ހަބަރު

ކޮރަޕްޝަން ހިމެނޭތީ 637 މިލިއަން ރުފިޔާ ހޯދުމަށް އޭޖީގައި އެދިއްޖެ

ކޮރޮޕްޝަންގެ އަމަލުތަކުން ދައުލަތަށް ގެއްލިފައިވާ 637 މިލިއަން ރުފިޔާ ހޯދުމާއި ބެހޭ ގޮތުން އެޓާނީ ޖެނެރަލް އޮފީހާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ ދެމެދު މަޝްވަރާކޮށްފި އެވެ.

އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނީ އެ ކޮމިޝަނުން 2009 ވަނަ އަހަރުން ފެށިގެން މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ތަހުގީގު ކުރި ކޮރަޕްޝަންގެ މައްސަލަތަކުގައި ހިމެނޭ، 511.7 މިލިއަން ރުފިޔާ ހޯދުމަށް ދައުވާ ކޮށްދިނުމަށް ޕީޖީއަށް މައްސަލަތައް ފޮނުވާފައިވާ ކަމަށެވެ. އަދި ކޮރަޕްޝަން ހިމެނޭ ކަމަށް ސާބިތުވެފައި ވާތީ، ފައިސާ އަނބުރާ ހޯދުމަށް ދައުލަތުގެ އޮފީސްތަކުގައި އެދިފައިވާ މައްސަލަތަކުގައި ހިމެނޭ ފައިސާގެ އަދަދު 125.4 މިލިއަން ރުފިޔާ އަށް އަރާ ކަމަށް ވެސް ވެސް ކޮމިޝަނުން ބުންޏެވެ.

އޭސީސީ އިން ބުނީ މިއަދު ބޭއްވި ބައްދަލުވުމުގައި މިމައްސަލަތަކުގެ ތަފްސީލު އެޓާނީ ޖެނަރަލް އޮފީހާ ހިއްސާކޮށްފައިވާނެ ކަމަށެވެ. އަދި އެފައިސާ ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް އެދިފައިވާ ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.