ޖޭއެސްސީ

އައްބާސްގެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

Apr 22, 2022
1

އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީންގެ ގެ -- ހ. ދޫވެއްސާއި އިދިކޮޅު ޕީޕީއެމްގެ އޮފީހުގެ ބޭރުގައި ދަމާފައި ހުރި "އިންޑިއާ އައުޓް" ބެނާ ނެގުމަށް ކޯޓު އަމުރު ނެރުއްވި ގާޒީ އަށް އިންޒާރު ދިން ކަމަށް ތުހުމަތުކޮށް އައްބާސް އާދިލް ރިޒާގެ މައްސަލަ ބަލައިދިނުމަށް ފުލުހުންނަށް ހުށަހަޅައިފި އެވެ.

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ސަރުކާރުގެ ތަރުޖަމާނަކަށް ހުންނެވި އައްބާސްގެ މައްސަލަ ފުލުހުންނަށް ހުށަހެޅީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިންނެވެ.

އިންޑިއާ އައުޓް ބެނާ ނެގުމަށް ކޯޓު އަމުރު ނެރުއްވީ ކްރިމިނަލް ކޯޓުގެ ގާޒީ މުހައްމަދު މިސްބާހް އެވެ.

ކޯޓު އަމުރުގައި ގާޒީގެ ނަން އޮތް ތަންކޮޅުގެ ފޮޓޯއަކާ އެކު އައްބާސް އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާޒީ މިސްބާހް މަތިން ހަނދާންނެތި ދާނެތީ ހަނދާނުގައި ބެހެއްޓުމަށްޓަކައި ޓްވީޓް ކުރެއްވީ ކަމަށެވެ. އޭގެފަހުގައި ގޮވާލެއްވީ އަނިޔާވެރި އަމަލެއް ހިންގުމަށެވެ.

"މި ގާޒީ މަތިން ހަނދާން ނެތިދާނެތީ ހަނދާނުގައި ބެހެއްޓުމަށް ޓުއިޓް ކޮށްލީ. ވަރަށް ރަގަޅަށް ވާނެ ބަލާ ފާސްކުރަނީ. މަޖީދީމަގުގަ ހުރިހާ 'ގައްދާރުން' ވާޖަހާ ދަމަންވާނެ." އައްބާސް ކުރެއްވި ޓްވީޓްގައިވެ އެވެ.

ސަރުކާރުގެ ބައެއް އިސްވެރިންނާ ދެކޮޅަށް އަނިޔާވެރި އަމަލުތައް ހިންގަން ހިތްވަރު ލިބޭ ގޮތަށް މީގެކުރިން ވެސް އައްބާސް ވަނީ ލައިވް ޓީވީގައި އާއި ސޯޝަލް މީޑިއާގެ ވަސީލަތްތަކުގައި ވާހަކަދައްކަވާފަ އެވެ.

އިންޑިއާ އައުޓް ކެމްޕޭނުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިއްޔެ ކަނޑައެޅުއްވުމާ ގުޅިގެން ފުލުހުން ނިކުމެ އިދިކޮޅު ލީޑަރު އަދި ރައީސް ޔާމީންގެ ގެކޮޅުގައި ނަގާފައިވާ "އިންޑިއާ އައުޓް" ބޮޑު ބެނާ ވަނީ ނަގާފަ އެވެ. އަދި އިދިކޮޅު ޕީޕީއެމްގެ އޮފީހުގެ ބޭރުގައި ހަރުކޮށްފައިވާ ބެނާވެސް ފުލުހުން ވަނީ ނަގާފަ އެވެ. ރައީސްގެ ގަރާރުގައި އިދިކޮޅު ކޯލިޝަނުން ހިންގާ އިންޑިއާ އައުޓް ކެމްޕޭނުގެ ސަބަބުން އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގުޅުމަށާއި، ރާއްޖޭގެ ތަރައްގީއަށާއި އަދި މި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް ހުރަސްއެޅިގެންދާ ކަމަށްވެސް ވިދާޅުވެފައިވެ އެވެ.