ފަރެސް މާތޮޑާ

ފަރެސްމާތޮޑާ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސައިފި

Mar 13, 2023

ގދ. ފަރެސްމާތޮޑާ އެއާޕޯޓަށް މިއަދު ޓެސްޓް ފްލައިޓް ޖައްސައިފި އެވެ.

ގައުމީ އެއާލައިން -- މޯލްޑިވިއަންގެ ޑޭޝް-8 މަރުކާގެ ޓެސްޓް ފްލައިޓްގައި އިސްކޮށް ވަޑައިގަތީ ފަރެސްމާތޮޑާ އަށް ނިސްބަތްވެވަވަޑައިގަންނަވާ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އެވެ. މިނިސްޓަރުގެ އަރިހުގައި މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފަ އާއި ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީގެ އިތުރުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު ވެސް ފަރެސްމާތޮޑާ އަށް ވަޑައިގެންނެވި އެވެ.

ޓެސްޓް ފްލައިޓް ފަރެސްމާތޮޑާ އެއާޕޯޓުގައި ޖެއްސުމުގެ ކުރިން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް)ގެ ޓީމު، ދާސާ އަދި ސިވިލް އޭވިއޭޝަންގެ ޓީމެއް ވަނީ ސައިޓް އިންސްޕެކްޝަނަކެއް މިމަހުގެ ހަތްވަނަ ދުވަހު ހަދާފަ އެވެ. މި އިންސްޕެކްޝަންގެ މައިގަނޑު މަގުސަދަކީ އެއާޕޯޓްގެ އޮޕަރޭޝަން ފެށުމުގެ ކުރިން، އެއާޕޯޓުގައި ބޭނުން ކުރާ މެޝިންތަކާއި އެހެނިހެން ވަސީލަތްތައް މިނިސްޓްރީ އޮފް ޑިފެންސްގެ ޑައިރެކްޓޮރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ) އަދި ސިވިލް އޭވިއޭޝަންގެ ސްޓޭންޑަޑަށް ފެތޭ ގޮތަށް ހުރިތޯ ޔަގީންކުރުމެވެ.

މިސަރުކާރުން ތަރައްގީކޮށްފައިވާ ދެވަނަ އެއާޕޯޓުގެ ގޮތުގައި ފަރެސްމާތޮޑާ އެއާޕޯޓް ރަސްމީކޮށް ހުޅުވުމަށް ސަރުކާރުން ހަމަޖައްސާފައިވަނީ މިމަހުގެ 15 ވަނަ ދުވަހު އެވެ. އެއާޕޯޓް ރަސްމީކޮށް ހުޅުވައިދެއްވުމަށް ހަމަޖެހިފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެވެ.

ފަރެސްމާތޮޑާ އެއާޕޯޓްގައި އެންމެ ތަފާތު ތަނަކީ އެތަނުގެ ޓާމިނަލް އެވެ. ޓާމިނަލްގެ އެތެރެއާއި ބޭރުވެސް ހަދާފައިވަނީ މުޅިން ތަފާތު ވަރަށް ހިތްގައިމު ޑިޒައިނަކަށެވެ.

ފަރެސްމާތޮޑާ އެއާޕޯޓް ހަދާފައިވަނީ އެރަށު ފަޅުތެރޭގައި އެރަށާ ވަކިން އޮތް ރަށްތަކެއް ހިއްކައިގެންނެވެ. ފަރެސްމާތޮޑާއާއި އެރަށްތައް ގުޅުވާލުމަށް ހަމަޖެހިފައިވަނީ ކޯޒްވޭ އަކުންނެވެ. ކޯޒްވޭގެ މަސައްކަތް އަދި ނުނިމޭތީވެ ވަގުތީގޮތުން ބޭނުންކުރާނެ މަގެއް ހެދުމުގެ އެމްޓީސީސީ އިން ދަނީ ކުރަމުންނެވެ.


ފަރެސްމާތޮޑާ އެއާޕޯޓަކީ ގދ. އަތޮޅުގައި ހަދާފައިވާ ތިންވަނަ އެއާޕޯޓެވެ. މި އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭ އަކާއި، އޭޕްރަންއާއި، ޓެކްސީވޭއާއި، ތަފާތު ޒިނައެއްގެ ހިތްގައިމު ޓާމިނަލަކާއި، ފަޔާ ބިލްޑިން އިމާރާތަކާއި، ސާވިސް ރޯޑުތައް ހެދުމުގެ އިތުރުން ޑޮމެސްޓިކް އެއާޕޯޓަކަށް ކޮންމެހެން ބޭނުންވާނެ ވަސީލަތްތައް މިހާރު ވަނީ ގާއިމުކޮށްފަ އެވެ.

މީގެއިތުރުން އެއާޕޯޓް ސަރަހައްދުގެ ވަށައިގެން ފެންސް ޖެހުމާއި ލައިޓް ހަރުކުރުމުގެ މަސައްކަތް ވެސް މިހާރު ވަނީ ނިންމާލާފަ އެވެ.

ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ ނޮވެމްބަރު 10، 2020 ގައެވެ. އެމްޓީސީސީ އަށް 144 މިލިއަން ރުފިޔާ އަށް މި މަޝްރޫއު ހަވާލުކުރީ 600 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަންޖެހޭ ގޮތަށެވެ.

ފަރެސްމާތޮޑާ އެއާޕޯޓުގެ އިތުރުން މ. މުލި، ރ. އަލިފުށި އަދި ފ. މަގޫދޫގައި ސަރުކާރުން ދަނީ އެއާޕޯޓެއް އެޅުމުގެ އަމަލީ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރަމުންނެވެ. މީގެއިތުރުން ހދ. މަކުނުދޫ، ށ. ބިލަތްފަހި، ބ. ތުޅާދޫ، ތ. ވިލުފުށި އަދި ރ. އަތޮޅުގައިވެސް އިތުރު އެއާޕޯޓެއް އެޅުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.