އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގެ ޕްރޮސެކިއުޓަރު ކަރީމް ޚާންއަށް ރަޝިއާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި އެވެ.
ރަޝިއާ، ޔުކްރޭން ހަނގުރާމާގައި އިންސާނިއްޔަތާ ހިލާފު އަމަލުތައް ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ހިންގަވާފައިވާ ކަމަށް ތުހުމަތުކޮށް -- މި އަހަރުގެ މާޗުގައި އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ޕޫޓިން ހައްޔަރުކުރަން އަމުރު ނެރުއްވީ ކަރީމް ޚާން އެވެ.
އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގެ މި އަމުރަކީ އިނގިރޭސިވިލާތުން ސްޕޮންސާކޮށްގެން ނެރުނު އަމުރެކެވެ.
މިހެން ކަން ހިނގައި ދިއުމުން، ކަރީމް ޚާންގެ އިތުރުން އިނގިރޭސިވިލާތުގެ ކުޅިވަރާ ބެހޭ ވަޒީރު ލޫސީ ފްރޭޒާ އާއި އިނގިރޭސި ދިފާއީ ވަޒީރުގެ ނައިބު އެނަބެލް ގޯލްޑީއަށް ރަޝިއާއިން ވަނީ ދަތިކޮށްފަ އެވެ.
ބީބީސީގެ ބައެއް ނޫސްވެރިން އަދި ޑެއިލީ ޓެލެގްރާފްގެ ބައެއް ނޫސްވެރިންނަށް ވެސް ރަޝިއާއިން ވަނީ ދަތިކޮށްފަ އެވެ.
އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ޕޫޓިން ހައްޔަރުކުރަން އަމުރު ނެރުމާ އެކު -- ކަރީމް ޚާން ހައްޔަރުކުރަން ރަޝިއާއިން ވެސް ވަނީ އަމުރު ނެރެފަ އެވެ.
ރަޝިއާ އަކީ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގެ މެމްބަރު ގައުމެއް ނޫނެވެ. މިހެންކަމުން ޕޫޓިން ހައްޔަރުކުރަން ނެރުނު އަމުރަށް ރަޝިއާގެ އެއްވެސް އިދާރާއަކުން އަމަލެއް ނުކުރާނެ އެވެ.
ޔުކްރޭން ހަނގުރާމައާ ގުޅިގެން ރަޝިއާއަށް ދަތިކުރި ގައުމުތަކާ ދެކޮޅަށް ރަޝިއާ ވެސް ވަނީ އެކަށިގެންވާ ފިޔަވަޅު އަޅާފަ އެވެ. މި ގޮތުން މި ގައުމުތަކަށް ނިސްބަތްވާ 54 މީހެއްގެ މައްޗަށް ރަޝިއާ އިން ވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފަ އެވެ.
ޔުކްރޭން ހަނގުރާމަ ފެބްރުއަރީ 2022 ގައި ފެށި ފަހުން އިނގިރޭސިވިލާތަކީ ޔުކްރޭނަށް ވަރަށް ބޮޑަށް ތާއީދުކުރާ ގައުމަކަށް ވަނީ ވެފަ އެވެ.
ހުޅަނގުން ހަތިޔާރު ހޯދުމާއި ޔުކްރޭނަށް މާލީ ގޮތުން ފަންޑުކުރުމުގައި ވެސް އިނގިރޭސިވިލާތަކީ ވަރަށް މުރާލި ގައުމެކެވެ. އަދި އިނގިރޭސި ސަރުކާރުގެ ވަކިވަކި ވަޒީރުން ވެސް ތިބީ ޔުކްރޭނަށް މަރުދޭ ހާލަތުގަ އެވެ.
ރަޝިއާއާ ދެކޮޅަށް މައުލޫމާތު ފެތުރުމާއި ބައިނަލްއަގްވާމީ ނިޒާމުތަކުން ރަޝިއާ ބޭރުކުން ގޮވާލައި ގައުމުތަކަށް ޕްރެޝަރު ކުރުމުގައި ވެސް އިނގިރޭސި ވަޒީރުން ހިމެނެ އެވެ.