ގދ. ފަރެސްމާތޮޑާ އެއާޕޯޓް ރަސްމީކޮށް މިރޭ ހުޅުވައިފި އެވެ.
ފަރެސްމާތޮޑާ އެއާޕޯޓްގައި މިރޭ ބޭއްވި ކުލަގަދަ ހަފްލާއެއްގައި އެއާޕޯޓް ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެވެ.
ގައުމީ އެއާލައިން -- މޯލްޑިވިއަންގެ މަތިންދާ ބޯޓެއްގައި މިރޭގެ ހަފްލާއަށް ރައީސް ސޯލިހް ފަރެސްމާތޮޑާއަށް ވަޑައިގަތުމުން ރައީސް އަށް އިސްވެ މަރުހަބާ ދެންނެވީ ފަރެސްމާތޮޑާ އަށް ނިސްބަތްވާ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި އެ ރަށު ކައުންސިލް މެންބަރުންނާއި ރައްޔިތުންނެވެ.
ފަރެސްމާތޮޑާ އެއާޕޯޓަކީ ގދ. އަތޮޅުގައި ހަދާފައިވާ ތިންވަނަ އެއާޕޯޓެވެ. އަދި މިއީ މިވެރިކަމުގައި ހަދާ ނިންމި ދެވަނަ އެއާޕޯޓެވެ.
ފަރެސްމާތޮޑާ އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭ އަކާއި، އޭޕްރަންއާއި، ޓެކްސީވޭއާއި، ފަޔާ ބިލްޑިން އިމާރާތަކާއި، ސާވިސް ރޯޑުތައް ހެދުމުގެ އިތުރުން ޑޮމެސްޓިކް އެއާޕޯޓަކަށް ކޮންމެހެން ބޭނުންވާނެ ވަސީލަތްތައް ވެސް ވަނީ ގާއިމުކޮށްފަ އެވެ. އެއާޕޯޓް ސަރަހައްދުގެ ވަށައިގެން ފެންސް ޖަހާފައިވާއިރު ރޭގަނޑު ދަތުރުކުރެވޭ ގޮތަށް ލައިޓްވެސް ހުރީ ހަރުކޮށްފަ އެވެ.
ފަރެސްމާތޮޑާ އެއާޕޯޓްގައި އެންމެ ތަފާތު ތަނަކީ އެތަނުގެ ޓާމިނަލް އެވެ. ޓާމިނަލްގެ އެތެރެއާއި ބޭރުވެސް ހަދާފައިވަނީ މުޅިން ތަފާތު ވަރަށް ހިތްގައިމު ޑިޒައިނަކަށެވެ. ޓާމިނަލް ހަދާފައިވަނީ އިހުޒަމާނުގެ އޮޑިހަރުގެއެއް ސިފަވާ ގޮތަށެވެ.
ފަރެސްމާތޮޑާ އެއާޕޯޓް ހަދާފައިވަނީ އެރަށު ފަޅުތެރޭގައި އެރަށާ ވަކިން އޮތް ރަށްތަކެއް ހިއްކައިގެންނެވެ. ފަރެސްމާތޮޑާއާއި އެރަށްތައް ގުޅުވާލުމަށް ހަމަޖެހިފައިވަނީ ކޯޒްވޭ އަކުންނެވެ.
މިހަފްލާގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ކޯޒްވޭގެ މަސައްކަތް މިހާރު ކުރިއަށްދާތީ ވަރަށް އަވަހަށް ކޯޒްވޭގެ މަސައްކަތް ނިމޭނެ ކަމަށެވެ.
"ފަރެސް މާތޮޑާއާއި އެއާޕޯޓާ ދެމެދު ހެޔޮވަރު ފުޓުބޯޅަ ދަނޑެއްގެ ސައިޒުގެ ދިގު މިނުގައި ދެކޮޅަށް ވެހިކަލް ދުއްވޭ ގޮތަށް ހަދައި އޮއިދެމޭ ހިތްގައިމު ކޯޒްވޭއެއް ހެދިގެންދާނެ،" އާދަމް އާޒިމް ވިދާޅުވި އެވެ.
ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ ނޮވެމްބަރު 10، 2020 ގައެވެ. އެމްޓީސީސީ އަށް 144 މިލިއަން ރުފިޔާ އަށް މި މަޝްރޫއު ހަވާލުކުރީ 600 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަންޖެހޭ ގޮތަށެވެ.