ޑރ. މުހައްމަދު އިޔާޒް

އަރަބި އިސްލާމީ ތައުލީމު ފޮހެލަން އެބަ މަސައްކަތް ކުރޭ: އިޔާޒް

ރާއްޖެއިން އަރަބި އިސްލާމީ ތައުލީމް ފުހެލުމަށް އެޑިއުކޭޝަން މިނިސްޓްރީގެ ތެރޭގައި ތިބި މަސައްކަތް މަސައްކަތް ކުރަމުންދާ ކަމަށް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެންބަރު ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފް ވިދާޅުވެއްޖެ އެވެ.

އިޔާޒް މިހެން ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ ފުޅާކޮށް ބޮޑުކޮށްފަައިވާ "އިންޑިއާ އައުޓް" ކެމްޕެއިންގެ ހުރިހާ ހަރަކާތްތައް ހުއްޓުވަން ކަމާގުޅޭ އިދާރާތަކަށް އަންގާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ނެރުއްވި ގަރާރަށް ގޮންޖެއްސެވި ކަމަަށް ބުނެ އަރަބިއްޔާ ސުކޫލުގެ ހަދީސް ޓީޗަރު އައްޝައިހް ޒަމްޒަމް ފާރިސް ސަަސްޕެންޑް ކުރުމާއި ގުޅިގެންނެވެ. ޒަމްޒަމް ފާރިސްއަކީވެސް އަދާލަތު ޕާޓީގެ މެންބަރެކެވެ. މީގެ ކުރީން އިޔާޒަށްވެސް ވަނީ ފިޔަވަޅު އަޅާފައެވެ. އަދި އޭނާ ވަނީ މަގާމުންވެސް ވަކިކޮށްފައެވެ.

އިޔާޒަކީ މި ސަރުކާރު ދިފާއު ކުރުމަށް ސޯޝަލް މީޑިއާގައި އެންމެ ބޮޑަށް ވަަކާލާތު ކުރައްވާ އިލްމުވެރިޔާ އެވެ. ރައީސް ސޯލިހާއި މި ސަރުކާރުގައި ތިއްބެވި އަދާލަތުގެ އިސްވެރިންނަށް އަމާޒުވާ ކޮންމެ ފާޑުކިޔުމެއްގެ ދިފާއުގައި އެންމެ ފުރަތަމަ އަދި އެންމެ ވަރުގަދައަށް ތެދުވަނީ އޭނާ އެވެ.

އޭނާ ވިދާޅުވީ ޝައިހް ޒަމްޒަމްއަކީ ދީނީ އިސްލާހީ މަަސައްކަތުގައި ވަރަށް އިހުލާސްތެރި އަދި ތެދުވެރި ވަފާތެރި ބޭފުޅެއް ކަމަށެވެ. ޒަމްޒަމްއަށް ފިޔަވަޅު އެޅުމުގެ އަސްލަކީވެސް އެއީ ކަމަށް ވިދާޅުވިއެވެ. އެ ފިޔަވަޅަކީ ގައިރު ގާނޫނީ ފިޔަވަޅެއް ކަމަށް ސިފަކޮށް އިޔާޒް ވިދާޅުވީ ރާއްޖެއިން އަރަބި އިސްލާމީ ތައުލީމް ފުހެލުމަށް އެޑިއުކޭޝަން މިނިސްޓްރީގެ ތެރޭގައި ތިބި މަސައްކަތް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އިޔާޒްގެ މި ވާހަކަތަކާއި ގުޅިގެން ވަރަށް ގިނަ ބަޔަކު މި ހާލަތުގައިވެސް ސަރުކާރު ދިފާއު ކުރައްވަނީ ކީއްވެގެންތޯ ސުވާލު ކުރައްވާފައެވެ. އަދި ސަރުކާރުގެ ތެރޭގައި ތިބި އެއް ބަޔަކު ވަރަށް ބޮޑަށް ގޯސްވެ އަނެއް ބަޔަކު އެއީ އެ ގޯސްތަކުން ސަލާމަތްވެގެންވާ ރަނގަޅު ބައެއްގެ ގޮތުގައި ބަލަނީ ކިހިނެތްތޯވެސް ސުވާލުކޮށްފައެވެ.