ޕީޕީއެމް

މުވައްޒަފުންނަށް ބިރު ދެއްކުން ހުއްޓާލުމަށް ގޮވާލައިފި

Apr 23, 2022
2

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޭބުމަށް ގޮވާލައި ކުރިއަށް ގެންދާ "އިންޑިއާ އައުޓް ހަރަކާތް" ހުއްޓުވުމަށް ސަރުކާރުގެ ފަރާތުން ދައުލަތުގެ މުވައްޒަފުންނަށާއި ދިވެހި ރައްޔިތުންނަށް ބިރު ދައްކަމުންދާ ކަމަށް ތުހުމަތުކޮށް އެކަން ހުއްޓާލުމަށް އިދިކޮޅު ކޯލިޝަނުން ސަރުކާރަށް ގޮވާލައިފި އެވެ.

އިދިކޮޅުން މިކަމަށް ގޮވާލާފައި މިވަނީ އިދިކޮޅު ލީޑަރުގެ ގޭގައި އަދި އިދިކޮޅު ކޯލިޝަންގެ މައި އޮފީހުގެ ބޭރުގައި ދަމާފައި ހުރި އިންޑިއާ އައުޓް ބެނާ ފުލުހުން ނެގި ގޮތާ މެދު ސުވާލު އުފެއްދި އަރަބިއްޔާ ސްކޫލުގެ ޓީޗަރަކު ވަޒީފާ އިން ސަސްޕެންޑްކޮށްފައި ވަނިކޮށެވެ.

އިދިކޮޅު ކޯލިޝަންގެ ބަޔާނުގައި ބުނެފައިވަނީ އިސްލާމް ދިނުގެ ދިފާއުގައި އަރަބިއްޔާގެ މުދައްރިސަކު ވިދާޅުވި ބަސްފުޅަކާއި ގުޅިގެން އެކަމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ނެރުއްވާފައިވާ ގަރާރަށް ގޮންޖެހުން ކަމަށް ބަލައި އެ މުދައްރިސް ވަޒީފާއިން ސަސްޕެންޑް ކުރި ކުރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

ރައީސް ސޯލިހް ނެރުއްވި ގަރާރަކީ ގާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާ އަށް ރިޔާސީ ގަރާރު ނެރުމަށް ބާރުދީފައިވާ ތިން ހާލަތުން ކުރެ ހާލަތަކަށް ފެތޭ އެއްޗެއް ނޫން ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.

ޕީޕީއެމުން ބުުނީ ބާތިލް ގަރާރަކާ ގުޅިގެން ދައުލަތުގެ މުއައްސަސާތަކާއި ސިވިލް ސާވިސް ވަޒީފާތަކުގައި ތިބި މުވައްޒަފުންނަށް ބިރުދައްކާ، ވަޒީފާއިން ސަސްޕެންޑްކޮށް އަދި ވަޒީފާއިން ވަކި ކުރަމުން ގެންދިއުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. މުސްލިމުންނަށް ދުއްތުރާތަކާއި އަނިޔާ ކުރަމުން ގެންދާ އިންޑިއާ ސަރުކާރުގެ އެންގުމަށް، ރާއްޖޭގެ ދީނީ އިލްމުވެރިންގެ މަސްއޫލިއްޔަތަށް ހުރަސް އަޅާ ދީނީ އިލްމުވެރިންނަށް ބިރު ދައްކަމުން ގެންދާ ގެންދިއުމަކީ އެއްގޮތަކަށް ވެސް ދިވެހި ރައްޔިތުން ބަލައިގަންނަ ކަމެއް ނޫން ކަމަށްވެސް ބަޔާނުގައިވެ އެވެ.

"މިއީ ވަރަށް ބޮޑު ނުރައްކަލެއްގެ ފެށުމެއް ކަމަށް ދެކެމެވެ. ދިވެހި ރައްޔިތުންނަށް މިވަގުތު އޮތް އެންމެ ބޮޑު ބިރަކީ، އިންޑިއާއާ އެކު ހަދަމުން ގެންދާ ގޮތް ނޭނގޭ އެއްބަސްވުންތަކާއި، ދިވެހި ފަސްގަނޑުގައި އިންޑިއާގެ އަސްކަރިއްޔާގެ ބާރުގަދަކޮށް، ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ނުރައްކަލެއްގެ ތެރެއަށް ހުށަހެޅިގެން ދިއުމެވެ. އަދި ދިވެހި ރައްޔިތުން ހިންގާ އިންޑިއާ އައުޓްގެ ހަރަކާތްތަކާއި ގުޅިގެން އަޅަމުން ގެންދާ ފިޔަވަޅު ތަކުގައި ގާނޫނީ އެއްވެސް ބުރަދަނެއް ނުހުންނާނެކަންވެސް ފާހަގަ ކުރަމެވެ.،" ބަޔާނުގައިވެ އެވެ.

ޕީޕީއެމްގެ ބަޔާން ނިންމާލާފައިވަނީ ރައީސް ސޯލިހަށް ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާ ކުރެއްވުމަށާއި، ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ނެގެހެއްޓުމަށް ދިވެހި ރައްޔިތުން ކުރަމުން ގެންދާ ކަންކަމަށް ހުރަސް ނޭޅުމަށް ގޮވާލަމުންނެވެ. ހަމެއެއާއެކު ސަރުކާރުންނާއި ސިޔާސީ ފަރާތްތައް ރުއްސުމަށް އެފަރާތްތަކުން ކުރަމުން ގެންދާ ޣައިރު ގާނޫނީ އަމުރަށް ތަބާ ނުވުމަށާއި އެކަންކަން ތަންފީޒު ކުރުމާއި ދުރުހެލިވުމަށް ދިވެހި ފުލުހުންނާއި ސިފައިންނަށް ވެސް އިލްތިމާސް ކޮށްފައިވެ އެވެ.

މީގެ އިތުރުން ދީނާއި ގައުމުގެ މިނިވަންކަމުގެ ދިފާއުގައި މަސައްކަތް ކުރުމުން ވަޒީފާތަކުން ވަކިކުރާ ދިވެހި ކޮންމެ ރައްޔިތަކަށްމެ އެފަރާތްތަކުގެ ވަޒީފާ ޕީޕީއެމްގެ ވެރިކަމެއްގައި އަނބުރާ އިއާދަކޮށްދޭނޭ ކަމުގެ ޔަގީންކަންވެސް ދީފައިވެ އެވެ.