ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް

އާރްއޭސީއެލްގެ އެއާޕޯޓްތައް ޑާސާގެ ސްޓޭންޑެޑަށް

ޑިފެންސް މިނިސްޓްރީގެ ޑައިރެކްޓޮރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ) އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) އިން ހިންގަމުންދާ ހަތަރު އެއާޕޯޓެއްގައި ބެހެއްޓި މެޝިންތައް ބޭނުންކުރުމުގެ ހުއްދަ ދީފި އެވެ.

އަލަށް މެޝިންތައް ބަހައްޓާފައި ވަނީ ހދ. ކުޅުދުއްފުށި އެއާޕޯޓް، ށ. ފުނަދޫ އެއާޕޯޓް، ޏ. ފުވައްމުލަކު އެއާޕޯޓް އަދި ގދ. މާވަރުލު އެއާޕޯޓުގަ އެވެ.

އާރްއޭސީއެލް އިން ބުނީ އަލަށް ބެހެއްޓި މެޝިންތަކާއެކު އެ ކުންފުނިން ހިންގާ ހުރިހާ އެއާޕޯޓެއްގައި ބޭނުންކުރާ ސްކްރީނިން މެޝިންތަކަކަކީ ޑާސާ އިން އެކުލަވާލައިފައިވާ "މޯލްޑިވްސް އޭވިއޭޝަން ޓެކްނޮލޮޖީ" ލިސްޓުގައި ހިމެނޭ އެކްސްރޭ މެޝިންތަކެއް ކަމަށެވެ.

އާރްއޭސީއެލް އިން ހަތަރު އެއާޕޯޓެއްގައި ބެހެއްޓި މެޝިންތަކަކީ ރެޕިސްކޭން ބްރޭންޑްގެ މެޝިންތަކެކެވެ. އަދި އެ ބްރޭންޑްގެ އޮތޮރައިޒްޑް ސާވިސް ޕްރޮވައިޑަރަކީ ވެސް އެ ކުންފުނި ކަމަށް ފާހަގަކޮށްފައިވެ އެވެ. އެއާއެކު ސްކްރީނިން މެޝިންތަކަށް ދިމާވާ މައްސަލަތަކަށް އަވަސް ހައްލެއް ލިބިގެންދާނެ ކަމަށްވެސް އެކުންފުނިން ބުނެ އެވެ.

"މި ސްކްރީނިން މެޝިންތަކުގެ މައްސަލަ ހައްލުވެގެން ދިއުމަކީ ކުންފުންޏާއި ރައްޔިތުން ވެސް ގިނަ ދުވަސްތަކެއް ވަންދެން އުފުލަމުން އައި ތަކުލީފުތަކަށް ނިމުން އައިސް، ދަތުރުފަތުރުކުރާ ފަރާތްތަކަށް އިތުއު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމެއް،" އާރްއޭސީއެލް އިން ބުނެފައިވެ އެވެ.

މިއީ ރާއްޖޭގެ އޭވިއޭޝަން ކަންކަން ހަރުދަނާ ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައަޅުއްވާފައިވާ ސިޔާސަތާއި އެއްގޮތަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ ސީދާ ބެއްލެވުމުގެ ދަށުން ކުރެވިގެންދިޔަ މަސައްކަތެއް ކަމަށް އާރްއޭސީއެލް އިން ވަނީ ބުނެފަ އެވެ.