ރައީސް މުހައްމަދު ނަޝީދު

އެމްޑީޕީ ސަރުކާރާ ފެއަށް ޖެހެން ނަޝީދު އެދިވަޑައިގެންފި

Apr 24, 2022
4

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު "ފެތެމުންދާ" ކަމަށް ވިދާޅުވެ އެމްޑީޕީން މި ސަރުކާރާ ފެއަށް ޖެހެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.

ރައީސް ނަޝީދު މިކަމަށް އެދިވަޑައިގަތީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގަ އެެވެ. ނަޝީދުގެ މެސެޖުގައި ވިދާޅުވީ މިވަގުތު އެމްޑީޕީއަށް ރަނގަޅު ގޮތަކީ ފެތެމުންދާ ސަރުކާރާއެކީ އެމްޑީޕީ ނުފެތުން ކަމަށެވެ.

މި ސަރުކާރަކީ އެމްޑީޕީ އެކަނި އޮވެ ހިންގާ ސަރުކާރެއް ނޫން ކަމަށް ފާހަގަ ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ މެންބަރުން އެދޭ ގޮތް އަދި އެމްޑީޕީގެ ވައުދުތައް ނުފުއްދެނީ ކޯލިޝަން ސަރުކާރަކަށް ވާތީ ކަމަށެވެ.

ރައީސް ނަޝީދު ފަހަކަށް އައިސް ގެންދަވަނީ ސަރުކާރުގެ ސިޔާސަތުތަކަށާއި ސަރުކާރަށް ތާއީދުކުރާ މަޖިލީހުގެ ބައެއް މެންބަރުންނަށް ވެސް ފާޑު ވިދާޅުވެ ވާހަކަދައްކަވަމުންނެވެ. އެގޮތުން ދެކުނުގެ މަސްވެރިކަން ރަނގަޅުވެ، މަސްވެރިން ބާނާ ހުރިހާ މަހެއް މިފްކޯ އަށް ވަގުތުން ވަގުތަށް ގަނެވޭ ގޮތް ނުވުމުން އެކަމަށްވެސް ނަޝީދު ފާޑު ވިދާޅުވި އެވެ.

މަސްވެރިން ބާނާ މަހަށް ހަދާނެ ގޮތް ނުވިސްނިގެން ނޫޅޭ ކަމަށާއި ސަރުކާރުން އެގޮތް ނުހަދަނީ ކަމަށް ވިދާޅުވެ ނަޝީދު މިފަހުން ވަނީ ޓްވީޓެއް ވެސް ކުރައްވާފަ އެވެ. ޓްވީޓް ކުރެއްވެވީ ވެސް މަސްވެރިން ބާނާ މަސް ގަތުމުގެ މައްސަލައިގައި އަންހެނަކު ނުރުހުންވެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވާ ވީޑިއޯއަކާ ވެސް އެކުގަ އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވަމުން ގެންދަވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ ކެމްޕޭންގައި އިސްކޮށް އުޅުއްވާ ބޭފުޅުންނަށް ވެސް ނަޝީދު ގެންދަވަނީ ތަކުރާރުކޮށް ބަހުގެ ހަމަލާތައް ދެއްވަމުންނެވެ.

މީގެއިތުރުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕްގައި ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ ނަޒަރުގައި އެމްޑީޕީއަށް ރައްޔިތުންގެ ވޯޓްގެ 50 ޕަސެންޓް ހޯދުންވެސް ދެން ވަރަށް އުނދަގޫ ވާނެ ކަމަށް ވިދާޅުވެފަ އެވެ. އެ މިންވަރަށް ތާއީދު ހޯދޭވަރަށް ވުރެ މާގިނަ ގޯސްތައް ސަރުކާރުން ހަދާފައިވާ ކަމަށްވެސް ތުހުމަތުކުރެއްވެވި އެވެ. އަދި މިއަހަރަކީ ދައުލަތުން ދަރަނީގެ ގޮތުގައި އެންމެ ބޮޑު ހަރަދެއް ކުރަންޖެހޭ އަހަރު ކަމަށްވީ ނަމަވެސް ސަރުކާރުން އެކަމަށް އެއްވެސް ވަރެއްގެ ސަމާލުކަމެއް ނުދޭ ކަމަށެވެ. އޭގެބަދަލުގައި ފެނިގެންދަނީ އަމިއްލަ މަސައްކަތްތައް ހިތުހުރި ގޮތަކަށް ކުރަމުންދާ ތަން ކަމުގައިވެސް ނަޝީދު ވިދާޅުވެފައިވެ އެވެ.