ދުނިޔެ

އިނގިރޭސިވިލާތުގެ ސްޕަމާކެޓްތަކުން މީހަކަށް ދެފުޅި ކައްކާތެޔޮ

އިނގިރޭސިވިލާތުގެ ސްޕަމާކެޓްތަކުން ކައްކާ ތެޔޮ ހުސް ވެދާނެ ކަމުގެ ބިރު ބޮޑުވެއްޖެ އެވެ. އާންމުން ތެޔޮ ބޭނުންކުރާ މިންވަރާ މެދު ހޭލުންތެރި ކުރުވައި މީހަކަށް ދެފުޅި އަދި ބައެއް ފިހާރަތަކުން ގިނަވެގެން ގަނެވޭ އަދަދަކީ ތިންފުޅި ކަމަށް ވަނީ ހަމަޖައްސާފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އިނގިރޭސިވިލާތުގައި ކައްކާ ތެޔޮ އަދި ޚާއްސަކޮށް ސަންފްލާވާ ތެޔޮ ދަތިވެފައި ވަނީ ރަޝިއާ - ޔުކްރޭންގެ ހަނގުރާމައިގެ ސަބަބުންނެވެ. އިނގިރޭސިވިލާތަށް އެންމެ ގިނައިން ސަންފްލާވާ ތެޔޮ އެތެރެ ކުރަނީ ޔުކްރޭނުން ކަމަށް ވާތީ އެވެ.

ސްޕަމާކެޓްތަކުގެ އޮފިޝަލުން ބުނާ ގޮތުން ތެލުގެ ސަޕްލައި ދެމެހެއްޓުމަށްޓަކައި ސަޕްލަޔަރުންނާ ދަނީ ވާހަކަ ދައްކަމުންނެވެ. އަދި އެހެން ކޮޅެއް ހޯދުމުގެ މަސައްކަތް ހަލުއިކޮށް ކުރެވޭ ކަމަށް ވެސް ބުންޏެވެ.

ފިހާރަތަކުން ކައްކާ ތެޔޮ ވިއްކާ އަދަދު މަދުކޮށް އެކަމުގައި އެއްބާރުލުމަށް ކަސްޓަމަރުންނަށް ވަނީ އަންގާފަ އެވެ. އަދި ބައެއް ފިހާރަތަކުގެ ބޭރުގައި "މީހަކަށް ތިންފުޅި، އޭރުން ކޮންމެ މީހަކަށް ވެސް ތެލުން ކުރަން ބޭނުން ކަމެއް ކުރެވޭނެ' ލިޔެފައި ހުންނަ ކަމަށް ޚަބަރުތައް ބުނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އިނގިރޭސިވިލާތުގައި ތެލުގެ ހުރިހާ ވައްތަރެއް، ޒައިތޫނި ތެޔޮ އަދި އަދި އެކި ވައްތަރުތަކުގެ އޮށުން އުފައްދާ ތެޔޮ ވިއްކުން ވަނީ ކޮންޓްރޯލް ކޮށްފަ އެވެ. ކާބޯތަކެތީގެ ތެރެއިން މީހުން އާންމުކޮށް ގިނައިން ގަންނަ ވައްތަރުތައް އެއްފަހަރާ އެހާ ގިނައިން ނުގަތުމަށް ވެސް އާންމުންގެ ކިބައިން ވަނީ އެދިފަ އެވެ.

ދުނިޔޭގައި ހިނގާ ބޮޑެތި ހާދިސާތަކާ ގުޅިގެން މީހުން އާންމުކޮށް ގިނަ އަދަދަކަށް ކާބޯތަކެތި ގަނެ ރައްކާކުރެ އެވެ.