ދުނިޔެ

އިނގިރޭސިން ބުނަނީ ރަޝިއާ އަތުން ތެޔޮ ނުގަންނަ ކަމަށް އެކަމަކު އެއީ ބޮޑު ދޮގެއް

ރަޝިޔާ ސިފައިން ފެބްރުއައީ 24ގައި ޔުކްރޭނަށް އަރައިގަނެ ހިންގަމުން ގެންދާ ޖަރީމާތައް ކުށްވެރި ކުރުމުގައި އިނގިރޭސިވިލާތް އޮތީ ޔޫރަޕާ އެކުގަ އެވެ.

އިގުތިސާދީ ގޮތުން މޮސްކޯއަށް ދަތިކޮށް ހިރިނުލެވޭ ވަރުކުރަން ކަރުން ނާރުނަގާ ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތް އޮތީ އެމެރިކާ ފަހަތުގައި -- ދެވަނައިގަ އެވެ.

ރަޝިއާއަށް ދަތިކުރެވެން އޮތީ ރަޝިއާއިން އިނގިރޭސިވިލާތަށް އެތެރެކުރާ ހަކަތައިގެ ހުރިހާ ބާވާތެއް ހުއްޓާލައިގެން ކަމަށް ބުނެ އިނގިރޭސި ސިޔާސީ ލީޑަރުން ކިތަންމެ ހަލޭކެއްލެވި ނަމަވެސް ބައެއް ރިޕޯޓްތައް ބުނާ ގޮތުން އިނގިރޭސިވިލާތުން މިހާރު ވެސް ރަޝިއާގެ ތެޔޮ ސިއްރުން އިމްޕޯޓްކުރެ އެވެ.

އިނގިރޭސިވިލާތަށް ރަޝިއާގެ ތެޔޮ މިހާރު އެތެރެކުރަނީ އޮޅުވާލައިގެން އެއީ ޕޮލޭންޑުންނާއި ބެލްޖިއަމުން އަދި ނެދަލޭންޑްސް އާއި ލަޓިވިއާއިން ގެންނަ ތެޔޮ ކަމަށް ހަދައިގެން ނެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޔުކްރޭން ހަނގުރާމަ އެންމެ ވަރުގަދަ ދުވަސް ވަރުވެސް އިނގިރޭސިވިލާތުން ވަނީ ރަޝިއާގެ ތެޔޮ ޓޭންކަރުތަކަށް ބަނދަަރުން ޖާގަ ހަދައިދީފަ އެވެ.

އެ ގޮތުން އެކި ފަހަރު އެކި ވަރަށް ތެޔޮ ގަނެ ޔުކްރޭން ހަނގުރާމާއިގެ ތެރޭގައި އިނގިރޭސިވިލާތުން ވަނީ 236 މިލިއަން ޑޮލަރުގެ ތެޔޮ ރަޝިއާއިން އެތެރެކޮށްފައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އިނގިރޭސިވިލާތަށް ރަޝިއާގެ ތެޔޮ އެތެރެކުރުމަށް ތަފާތު ބަނދަރުތައް ބޭނުންކުރާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

ޔުކްރޭން ހަނގުރާމައަށް އެއްމަސް ފަހުން -- ފާއިތުވި އޭޕްރީލުން އަހަރުގެ ތިންވަނަ ކުއާޓަރު ވެސް ނިމެނޭ ގޮތުން އިނގިރޭސިވިލާތަށް އެތެރެކުރި ތެލަށް 919 މިލިއަން ޑޮލަރު ރަޝިއާއަށް ފޮނުވާފައިވާ ކަމަށް ސިއްރު ރިޕޯޓްތައް ބުނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އިނގިރޭސިވިލާތަށް މަނާވެފައި އޮތީ ރަޝިއާއިން ސީދާ އިންޕޯޓް ނުކުރުމެވެ. އެހެން ނަމަވެސް ރަޝިއާގެ ހަކަތަ ދުނިޔޭގެ އެހެން ދިމަދިމާގައި އެނބުރި އިނގިރޭސިވިލާތަށް ދިޔަ ނަމަވެސް އެއީ ރަޝިއާއިން އެތެރެކުރި ތަކެތީގެ ގޮތުގައި ނުބަލަ އެވެ.

އެހެންކަމުން ރަޝިއާއާ ދެކޮޅަށް ކޮންމެ ފަދަ ދަތިކުރުންތަކެއް ތަަންފީޒުކުރި ނަމަވެސް ރަޝިއާގެ ހަކަތަ ޔޫރަޕްގައި އަދި ޔޫރަޕުން ބޭރުގައި ދަރުރުކުރެވޭ ގޮތް ހަދާނެ ކަމަށް އެ މަސައްކަތްތަކުގައި އުޅޭ އޮފިޝަލުން ބުނެ އެވެ.