އެޗްޑީސީ

ކާރު ޕާކްކުރަން ކުއްޔަށްދޭ ސްލޮޓްތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި

Apr 22, 2022

ހުޅުމާލޭގައި ކާރު ޕާކް ކުރުމަށް ކުއްޔަށް ދޫކުރަން ނިންމި ސްލޮޓް ތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

ކާރު ޕާކް ކުރުމަށް ސްލޮޓް ކުއްޔަށް ދޭން ނިންމާފައިވަނީ ފުރަތަމަ ފިޔަވަހީގެ ދެ ސަރަހައްދަކުންނެވެ. އެއީ ފެރީ ޓާމިނަލް ކައިރީގައި ވެހިކަލް ޕާކް ކުރަން ހަދާފައިވާ ސަރަހައްދުން 50 ސްލޮޓާއި ރެޑްވޭވް މެގަމޯލް ކައިރީގައިވާ ޕާކިން ސަރަހައްދުން 20 ސްލޮޓެވެ.

ތިން މަސް ދުވަހަށް ސްލޮޓްތައް ކުއްޔަށް ދިނުމަށް ނިންމާފައިވަނީ ބީލަމުގެ އުސޫލުން އެންމެ ބޮޑު އަގު ހުށަހަޅާ ފަރާތްތަކަށެވެ.

ބީލަން ފެށޭ އަގުގެ ގޮތުގައި އެޗްޑީސީން ކަނޑައަޅާފައިވަނީ މަހަކަށް 1500 ރުފިޔާ އެވެ.

ބީލަމުގައި ބައިވެރިވެވޭނީ އުމުރުން 18 އަހަރު ފުރިފައިވާ ދިވެހިންނަށާއި އެ ފަރާތެއްގެ ނަމުގައި ކާރެއް ރަޖިސްޓްރީ ކޮށްފައިވާ މީހުންނަށެވެ.

އެޗްޑީސީން ބުނީ މިހާރު ބީލަމަށް ލާފައިވާ ސްލޮޓްތައް ލިބޭ ފަރާތްތަކަށް، އެ ކުންފުނިން ގާއިމުކުރާ ސްމާޓް ޕާކިން ސަރަހައްދުން ވެސް ޖާގަ ދިނުމުގައި އިސްކަންދޭނެ ކަމަށެވެ. އިސްކަން ދޭން ހަމަޖެހިފައި ކަމަށެވެ. އުޅަނދު ޕާކް ކުރުމަށް ސްލޮޓް ކުއްޔަށް ދޫކުރަނީ ހުޅުމާލޭގައި ފަސޭހަ ކަމާއިއެކު ކާރު ޕާކު ކުރުމަށް މަގުފަހި ކުރުމަށްވެސް އެޗްޑީސީން ބުނެފައިވެ އެވެ.

ހުޅުމާލޭގައި މީހުން އާބާދުވިތާ ކުރީކޮޅު ވެހިކަލް ބާއްވާނެ ގަރާޖެއް ނެތް ނަމަވެސް އެޗްޑީސީން ވެހިކަލް ރަޖިސްޓްރީ ކޮށްދީފައިވެ އެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުުޅުމާލޭގައި އެ މީހެއްގެ ނަމުގައި ދިރިއުޅޭނެ ތަނެއް ރަޖިސްޓްރީ ކޮށްފައިވާނަމަ އެތަނަކަށް ވެހިކަލް ރަޖިސްޓްރީ ކޮށްދޭ ގޮތަށް ވެސް ހަމަޖެއްސި އެވެ. ނަމަވެސް އެޗްޑީސީން ފަހުން އެ އުސޫލު ވެސް އުވާލި އެވެ.

ހުޅުމާލޭގެ ދެ ފިޔަވަހީގައި ވެސް ގިނަ އަދަދެއްގެ މީހުން އާބާދުވެ އެ އަވަށަށް މިހާރު ވަނީ ވެހިކަލް ތޮއްޖެހުމުގެ މައްސަލަ ބޮޑުވާން ފަށާފަ އެވެ. އެހެންވެ ހުޅުމާލެއަށް ވެހިކަލް ރަޖިސްޓްރީ ކޮށްދިނުމަށް އެޗްޑީސީން ކޮންމެވެސް ވަރެއްގެ ހިފެހެއްޓުން ތަކެއް މިހާރު ގެންގުޅެ އެވެ.