ފަރެސް މާތޮޑާ

ފަރެސްމާތޮޑާ އެއާޕޯޓަށް ހޯމަ ދުވަހު ޓެސްޓް ފްލައިޓް ޖައްސަނީ

Mar 10, 2023
1

ގދ. ފަރެސްމާތޮޑާ އެއާޕޯޓަށް އަންނަ ހޯމަ ދުވަހު ޓެސްޓް ފްލައިޓް ޖައްސާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ގައުމީ އެއާލައިން -- މޯލްޑިވިއަންގެ ޓެސްޓް ފްލައިޓް ޖައްސާނީ ހޯމަ ދުވަހުގެ ހަވީރު އެވެ.

ފަރެސްމާތޮޑާ އެއާޕޯޓް ރަސްމީކޮށް ހުޅުވުމަށް ސަރުކާރުން ހަމަޖައްސާފައިވަނީ މިމަހުގެ 15 ވަނަ ދުވަހު އެވެ.

ފަރެސްމާތޮޑާ އެއާޕޯޓަކީ ގދ. އަތޮޅުގައި ހަދާ ތިންވަނަ އެއާޕޯޓެވެ. މި އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭ އަކާއި، އޭޕްރަންއާއި، ޓެކްސީވޭއާއި، ތަފާތު ޒިނައެއްގެ ހިތްގައިމު ޓާމިނަލަކާއި، ފަޔާ ބިލްޑިން އިމާރާތަކާއި، ސާވިސް ރޯޑުތައް ހެދުމުގެ އިތުރުން ޑޮމެސްޓިކް އެއާޕޯޓަކަށް ކޮންމެހެން ބޭނުންވާނެ ވަސީލަތްތައް މިހާރު ވަނީ ގާއިމުކޮށްފަ އެވެ.

މީގެއިތުރުން އެއާޕޯޓް ސަރަހައްދުގެ ވަށައިގެން ފެންސް ޖެހުމާއި ލައިޓް ހަރުކުރުމުގެ މަސައްކަތް ވެސް މިހާރު ވަނީ ނިންމާލާފަ އެވެ.

ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ ނޮވެމްބަރު 10، 2020 ގައެވެ. އެމްޓީސީސީ އަށް 144 މިލިއަން ރުފިޔާ އަށް މި މަޝްރޫއު ހަވާލުކުރީ 600 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަންޖެހޭ ގޮތަށެވެ.

ފަރެސްމާތޮޑާ އެއާޕޯޓުގެ އިތުރުން މ. މުލި، ރ. އަލިފުށި އަދި ފ. މަގޫދޫގައި ސަރުކާރުން ދަނީ އެއާޕޯޓެއް އެޅުމުގެ އަމަލީ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރަމުންނެވެ. މީގެއިތުރުން ހދ. މަކުނުދޫ، ށ. ބިލަތްފަހި، ބ. ތުޅާދޫ، ތ. ވިލުފުށި އަދި ރ. އަތޮޅުގައިވެސް އިތުރު އެއާޕޯޓެއް އެޅުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.