އިންޑިޔާގެ އަންދްރަ ޕްރަދޭޝްގެ އަވަށެއް ލޮކްޑައުން ކޮށްފި އެވެ. ނަމަވެސް މި އަވަށް ލޮކްޑައުންކުރީ ކޮވިޑް-19 އިތުރު ވެގެނެއް ނޫނެވެ. އެ އަވަށާއި އަވަށުގެ ވަށައިގެންވާ ސަރަހައްދުގައި ޝައިތާނީ ރޫހެއް އުޅޭކަމަށް އަވަށު މީހުންނަށް ހީވެގެން އެމީހުން އަމިއްލައަށް ރަށް ލޮކްޑައުން ކުރީ އެވެ.
ސްރީކަކުލަމް ޑިސްޓްރިކްޓްގައި އޮންނަ ސަރުބުއްޖިލީ މަންޑަލް ވިލެޖުގެ ފުލުހުން މިހާރު ވަނީ ކައުންސިލް މެމްބަރުންނަށް މިހެން މިކަން ނުކުރަން އިރުޝާދުދީ އެމީހުން ހޭލުންތެރި ކުރުވުމުގެ މަސައްކަތް ފަށާފަ އެވެ. އަދި މީގެ ފަހުން މިފަދަ ކަމެއް ތަކުރާރު ނުކުރުމަށް ވެސް ފުލުހުން ވަނީ އެ އަވަށުގެ އިސް ވެރިންނަށް އިންޒާޜު ދީފަ އެވެ.
މި އަވަށް ލޮކްޑައުން ކޮށްފައި ވަނީ އެޕްރީލް 17 އިން 25 އަށެވެ. މި މުއްދަތުގެ ތެރޭގައި އަވަށުގެ އެއްވެސް މީހަކު އަވަށުން ބޭރަށް ނިދިއުމަށް ކައުންސިލުން ވަނީ އަންގާފަ އެވެ. އެއީ އަވަށުގެ ތެރޭގައި އުޅޭ "ޝައިތާނީ ރޫހުތައް" އެމީހުންގެ ހަށިގަނޑަށް ވެރިވެގަނެފާނެތީ އަންގާ އެންގުމެއް ކަމަށް ވެއެވެ.
އެ ސަރަހައްދުގެ ޕޮލިސް ކޮމިޝަނަރު ވިދާޅުވި ގޮތުގައި އަވަށް ލޮކްޑައުންކުރި ކަން އެނގިގެން ފުލުހުން ގޮސް އަވަށުގެ އިސް މީހުންނާ ބައްދަލުކޮށް ވާހަކަ ދައްކައިގެން މިހާރު ލޮކްޑައުން ވަނީ އުވާލާފަ އެވެ.
"އަވަށުގެ މީހުން ދެ ދުވަސް މަންދެން ފާޑެއްގެ މަންތަރުތަކެއް ހަދައި ކިޔެވެލިތަކެއް ކިޔެވުމަށް ފަހު އަވަށުގައި އެންމެން ބަންދުވީ. ދެން އިތުރު ކިޔެވެލިތަކެއް ކިޔަވާފައި ނޫނީ އެކަކުވެސް އަވަށުން ބޭރަށް ނުދެވޭ ގޮތަށް ބަންދުކުރީ،" ފުލުހުންގެ އިސް އޮފިޝަލް ވިދާޅުވި އެވެ.
އެ އަވަށުގެ މީހެއްކަމަށްވާ ސްރީނޫ ބުނި ގޮތުގައި އެމީހުންގެ ކާބަފައިން ވެސް މި ކިޔެވެލި ކިޔަވާ ހަދާފައި ވެއެވެ. އަދި ފާއިތުވީ 20 ވަރަކަށް އަހަރު އަވަށް އަމާންކަމުގައި އޮތީ އެހެންވެ އެވެ. ނަމަވެސް ފާއިތުވީ ތިން މަސް ތެރޭގައި އަވަށުގެ ފަސް މީހަކަށް ކުއްލި ގޮތަކަށް ވަނީ މަރުވެފައި ކަމަށާއި މީގެ ތެރޭގައި އަވަށުގެ އެންމެ އިސް މީހާ ވެސް ހިމެނޭ ކަމަށް ސްރީނޫ ބުންޏެވެ.
މިހާ ގިނަ މީހުން ކުއްލިއަކަށް މަރުވުމުން އަވަށުގެ މީހުން އިންތިހާއަށް ބިރުގަނެފައިވާ ކަމަށާއި އެންމެން ވެގެން ސިހުރުހަދާ މީހަކާ ބައްދަލުކޮށް ވެގެން އުޅޭގޮތް އެހުމުން މިއީ އަވަށުގައި އުޅޭ "ޝައިތާނީ ރޫހެއް"ގެ ސަބަބުން ވާ ކަމެއް ކަމަށް ބުނި ކަމަށް ސްރީނޫ ބުނެފައި ވެއެވެ. އަދި އަވަށް ލޮކްޑައުންކުރީ އެންމެންގެ ރައްކާތެރިކަމަށް ކަމަށް އޭނާ ބުންޏެވެ.
އަވަށުގެ އެހެން މީހެއް ކަމަށްވާ ޕާތާސާތީ ބުނީ އެމީހުންގެ އަވަށަށް އައިސްގެން އުޅެނީ ކައިރީގައި އޮންނަ އެހެން އަވަށެއް ކަމަށްވާ ވިޖޭނަގަމް އަވަށުގައި އުޅޭ "ހަންޑި" ތަކެކެވެ. އޭނާ ބުނީ ކޮވިޑް-19 ފެތުރޭތީ ލޮކްޑައުން ކުރިގޮތަށް އެމީހުން މިފަހަރު "ޝައިތާނީ ރޫހުތައް" އަވަށަށް އަތްގަދަ ކުރާތީ ލޮކްޑައުން ކުރީ ކަމަށެވެ.
ސިއްހީ ދާއިރާގެ އޮފިޝަލުންނާއި އެނޫންވެސް އެ ޑިސްޓްރިކްޓްގެ ކަމާ ބެހޭ އިސް ވެރިން އަވަށަށް ގޮސް އަވަށުގެ މީހުންނާ ވާހަކަ ދައްކައިގެން މިހާޜު އެ މިހުން ވަނީ ލޮކްޑައުން އުވާލަން އެއްބަސްވެފަ އެވެ.