ރިސޯތްތަކަށް އަމާޒުކޮށް ކުލި ކުޑަކޮށް ދިނުމުގެ ލުޔަކީ އެންމެ ރަނގަޅު ލުއިތަކެއް ކަމަކަކަށް ގަބޫލު ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ އެސްއޯސީ ކޮމެޓީގެ ނައިބު މުގައްރިރު ހުސައިން މުހައްމަދު ދީދީ ވިދާޅުވެއްޖެ އެވެ.
ޓޫރިމާ ބެހޭ ގާނޫނަށް ގެންނަ އިސްލާހުތަކުގެ ބިލުގެ ބަހުސްގައި ބައިވެރި ވަޑައިގެން، މިދިއަ ބުދަ ދުވަހު ހުސައިން ވިދާޅުވީ ރިސޯޓްތަކުގެ ކުލި ކުޑަ ކުރުމާ ބެހޭ ގޮތުން އޮތް އިސްލާހަކީ މިނިވަން ވޭޖަށް ކުރި އަސަރުގެ ސަބަބުން ކުންފުނިތަކާ ރިސޯޓްތަކަށް ލުއި ކޮށް ދިނުމުގެ އިސްލާހެއްގެ ގޮތުގައި އޮތް އިސްލާހެއް ކަމަށެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްޖްގެ ސެކްރެޓަރީ ޖެނެރަލްކަން ވެސް ކުރައްވާ ހުސައިން ވިދާޅުވީ މިނިވަންވޭޖް 2020 ގައި މަޖިލީހުން ފާސްކޮށް މި އަހަރު ޖެނުއަރީން ފެށިގެން ތަންފީޒު ކުރަމުން އަންނައިރު މިނިމަން ވޭޖް ކަނޑައަޅާފައި ވަނީ ރިސޯޓްކަށް ވަކި މިނިމަން ވޭޖެއް ނެތި، ބޮޑެތި ކުންފުނިތަކަށް 8000 ރުފިޔާ މެދުފަންތިއަށް 7000 ރުފިޔާ ކުދި ވިޔަފާރިތަކަށް 4500 ރުފިޔާ ކަމަށެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ބޮޑެތި ވިޔަފާރިތަކުގެ ތެރޭގައ ހިމެނޭނީ ހަމައެކަނި ރިސޯޓްތަކެއް ނޫން އެހެން ކުންފުނިތައް ވެސް ހިނެނޭ... ޓްރޭޑިން ދާއިރާގައި ހިންގާ ކުންފުނިތައް ވެސް ހިމެނޭނީ ބޮޑެތި ވިޔަފާރިތަކުގެ ތެރޭގައި އެހެންވީމާ ވަކި އިންޑަސްޓްރީއެއްގައި މަސައްކަތް ކުރާ ފަރާތްތަކަކަށް ލުއިތަކެއް ނުވަތަ ކޮންސެސަން ތަކެއް ސަރުކާރުން ދިނުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން. އަދި އެއީ އެހެން އިންޑަސްޓްރީޒްތަކަށް ޑިސްކަރޭޖް ކުރެވޭ ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ. އެހެންވީމަ ކޮމެޓީ މަރުހަލާގައި އެކަން ކަމަށް ބަލައި ރިޔާއަތް ކުރުމަކީ ކުރަންޖެހޭ ވަރަށް މުހިންމު ކަމެއް" ހުސައިން ވިދާޅުވި އެވެ. -- ފަހަކަށް އައިސް ރާއްޖޭގެ މާލީ ކަންކަމާ ގުޅޭ ގޮތުން އިލްމީ ގިނަ ވާހަކަތަކެއް ހުސައިން މަޖިލީހުގައި ދައްކަވަ އެވެ.
އިސްލާހު ގުޅިގެން އަންނ ބައެއް ކަންކަން އިތުރު ތަފުސީލް ކޮށް ދެއްވައި އޭނާ ވިދާޅުވީ މި އިސްލާހުތަކުގެ ތެރޭގައި ތ. އަތޮޅާއި ލ. އަތޮޅާއި ގއ. ގައި ހަ ޑޮލަރުން ފަސް ޑޮލަރަށް ކުލި ދަށްކޮށްފައިވާ ކަމަށެވެ. އަދި ނ. އަތޮޅާއި ރ. އަތޮޅާއި ބ. އަތޮޅާއި ޅ. އަތޮޅާއި ކ. އަތޮޅާއި އއ. އާއި އދ. އަދި ވ. އަތޮޅާއި މ. އަތޮޅާއި ފ. އަތޮޅާއި ދ. އަތޮޅުގައި އަށް ޑޮލަރުން ހަ ޑޮލަރަށް ކުޑަ ކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެއީ އެހާ ހަމަޖެހޭ ވަށައި ޖެހުމެއް ނޫން ކަމަށާއި ބައެއް ސަރަހައްދުތަކުގައި ހަ ޑޮލަރުން ފަސް ޑޮލަރަށް ކުޑަކޮށް އަނެއް ބައި ސަރަހައްދުތަކުގައި އަށް ޑޮލަރުން ހަ ޑޮލަރަށް ކުޑަވުމަކީ ބަލައި ގަނެވޭ އަދި ހަމަޖެހޭ ވެސް ކަމެއް ނޫން ކަމަށެވެ.
"އެއީ. ތ. އަތޮޅާއި ލ. އަތޮޅުތަކުގައި ހުރި ރިސޯޓްތަކުގައި ވެސް މިނިމަން ވޭޖް އެއްވަރު. އަދި ނ. ރ ބ. ގައި ވެސް ފަރަގެއް ނެތް. އެހެން ނެތް އިރުގައި މިއީ އެންމެ ރަނގަޅު ނިންމުމެއް ކަމަކަށް އެހެންނާ އެންމެ ރަނގަޅު ކުޑަ ކުރުމެއް ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ އެހެންވީމާ ކޮމެޓީ މަރުހަލާގައި މި ރޭޓްތަކަށް ބަދަލު ގެނައުމަކީ ވަރަށް މުހިންމު ކަމެއް"
ހުސައިން ވިދާޅުވީ ކޮވިޑްގައި ރާއްޖޭގެ އިގްތިސޯދު ބޮޑު ތަނުންދަށްވެ ހީނަރުކަން ލިބިފައިމެ، އެ އަސަރު ހުރިހާ ފަރާތްތަކަށާއި ހުރިހާ އިންޑަސްޓްރީތަކަކަށް އޮތް އިރު ރިސޯތްތަކަށް އަމާޒު ކޮށްގެން ދޭ މި ލުޔަކީ އެއީ އެންމެ ރަނގަޅު ލުއިތަކެއް ނޫން ކަމަށެވެ.
އޭނާ އަދި ވިދާޅުވި އެވެ:
"މިދިއަ އަހަރު އަޅުގަނޑުމެން ބަޖެޓް ފާސް ކުރި އިރު 2022 ވަނަ އަހަރުގެ އާމްދަނީއަށް ރިސޓްތަކުގެ ކުލީ ގޮތުގައި 1.7 ބިލިޔަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވޭ އެހެންވީމާ މިގޮތަށް މި ކުލިތައް ކުޑަ ކުރާނަމަ ދައުލަތަށް މި އަހަރު ލިބޭނެ އާމްދަނީ މަދުވާނެ ބަޖެޓް ހެދި އިރު ފޮތުގައި ފާހަގަ ކޮށްފައި ވަނީ މިއީ ޓެކްސް ރެވެނިއު ނޫން ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީގެ 27.5 ޕަސެންޓް ކަމަށް، އެހެންވީމާ އަދަދު ކުޑަވެގެން ދާނެ. ވީމާ ކޮމެޓީގެ މަރުހަލާގައި މިއިން އާމްދަނީ ކުރާނެ އަސަރު ވަރަށް ރަނގަޅަށް ބެލުމަކީ ވަރަށް މުހިންމު ކަމެއް"
ބުދަ ދުވަހުގެ ބަހުސްގައި ގްރީން ޓެކްސްއާ ބެހޭ ގޮތުން ވެސް ހުސައިން ވާހަކަފުޅު ދެއްކެވި އެވެ. ވިދާޅިވީ 50 ކޮޓަރިއަށްވުރެ ގިނަ ގެސްޓް ހައުސްތަކުގެ ގްރީން ޓެކްސް ތިން ޑޮލަރުން ހަޑޮލަރަށް ބޮޑު ކުރާއިރު 50 ކޮޓަރިއަކީ ގާތްގަނޑަކަށް 100 އެނދު ނުވަތަ އެއީ ހެޔޮވަރު ރިސޯޓެއްގެ ސައިޒް ކަމަށާއި 60 ކޮޓަރީގެ ރިސޯޓްތައް ވެސް އެބަހުރި ކަމަށެވެ.
"އެހެންވީމާ ގްރީން ޓެކްސް ނެގޭ އަދަދު 50 ކޮޓަރި, އެއީ ބޮޑު އަދަދެއް! އެ އަދަދު ތަންކޮޅެއް ކުޑަ ކުރަން ޖެހޭ، ގާތްގަނޑަކަށް 20 ނުވަޔަ 25 ކޮޓަރިއަށް ކުޑަ ކުރުމަށް ފަހު ގްރީން ޓެކްސް ބޮޑު ކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެން،" ހުސައިން ވިދާޅުވި އެވެ. "ގްރީން ޓެކްސްގެ ގޮތުގައި ވެސް އަޅުގަނޑުމެން 2022 ގައި އަންދޒާކޮށްފައި މި ވަނީ 823 މިލިޔަން ރުފިޔާ ލިބޭނެ ކަމަށް. މި އަދަދު އާމްދަނީއަށް އަޅުގަނޑުމެނަށް ބޮޑު ކުރެވިގެން ދާނެ މި އިސްލާހާ ގުޅިގެން މިއީ ރަނގަޅު އިސްލާހެއް،"
އެލްއާރްއޭގެ ޒިންމާ އަދާ ކުރަންޖެހޭ
ހުސައިން ވިދާޅުވި ގޮތުގައި ވަޒީފާއާބެހޭ ގާނޫނަށް ގެނައި އިސްލާހުތަކުގެ ތެރޭގައި އެންމެ ކުޑަ އުޖޫރަ ކަނޑައެޅި އެވެ. އަދި ބޮޑެތި ކުންފުނިތަކުގައި ހާއްސަކޮށް ރިސޯޓްތަކާއި 50 މުވައްޒަފުންނަަށްވުރެ އިތުރަށް ތިބޭ ތަންނާގައި ދިވެހިންނަށް ފުރުސަތު ބޮޑު ކުރަން އޮންނާނެ އެވެ. އެ ގާނޫނު ތަސްދީގު ކުރާތާ ފަސް އަހަރުގެ ތެރޭގައި ސީނީއާ މެނޭޖެމްނެޓްގައި 60 ޕަސެންޓް ދިވެހިން ތިބެންޖެހޭނެ އެވެ. އެ ގޮތުން 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހަށް ރިސޯޓްތަކާއި އަދި 50 މުވައްޒަފުންނަށްވުރެ އިތިރަށް ތިބޭ ކުންފުނިތަކުގައި އެގޮތަށް ބަރާބަރަށް މުވައްޒަފުން ތަމްރީނު ކުރަމުން ދޭތޯ ބަލަން ޖެހޭނެ އެވެ. އެކަމަކީ ލޭބާ ރިލޭޝަން އޮތޯރިޓީ (އެލްއާރްއޭ) ގެ ޒިންމާއެއްކެވެ.
"މިކަންކަން ރަނގަޅަށް ބަލައި ފިޔަވަޅުތައް އަޅަންޖެހޭނެ. އެހެން ނޫނީ 2025 ގައި އަޅުގަނޑުމެނަށް ޖެހޭނެ ހާލަތަކަށް ވެދާނެ އިސްލާހެއް ގެނެސް ރާއްޖޭގައި އަޅުގަނޑުމެން ބޭނުންވާ މިންވަރަށް މީހުނާ ރިސޯސް ނެތް ކަމަށް ގާނޫނޫގައި ލިޔަން"