ހުވަދު އަތޮޅުގައި ހަދަމުންދާ ހަތަރުވަނަ އެއާޕޯޓު -- ގދ. ފަރެސްމާތޮޑާ އެއާޕޯޓަށް މުވައްޒަފުން ހޯދުމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) އިން އިއުލާނުކޮށްފި އެވެ.
އެއާޕޯޓަށް މެނޭޖަރުންނާއި އޮޕަރޭޝަން އޮފިސަރުންނާއި ސެކިއުރިޓީ އޮފިސަރުންގެ އިތުރުން ފަޔާ ފައިޓަރުންގެ ވަޒީފާތަކަށް ވަނީ ހުޅުވާލާފަ އެވެ. އެގޮތުން އެކި މަގާމުތަކަށް 45 ވަޒީފާ ވަނީ ހުޅުވާލާފަ އެވެ.
މީގެ އިތުރުން ގާޑްނާގެ މަގާމައި ޓެކްނިކަލް ވަޒީފާތަކަށްވެސް ވަނީ ހުޅުވާލާފަ އެވެ.
މީހުން ހޯދަމުންދާ މަގާމުތައް
- އެއާޕޯޓް މެނޭޖަރު - 1 މަގާމު
- އޮޕަރޭޝަންސް އޮފިސަރު - 2 މަގާމު
- އެޑްމިނިސްޓްރޭޓިވް އޮފިސަރު - 1 މަގާމު
- އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރު - 1 މަގާމު
- ގާޑްނާ - 1 މަގާމު
- ކްލީނިންގް އެންޑް ގާޑްނިންގް އެޖެންޓްސް - 10 މަގާމު
- ކްލީނިންގް އެންޑް ގާޑްނިންގް ސުޕަވައިޒާ - 1 މަގާމު
- ޓެކްނިކަލް/މެއިންޓެނަންސް އޮފިސަރު - 1 މަގާމު
- ޓެކްނިކަލް/މެއިންޓެނަންސް އެޖެންޓްސް - 1 މަގާމު
- ސެކިއުރިޓީ އެޖެންޓްސް - 10 މަގާމު
- އެއާޕޯޓް ހޭންޑްސް - 7 މަގާމު
- ލީޑް ފަޔަމަން - 2 މަގާމު
- ޖޫނިއާ ފަޔަފައިޓާ - 2 މަގާމު
- ފަޔާފައިޓާ ޓްރެއިނީ - 3 މަގާމު
- އީއެމްޓީ ފަޔާފައިޓާ ޓްރެއިނީ - 2 މަގާމު
މި ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.
ފަރެސްމާތޮޑާ އެއާޕޯޓަށް މުވައްޒަފުން ހޯދަން އިއުލާނުކޮށްފައިވާއިރު އެ އެއާޕޯޓް އަންނަ މަހު ހުޅުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އިއްޔެ ވަނީ ވިދާޅުވެފަ އެވެ.
ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ ނޮވެމްބަރު 10، 2020 ގައެވެ. އެމްޓީސީސީ އަށް 144 މިލިއަން ރުފިޔާ އަށް މި މަޝްރޫއު ހަވާލުކުރީ 600 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަންޖެހޭ ގޮތަށެވެ.
މި އެއާޕޯޓް ހަދަނީ 1،200 މީޓަރުގެ ރަންވޭއަކާއެކު އެވެ. އަދި ރޭގަނޑު ފްލައިޓް ޖެއްސޭ ގޮތަށް ރަންވޭގައި ވަނީ ލައިޓް ޖަހާފަ އެވެ.