އެމްއެންޑީއެފް

ފެމިނާ ދޯނި ފުންކޮށްފި

Apr 22, 2022

އައްޑޫ ސިޓީގެ ހުޅުމީދޫއާއި ސައުތުޕާމް ރިސޯޓާ ދޭތެރެއިން ކަނޑާފައިވާ ނެރުން ވަންނަން އުޅުމުގެ ތެރޭގައި ނެރުގެ ކަންމައްޗަށް އުރުނު "ފެމިނާ" ދޯނި ފުންކޮށްފި އެވެ.

ފެމިނާ ދޯނި އުރުނީ ރޭ 7:00 ޖަހާއެހާއިރު އެވެ. މި ހާދިސާގެ މައުލޫމާތު ކޯސްޓްގާޑަށް ރިޕޯޓްކޮށްފައިވަނީ ރޭ 7:22 ގައެވެ.

ދޯންޏަކަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ސިފައިންގެއިން ބުނީ ހާދިސާގެ މައުލޫމާތު ލިބުމާއެކު ސިފައިންގެ ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން ދޯނި އޮތް ސަރަހައްދަށް ގޮސް ދޯނި ފުންކުރުމުގެ މަސައްކަތް ފެށި ކަމަށެވެ.

ދޯނި ފުންކުރީ ސިފައިންނާއި ފުލުހުންނާއި، ދޯނީގެ ވެރިފަރާތުން އެމްޓީސީސީގެ ޓަގު ބޯޓަކާއި އެ ސަރަހައްދުގައި މަސްވެރިކަމުގައި އުޅުނު ބައެއް މަސް ދޯނިތަކުގެ އެހީތެރިކަން ހޯދައިގެން ކުރި މަސައްކަތުން މިއަދު ހަވީރު 5:10 ހާއިރު އެވެ.

އެމްއެންޑީއެފް އިން ބުނީ މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް ދޯނީގެ ހުންގާނު ބިންދައިގެންގޮސް، ބުރަފައްޗަށް ގެއްލުން ލިބިފައިވެ އެވެ.