މިނިސްޓްރީ އޮފް އެޑިއުކޭޝަން

ސަސްޕެންޑް ކުރީ ގާނޫނާ ހިލާފަށް: ޒަމްޒަމް

Apr 22, 2022
1

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރަށް ގޮންޖަހައި އެ ނިންމެވުމަށް ފާޑުކީ ކަމަށް ބުނެ ވަޒީފާއިން ސަސްޕެންޑް ކުރީ ގާނޫނާއި ގަވާއިދާއި ޚިލާފަށް ކަމުގައި ޝައިޚު ޒަމްޒަމް ފާރިޝް ވިދާޅުވެއްޖެ އެވެ.

ވަޒީފާއަށް ނިކުތުން މަނާކޮށް އެޑިޔުކޭޝަން މިނިސްޓްރީން ޒަމްޒަމް އަށް ފޮނުވާފައިވާ ލިޔުމުގައި ބުނެފައިވަނީ ރައީސްގެ ގަރާރަށް ސީދާކޮށް ފާޑުކިޔާ އެ ނިންމެވުމަށް ގޮންޖަހާ އިންޑިއާ އައުޓް ހަރަކާތަށް ހިތްވަރު ލިބޭ ގޮތަށް އޭނާ ޓްވީޓް ކުރައްވާފައިވާ ކަމަށެވެ. އެކަމަކީ ސިވިލް ސާވިސް ގަވާއިދުގައި ބަޔާން ކުރާ ސާވިސް މުވައްޒިފެއްގެ ދައުރާއި ޒިންމާތަކާއި އަދި އުޅުމާއި ސުލޫކު ބަހައްޓަން ޖެހޭ ގޮތާއި އަދި ކޯޑް އޮފް ކޮންޑަކްޓާއި ތައާރުޒުވާ ކަމެއް ކަމަށެވެ. އެފަދަ މައްސަލަ ތަކުގައި މީގެ ކުރީންވެސް ޒަމްޒަމް ހާޒިރުކޮށް ސުވާލުކޮށް ނަސޭހަތް ދީފައިވާނެ ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.

ޒަމްޒަމްގެ އަމަލަކީ އެކުގައި މަސައްކަތް ކުރާ މުވައްޒިފުންނާއި ކިޔަވައިދޭ ދަރިވަރުން އަދި އަފްރާދުންގެ މެދުގައި ރުޅިވެރިކަމާއި ނަފްރަތު އުފެދުމާއި ހަމަނުޖެހުމަށް ހިތްވަރު ދެވޭ އަދި އެކަން ކަމަށް މަގުފަހިވާ ފަދަ އަމަލަކަށްވާތީ އެކަން ބަލާ ތަހުގީގުކޮށް ނިމެންދެން ޝައިހް ޒަމްޒަމް ފާރިސް ސަސްޕެންޑް ކުރާ ކަމަށްވެސް ލިޔުމުގައިވެ އެވެ.

ޒަމްޒަމް މިއަދު ވިދާޅުވީ އޭނާ ޓްވީޓް ކުރީ ގާނޫނާއި ގަވައިދާ ހިލާފަށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާފައިވާ ބެނާއެއް ގައުމީ ސަލާމަތަށް ނުރައްކާވާ ސަބަބުން ނުވިސްނޭތީ އެކަން ސާފުކޮށްލުމަށް ކަމަށެވެ.

"މީހަކަށް އެއްޗެއް ނުވިސްނިގެން ޓުވީޓެއް ކުރުމުން އެމީހަކު ވަޒީފާއިން ސަސްޕެންޑް ކުރުމުގެ ބަދަލުގައި އެކަން ވިސްނައިދިނުން ނޫބާ އަސްލު އޮންނާނެ ގޮތަކީ. އަޅުގަނޑަށް ގަބޫލު ކުރެވެނީ މިއީ އަދުލުން ބޭރުން ގާނޫނާއި ޤަވާއިދާއި ހިލާފަށް އަޅާފައިވާ ފިޔަވަޅެއް ކަމުގައި. އަދި މި މަސައްލަ ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހަޅަން މާތްﷲ ހެޔޮ ތައުފީގު ދެއްވާށި،" ޒަމްޒަމް ވިދާޅުވި އެވެ.

ޒަމްޒަމް އިތުރަށް ވިދާޅުވީ މީގެކުރިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާ ބައްދަލުވި ދުވަހަކު އޭނާ އަށް ވަޒީފާގެ ބިރު އޮތް ކަމަށް ދެންނެވި ކަމަށެވެ. އެކަމަކު ވަޒީފާގެ ބިރު ނޯންނާނެ ކަމުގެ ޔަގީންކަން ދެ ބޭފުޅުން އޭރު ދެއްވެވި ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑު ގުރުއާނާއި ސުންނަތާއި ގާނޫނުއަސާސީއާ ހިލާފު ނުވާނެހެން އަދި ރައީސް އަށް ވެސް އެއްވެސް ޗެލެންޖެއް ކުރުމެއް ނެތި ފާޅުކުރި ހިޔާލަކާ ގުޅިގެން ފިޔަވަޅު އެޅުމަކީ ރައީސް އާއި މިނިސްޓަރު އަޅުގަނޑަށް ދެއްވި ޔަގީންކަމަށް ކުރެވިގެން ދިޔަ ވަރަށް ބޮޑު ކުޑައިމީސް ކަމެއް ކަމުގައި އަޅުުގަނޑަށް ވިސްނެނީ،" އަރަބިއްޔާ ސުކޫލުގެ ހަދީސް ޓީޗަރު ޒަމްޒަމް ވިދާޅުވި އެވެ.

އިންޑިއާ އައުޓް ކެމްޕޭނުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ރައީސް ސޯލިހް ކަނޑައެޅުމާ ގުޅިގެން ފުލުހުން ނިކުމެ އިދިކޮޅު ލީޑަރު އަދި ރައީސް ޔާމީންގެ ގެކޮޅުގައި ނަގާފައިވާ "އިންޑިއާ އައުޓް" ބޮޑު ބެނާ ވަނީ ނަގާފަ އެވެ. އަދި އިދިކޮޅު ޕީޕީއެމްގެ އޮފީހުގެ ބޭރުގައި ހަރުކޮށްފައިވާ ބެނާވެސް ވަނީ ނަގާފަ އެވެ. ރައީސްގެ ގަރާރުގައި އިދިކޮޅު ކޯލިޝަނުން ހިންގާ އިންޑިއާ އައުޓް ކެމްޕޭނުގެ ސަބަބުން އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގުޅުމަށާއި، ރާއްޖޭގެ ތަރައްގީއަށާއި އަދި މި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް ހުރަސްއެޅިގެންދާ ކަމަށްވެސް ވިދާޅުވެފައިވެ އެވެ.