ދުނިޔެ

ބުނާ ވަރަކަށް ހަތިޔާރުދޭން މިއީ އެމެޒޯނެއް ނޫން: އިނގިރޭސިވިލާތް

ރަޝިއާއާ ދެކޮޅަށް ޔުކްރޭން ކުރަމުން ގެންދާ ހަނގުރާމައިގައި އެހީތެރިވާން ތިބި ގައުމުތަކާ މުޚާތަބުކުރާއިރު އަމުރުވެރިވުމަކީ ޔުކްރޭނަށް ހެދޭ ވަރަށް ބޮޑު ގޯހެއް ކަމަށް އިނގިރޭސި ދިފާއީ ވަޒީރު ބެން ވެލަސް ވިދާޅުވެއްޖެ އެވެ.

ލިތުއޭނިއާގައި އިއްޔެ ނިމުނު ނޭޓޯ ސަމިޓްގެ ތެރެއިން ހިނގާދިޔަ ހާދިސާއެއް އިނގިރޭސި ނޫސްތަކަށް އޮތީ އަރާފަ އެވެ.

ބޭނުންތައް ބާހާލައިގެން ކެތްތެރިވާން ދަސްކުރަން ޖެހޭ ކަމަށްވެސް ޔުކްރޭނަށް ނިސްބަތްކޮށް އިނގިރޭސި ވަޒީރު ވިދާޅުވި ކަމަށް ވެއެވެ.

އިނގިރޭސި ދިފާއީ ވަޒީރު ވިދާޅުވި ކަމަށް ނޫސްތަކުގައި އޮތީ -- ޔުކްރޭނަށް ހަތިޔާރު ފޯރުކޮށްދިނުމުގައި އަވަދިނެތި އުޅެނިކޮށް، އަނެއްކާވެސް ހަތިޔާރަށް ކިޔަން ފެށުމުން އެެއީ ބޮޑުވަރު ކަމަށް ވަޒީރު ވިދާޅުވި ކަމަށެވެ.

ބެން ވެލަސް އަކީ ޚަބަރުތައް ބުނާ ގޮތުން ޔުކްރޭނަށް ވަރަށް ތާއީދުވެސް ކުރައްވާ ބޭފުޅެކެވެ. އެެހެންނަމަވެސް، ޔުކްރޭންގެ ކަންތައް މާބޮޑުވުމުން ވަޒީރުގެ ބޮލަށް އުނދަގޫވެ ވަޑައިގަތީ އެވެ.

ވަޒީރު ވިދާޅުވި ގޮތުގައި ޔުކްރޭނަށް ހަތިޔާރު ފޯރުކޮށްދެނީ އަމިއްލަ ގުދަންތަކުންނެވެ. މާނަ އަކީ އެއީ ގައުމަށް ކަމެއް ޖެހިއްޖެ ނަމަވެސް ބޭނުންކުރަން ހުރި ހަތިޔާރެވެ.

އޯޑަރު ދިނުމުން ބޭނުންހާ އަދަދަކަށް ހަތިޔާރު ފޮނުވަން އިނގިރޭސިވިލާތުގައި އެމެޒޯން ސުޕަމާކެޓްގެ ގުދަންތަކެއް ނުހުންނަ ކަމަށް ވަޒީރު ވިދާޅު ކަމަށް ވެއެވެ.

ޔުކްރޭނަށް މިހާރުވެސް އެތައް ބިލިއަން ޑޮލަރެއްގެ ހަތިޔާރު ފޯރުކޮށްދެވިއްޖެ ކަމަށާއި، ސަޕްލައިކޮށްދެވޭނީ އަތުގައި ހުރި އެއްޗަކުން ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.

އިނގިރޭސި ނޫސްތަކުގައި ހުރި ވާހަކަތަކާ ބެހޭ ގޮތުން ވެލަސްއާ ސުވާލުކުރުމުން އޭނާ ވިދާޅުވީ އެއީ ތެދެއް ކަމަށެވެ. އެފަދައިން މުއާމަލާތް ކުރެވުނު ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ބެން ވެލަސް ވިދާޅުވީ ޔުކްރޭންގެ އޮފިޝަލުން ހީވަނީ ފަޔަށް ހިނިއަރައިގެން އުޅޭހެން ކަމަށެވެ. އަނގަމަޑުނުކޮށް އަބަދު ހަތިޔާރަށް ކިޔަނީ ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ ޔުކްރޭނުން އޭނާއަށް ބަދުބަސް ބުނާ ކަމަށާއި -- ކިތަންމެ ހެޔޮ ކަމެއް ކޮށްދިން ނަމަވެސް އެއީ ޝުކުރު ކުރުމެއްވެެސް އޮންނަ ބައެއް ނޫން ކަމަށެވެ.