ކާޑެއްދޫ އެއާޕޯޓް

ކައްދޫ އެއާޕޯޓް ހިންގުން ރީޖަނަލް އެއާޕޯޓްސްއާ ހަވާލުކޮށްފި

ލ. ކައްދޫ އެއާޕޯޓް ހިންގުން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑާ ހަވާލުކޮށްފި އެވެ.

ރީޖަނަލް އެއާޕޯޓްސް އިން ބުނީ ކައްދޫ އެއާޕޯޓްގެ 100 ޕަސަންޓް ހިއްސާދާރުގެ ގޮތުގައި އެ އެއާޕޯޓް ހިންގުން މިމަހުގެ 16 ވަނަ ދުވަހުންގެ ފެށިގެން އެ ކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށެވެ.

ކައްދޫ އެއާޕޯޓަކީ ރާއްޖޭގައި ހުޅުވުނު ފުރަތަމަ ޑޮމެސްޓިކް އެއާޕޯޓްތަކުގެ ތެރެއިން އެއް އެއާޕޯޓެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް ކައްދޫ އެއާޕޯޓް އިންޓަނޭޝަނަލް ކުރުމަށް ކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށްޓަކައި ޗައިނާގެ ސީއެމްސީއީ ކުންފުންޏާއެކު މިމަހުގެ 11 ވަނަ ދުވަހު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

ރީޖަނަލް އެއާޕޯޓްސް އިން ބުނީ ކައްދޫ އެއާޕޯޓް ހިންގާ ކޭއޭސީއެލް އާއެކު އެއާޕޯޓްގެ އޮޕަރޭޝަންއާ ހަވާލުވުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

ކައްދޫ އެއާޕޯޓް ރީޖަނަލް އެއާޕޯޓްސްގެ ދަށަށް ގެނެވުމާއެކު އެ ކުންފުނީގެ ދަށުން އޮޕަރޭޓްކުރަމުން އަންނަ އެއާޕޯޓްތަކުގެ އަދަދު ވަނީ އަށަކަށް އަރާފަ އެވެ.