ފަރެސް މާތޮޑާ

ފަރެސްމާތޮޑާ އެއާޕޯޓްގެ ރަންވޭ ބޮޑު ކުރަން އެދެނީ

Apr 24, 2022
2

ގދ. ފަރެސްމާތޮޑާ އެއާޕޯޓުގައި އަޅަން ނިންމާފައިވާ ރަންވޭގެ ސައިޒު ބޮޑުކޮށްދިނުމަށް ސަރުކާރުގައި އެދުމަށް ގދ. އަތޮޅު ކައުންސިލުން ނިންމައިފި އެވެ.

ފަރެސްމާތޮޑާ އެއާޕޯޓްގައި އެޅުމަށް ސަރުކާރުން ނިންމާފައިވަނީ 1،200 މީޓަރުގެ ރަންވޭ އެކެވެ.

އަތޮޅު ކައުންސިލުން ފާސްކުރީ 1،800 މީޓަރުގެ ރަންވޭއެއް ފަރެސްމާތޮޑާ އެއާޕޯޓްގައި އަޅައިދިނުމަށް ސަރުކާރުގައި އެދުމަށެވެ.

މިމަހު 14 ވަނަ ދުވަހު އޮތް ކައުންސިލްގެ ބައްދަލުވުމުގައި ބައިވެރިވި ނުވަ މެންބަރުންގެ ތެރެއިން އައް މެންބަރުން އެ ހުށަހެޅުމަށް ތާއީދުކޮށްފަ އެވެ.

ގދ. އަތޮޅުގައި ހަދާ ތިންވަނަ އެއާޕޯޓް ފަރެސްމާތޮޑާގައި ހަދަމުންދާއިރު އެތަނުގައި 1200 މީޓަރުގެ ރަންވޭ އަކާއި، އޭޕްރަންއާއި، ޓެކްސީވޭއާއި، ޓާމިނަލާއި ސާވިސް ރޯޑު އިމާރާތެއް ހެދުމުގެ އިތުރުން ޑޮމެސްޓިކް އެއާޕޯޓަކަށް ކޮންމެހެން ބޭނުންވާނެ ވަސީލަތްތައް ވެސް ގާއިމުކުރުމަށް ނިންމާފައިވެ އެވެ.

ފަރެސްމާތޮޑާ އެއާޕޯޓް ހެދުމަށް 144.8 މިލިއަން ރުފިޔާއަށް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީ އަށެވެ.

ފަރެސްމާތޮޑާ އެއާޕޯޓްގެ ރަންވޭ ބޮޑުކޮށްދިނުމަށް ގދ. އަތޮޅު ކައުންސިލުން ސަރުކާރުގައި އެދެން ނިންމާފައިވަނީ ހުވަދު އަތޮޅުގައި އިންޓަނޭޝަނަލް އެއާޕޯޓެއް އެޅުމަށް ސަރުކާރުގެ ޕްލޭނެއް އޮތް ކަމަށް ސަރުކާރުން މީގެކުރިން ހާމަކޮށްފައި ވަނިކޮށެވެ.