ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް

އެއާޕޯޓްތަކުގެ ގްރައުންޑް ހޭންޑްލިން ފީ ބޮޑު ކުރަނީ

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީން ހިންގާ އެއާޕޯޓުތަކުން ނަގާ ގްރައުންޑް ހޭންޑްލިން ފީ ބޮޑު ކުރުމުގެ މަޝްވަރާތައް ފަށައިފި އެވެ.

އަވަސްއަށް މިއަދު މައުލޫމާތު ދެއްވަމުން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވީ މިވަގުތު އެ ކުންފުނިން ނަގަމުން އަންނަ ހޭންޑްލިން ފީގެ ރޭޓްތަކަކީ މީގެ 15 ނުވަތަ 20 އަހަރު ކުރީގެ ރޭޓްތަކެއް ކަމަށެވެ.

"މީގެ ކުރިން ފީތައް ބޮޑު ނުކުރީ އެއާލައިންތަކަށްވެސް އުނދަގުލަކަށް ވެދާނެތީ. އޭރު ހާލަތު އޮތް ގޮތުން ކުއްލިއަކަށް އަގުތަކަށް ބަދަލު ގެނެސްފި ނަމަ އެއާލައިންތަކަށް އަސަރު ކުރާނެ،" ރިޒްވީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހޭންޑްލީ ފީ ބޮޑުކުރުމާ މެދު އަދި ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށާއި މިވަގުތު ކުރިއަށް ދަނީ ހަމައެކަނި މަޝްވަރާތަކެއް ކަމަށެވެ. އަދި ހޭންޑްލިން ފީ ބޮޑު ކުރިނަމަވެސް ބޮޑުވާނީ އެންމެ 10 އިންސައްތަ ކަމަށް ވިދާޅުވި އެވެ.

ގްރައުންޑް ހޭންޑްލިން ފީ އަކީ އެއާޕޯޓަށް ޖައްސާ ކޮންމެ ބޯޓަކުން ނަގާ ފީ އެކެވެ.

ރިޒްވީ ވިދާޅުވީ އެއާލައިންތައް ގިނަނަމަ ހޭންޑްލިން ފީ އިން ވަރަށް ބޮޑު އެއްޗެއް ކުންފުންޏަށް ލިބޭނެ ކަމަށެވެ. ނަމަވެސް ރާއްޖޭގައި ޑޮމެސްޓިކް އެއާލައިންތައް ވަރަށް މަދުކަން ރިޒްވީ ފާހަގަކުރެއްވި އެވެ.

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީން މިވަގުތު ހިންގަމުން އަންނަނީ ހަ އެއާޕޯޓެކެވެ. އެއީ ހޯރަފުށްޓާއި ހަނިމާދޫއާއި ކުޅުދުއްފުށްޓާއި ފުނަދޫއާއި މާވަރުލާއި ފުވައްމުލަކު އެއާޕޯޓެވެ.