީ ގަރާރަކުންނެވެ. އެ ގަރާރުގައި ރައީސް ބަޔާން ކުރައްވާފައި ވާގޮތުގައި، މި ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަމެއް ކަމަށް ގައުމީ ސަލާމަތާބެހޭ މަޖިލީހުން ކަނޑައަޅައިފައިވާ ކަމަށެވެ.

އަދި އިދިކޮޅު ކޯލިޝަނުން ހިންގާ އިންޑިއާ އައުޓް ކެމްޕޭނުގެ ސަބަބުން އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގުޅުމަށާއި، ރާއްޖޭގެ ތަރައްގީއަށާއި އަދި މި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް ހުރަސްއެޅިގެންދާ ކަމެއް ކަމަށް އެ ގަރާރުގައި ރައީސް ވަނީ ފާހަގަކުރައްވައިފަ އެވެ.

އެ ގަރާރުގައި ވަނީ ހަރަކާތްތައް ހުއްޓުވުމަށް ކަނޑައަޅައި އެކަން ތަންފީޒުކުރުމަށް ކަމާބެހޭ އިދާރާތަކަށް އަމުރުކުރައްވާފައެވެ. އެ އަމުރާ އެއްގޮތަށް އިމާރާތްތަކުގައި ހަރުކޮށްފައިވާ ބެނާތައް ފުލުހުން ވަނީ މިއަދު ނަގާފައެވެ.

ޕީޕީއެމުން މިރޭ ބުނީ މިރޭވެސް ގަލޮޅު އަވަށުގައި "އިންޑިއާ އައުޓް" ބެނާ އެއް ދަމާފައިވާ ކަމަށެވެ. ނަމަވެސް ކުރީން ލިޔަމުން އައި ގޮތުގެ ބަދަލުގައި އިބާރާތް ދޭހަވާނެހެން ލިޔާ ގޮތް ވަނީ ބަދަލުކޮށްފައެވެ. ޕީޕީއެމުން ބުނީ އެ ހަރަކާތް ނުހުއްޓާނެ ކަމަށެވެ. އަދި ރައީސްގެ ގަރާރު ގާނޫނު އަސާސީއާ ހިލާފު ކަމަށް ނިންމާ އެ ގަރާރުގެ މައްސަލަ ކޯޓަށް ހުށައަޅަންވެސް ވަނީ ނިންމާފައެވެ.