ރިޕޯޓް

2015: އިބްތިހާލްގެ މަރާއެކު އަނިޔާވެރި އެތައް މަރެއް

ދިވެހި ރާއްޖެ މިއަދު މިއޮތީ ނުރައްކާތެރު ފައްތަރެއްގަ އެވެ. މަސްތުވާތަކެތީގެ ވަބާ މުޅި ގައުމަށް ފެތުރި ގަައުމުގެ ބޮޑު އާބާދީއެއް އޭގެތެރެއަށް ގެއްލި ހުސްވެފައިވަނީ ސަލާމަތް ނުވާ މިންވަރަށެވެ. އެކަމުގެ ސަބަބުން މާރާ މާރީ އާއި މީހުން މެރުން ވަނީ އިންތިހާ ދަރަޖައަށް އިތުރުވެފަ އެވެ.

މާރާމާރީގެ އިތުރުން އެހެނިހެން ގޮތްގޮތުންވެސް މިއަހަރު ތެރޭގައި ފުރާނައެއް ވަނީ ވަކިވެފަ އެވެ. މިއަހަރުގެ މިހާތަނަށް ނުރައްކާތެރި ނުވަ މަރެއް ރާއްޖެ ވަނީ ދެކެފަ އެވެ. ނުވަ ފުރާނަ އެއް އެއްވެސް އިންސާފެއްނެތި ވަނީ އަޅުގަނޑު މެންނާ ވަކިކޮށްލާފަ އެވެ.

އިބްތިހާލްގެ މަރު: އަނިޔާ ކުރުމުގެ ލާމަސީލު މިސާލެއް

ވ. ރަކީދޫ އަށް އުފަން އުމުރުން ތިން އަހަރުގެ އިބްތިހާލް މަރާލި ހަބަރަކީ މުޅި ގައުމު ގުޑައިގެން ދިޔަ ހަބަރެކެވެ. އެތައް ބައެއްގެ ލޯ ކަރުނުން ފުރާލި ހަބަރެކެވެ. މަންމަ، އާފިޔާގެ އަނިޔާތަކަށް ކެތް ނުވެގެން އިބްތިހާލް މިދުނިޔެ ދޫކުރީ މިއަހަރުގެ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހެވެ. އާފިޔާވެސް ވަނީ އިބްތިހާލް އަށް އަނިޔާކުރި ކަމަށް އެއްބަސް ވެފައެވެ. އިބްތިހާލް މަރުވި ދުވަހުވެސް އަނިޔާ ކޮށްފައިވާނެ ކަމަށާއި ދަރިފުޅު މަރުވީ އޭނާ އަނިޔާކޮށްގެން ކަމަށް ޝަރީއަތުގައި އާފިޔާ ވަނީ ބުނެފަ އެވެ. އިބްތިހާލަށް ކުރި އަނިޔާގެ ތެރޭގައި ކަރަށް ފިތާލައި މޭމަތީގައި ތިން ފަހަރު ފައިން ޖަހާފައިވާނެ ކަމަށް އޭނާ ވަނީ އެއްބަސްވެފަ އެވެ.

ދައުލަތުން އާފިޔާގެ މައްޗަށް ވަނީ ދެދައުވާ އެއް އުފުލާފަ އެވެ. އެއީ ގަސްދުގައި ކުޑަ ކުއްޖަކު މެރިކަމުގެ ދައުވާ އަދި އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ދައުވާ އެވެ.

މި މައްސަލާގައި އާފިޔާގެ އިތުރުން އިބްތިހާލުގެ ދޮންކާފަ އިސްމާއިލް ރައޫފް އަދި އިބްތިހާލްގެ އަވައްޓެރިއެއްގެ މައްޗަށް ވެސް ދައުވާކޮށް ދިނުމަށް ފުލުހުން ޕީޖީ ފޮނުވާފައެވެ. ނަމަވެސް ޕީޖީއިން ވަނީ އަވައްޓެރިޔާގެ މައްޗަށް ދައުވާ ނުކުރުމަށް ނިންމައި އިބްތިހާލްގެ ދޮންކާފަގެ މައްސަލަވެސް އަނބުރާ ފޮނުވާލާފައެވެ.

ޖައިލަމްގެ މަރު

އިބްތިހާލްގެ މަރުގެ ހަބަރު ލިބި އެކަމުގެ ސިހުން މުޅިން ފިލާ ނުދަނީސް ދެން އިވުނީ ހ. ހަންޑްރެޑް ފްލާވަރ، ޖައިލަމް އަހްމަދު ޝާކިރު މަރާލި ހަބަރެވެ. އޭނާ މަރާލާފައިވަނީ ފެބްރުއަރީ މަހުގެ 21 ވަަނަ ދުވަހުގެރޭ 22:20 ހާއިރު ދަރުބާރުގޭ ކުރިމަތީގައި އޮންނަ ގޯޅިއެއްގައި ހުންނަ، އޭނާ ދިރިއުޅޭ ހ.ހަންޑްރެޑްފްލާވަރ ގޭގެ ކުރިމަތީގައި ހުރި ގޮނޑިއެއްގައި އޭނާ އިށީންދެގެން އިންދާ ސައިކަލެއްގައި އައި ގްރޫޕަކުން ހަމަލާދީފަ އެވެ.

އުމުރުން 24 އަހަރުގެ ޖައިލަމް މަރުވީ ލިބުނު މާރާމާރީގައި ލިބުނު ޒަހަމްތަކުގެ ސަބަބުންނެވެ. އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް "އަވަސް" އަށް ވިދާޅުވީ ޖައިލަމްގެ ކަރަށް ވަޅި ހަރައި ކަރުގެ ނާރުތައް ބުރި ކޮށްލާފައިވާ ކަމަށެވެ.

"[ޖައިލަމްގެ] ކަރަށް އެންމެ ބޮޑު ހަމަލާ އަމާޒުވީ. އޭނާގެ ކަރަށް ވަޅި ހަރައި ކަރުގެ ނާރުތައް ވަނީ ބުރި ވެފަ. އެހެންވީމަ ސިކުނޑިއަށް ލޭ ފޮނުވައި ނުދިނީ،" އޭނާ ވިދާޅުވި އެވެ.

ކަރަށް ހަމަލާއެއް އަމާޒުވިއިރު ޖައިލަމްގެ ފުރަގަހަށާއި ބަނޑަށް ވެސް ބޮޑެތި ޒަހަމް ތަކެއް ލިބި ފުރަގަހަށް ދިން ހަމަލާގައި ފުއްޕާމޭ އެއްކޮށް ވަނީ ހަލާކު ވެފައެވެ. އޭގެ އިތުރުން ވެސް ޖައިލަމްގެ އަތުގެ ހަތަރު ތަނަކަށާއި ހަށިގަނޑުގެ އެކި ތަންތަނަށް ވަނީ ހަމަލާދީފައެވެ.

ޖައިލަމްގެ މަރާ ގުޅިގެން ތިން މީހެއްގެ މައްޗަށް ދައުލަތުން ވަނީ ދައުވާ އުފުލި ނަމަވެސް އޭނާގެ ގަޔަށް ވަޅިހެރި ކަމަށް ތުހުމަތު ކުރެވޭ މީހާ ވަނީ ފިލާފަ އެވެ. އަދި މިހާރު އެމީހަ ހޯދުމަށް އިންޓަޕޯލުން ވަނީ ރެޑްނޯޓިސް ނެރެފަ އެވެ.

ޒިޔަދަމް

ލ. މުންޑޫ، ނޫވިލު އަލީ ޒިޔަދަމް މަރާލާފައިވަނީ ރާފުޅި އެއްގެ މައްސަލައިގަ އެވެ. މިއަހަރުގެ މާޗްމަހުގެ 20 ވަނަ ދުވަހުގެރޭ އޭނާ މަރާލާފައިވަނީ މުންޑޫގެ މަގުމަތިން ހިނގާފައި ދަނިކޮށް، މާރާ މާރީ ހިންގައި ހަށިގަނޑުގެ އެތަން މިތަނަށް ވަޅިހެރުމުން ލިބުނު ޒަހަމްތަކަށް ފަރުވާ ނުލިބި އުޅެނިކޮށެވެ.

އަލީ ޒިޔަދަމްގެ މަރާލި މައްސަލައާ ގުޅިގެން ދެ މީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލައިފަ އެވެ. އެ ދެ މީހުންގެ މައްޗަށް ދައުވާކުރަނީ މިދިޔަ ޑިސެމްބަރު މަހު ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުންނެވެ.

ޝާހިން މިއާގެ މަރު - ފުރަތަމަ ބިދޭސީ މަރު

މިއީ މިއަހަރުގެ ތެރޭގައި މާރާމާރީ އެއްގެ ތެރެއިން ބިދޭސީއެއްގެ ފުރާނަ ގެއްލުނު ފުރަތަމަ ހާދިސާ އެވެ. ޒިޔަދަމްގެ މަރަށްފަހު ދެން އިވުނީ އޭގެ އަނެއް ރޭ ޝާހިން މަރާލި ހަބަރެވެ. އޭނާ މަރާލާފައިވަނީ ހާބަރު ކަޑައިގެ ތެރޭގައި ހުއްޓާ އެރޭގެ ފަތިހުގެ ވަގުތެއްގަ އެވެ. ޝާހިންގެ މެޔަށް ވަޅި ހަރާ މަރާލީ މޫނު ނިވާކޮށްގެން ތިބި ބަޔަކު ޅިޔަނު ކެފޭގައި މާރާމާރީ ހިންގުމަށްފަހުއެވެ.

ޝާހިން މިއާއަށް ހަމަލާދީ މަރާލި ޚަބަރާއި އެކު މުޅި އާއިލާއަށް ބޮޑު ޝޮކެއް ލިބި، އޭނާގެ ބައްޕައަށް ހާޓް އެޓޭކެއް ޖެހި، ޝާހިންގެ މަންމަ ވަނީ ހޭނެތިފައެވެ.

ޝާހިންގެ މަރާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ދިރިއުޅުއްވާ އެޕާޓްމަންޓެއް ފުލުހުންވަނީ ބަލައި ފާސްކޮށްފަ އެވެ.

ޝާހީން މަންޒަރު ފެނުނު ބިދޭސީންތަކެއް ވަނީ ޑީޕޯޓުކޮށްލާފައެވެ.

ނޫރު - މާޗު މަހުގެ ތިން ވަނަ މަރު

ނޫރު އާދަމް ހަސަން ފުޅު މަރާލާފައިވަނީ މާޗް މަހުގެ 28 ވަނަ ދުވަހުގެ ރޭ ދަންވަރު 1:30 ހާއިރު އައިޖީއެމް ހޮސްޕިޓަލް ކުރިމަތިން ތޫނު އެއްޗަކުން ހަމަލާ ދީފައެވެ. އޭނާ މަރުވީ އޭނާގެ އަރިކަށްޓަށް ދިން އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް އެރޭ ދަންވަރު 03:30 ހާއިރެވެ.

ނޫރުގެ މަރާއި ގުޅިގެން އޭނާގެ ހުރިހާ ވާރިސުންވަނީ މަރަށް މަރު ހިފަން ބޭނުން ކަމަށް ބުނެފަ އެވެ.

ނޫރު މަރާލުމުގެ ކުށުގައި 18 އަހަރުން ދަށުގެ ދެ ކުއްޖަކަށް ވަނީ މަރުގެ ހުކުމް އިއްވާފައި ވާއިރު އޭނާ މަރާލުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި އިތުރު ދެ މީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލައިފަ އެވެ. ނަމަވެސް އެ މައްސަލައިގެ ޝަރީއަތް އެހެން މަރުގެ މައްސަލަތަކެކޭ އެއްގޮތަށް އަދި ނުނިމެ އެވެ.

ކައިރި ކައިރީގައި ތިން މީހަކު މަރާލުމަށްފަހު ދެމަސް ދުވަސް ފާއިތުވުމުން ދެން މިފަދަ ނުރައްކާތެރި ގޮތަކަށް މީހަކު މަރާލާ ހަބަރު ނީވޭނެ ކަމަށް ގިނަ ބަޔަކު ހީކުރި އެވެ. މާރާމާރީ ހިންގާ "މޫސުން" ނިމި ގައުމު އަމާންވީ ކަމަށް ހީކުރެވުނެވެ. އެހެން ނަމަވެސް އެއީ ކުށް ހީ އެއްކަން ޔަގީންވީ ޖޫން މަހުގެ ނުވަ ވަނަ ދުވަހު ބިދޭސީ އެއް މަރާލާފައި އޮއްވާ ފެނުނު ހަބަރަށްފަހު އެވެ.

ޖޫން މަހުގެ ނުވަ ވަނަ ދުވަހު އިވިގެން ދިޔައީ ލ. ގަމުގައި އަނިޔާވެރި ގޮތަކަށް ބިދޭސީއެއް މަރާލާފައި އޮއްވާ ފެނުނު ހަބަރެވެ. ބަންގްލަދޭޝް އަށް ނިސްބަތްވާ ބާދް ޝަހުމިޔާ މަރާލާފައިވަނީ ލ. ގަން ރަންދާނުގެ، ފެންޑާގައި ބާންދް ޝަހުމިޔާ ނިދާފައި އޮއްވާ ދިގުމިނުގައި ތިން ފޫޓު ހުންނަ ދިގު ލަކުޑި ފަތިބުރިއަކުން ބާންދު ޝަހުމިޔާގެ މޫނުގައި ޖެހުމުގެ ސަބަބުން ލިބުނު ގެއްލުން ތަކުގެ ސަބަބުންނެވެ.

ބާދް ޝަހުމިޔާ ޒަޚަމްތަކަކާއި އެކު މަރުވެފައި އޮއްވައި ފެނުނު ގެއަކީ ފޮޅާ، ސާފުކޮށް، ބެލެހެއްޓުމަށް އޭނާއާއި ހަވާލުކޮށްފައިވާ ގެއެކެވެ.

މިމައްސަލައިގައި ދައުލަތުން ދައިވާ އުފުލާފައިވަނީި ލ. ގަން ރެޑްފިޝް އަލީ ހަމްޒާ ގެ މައްޗަށެވެ.

ޝިއާރު

އަނެއްކާވެސް މާރާމާރީގެ "މޫސުން" ފެށުނީ އެވެ. ލ. ގަމުގައި ބިދޭސީ އަކު އަނިޔާވެރި ގޮތަކަށް މަރަލިތާ ހަފްތާއެއްހާ ދުވަސް ފަހުން ދެން އިވުނީ އައްޑޫ ސިޓީގައި ނުރައްކާތެރި މާރާމާރީ އެއް ހިންގައި ޒުވާނަކު މަރާލި ހަބަރެވެ. ސ. ހިތަދޫ، އެތީނާ ހުސައިން ޝިއާރު މަރުވީ މާރާމާރީގައި އޭނާއަށް ލިބުނު ޒަހަމްތަކަށް ހިތަދޫ ރީޖިނަލް ހޮސްޕިޓަލްގައި ފަރުވާ ހޯދަމުން ދަނިކޮށް ޖެހިގެން އައި ދުވަހުގެ ރޭގެވަގުތެއްގަ އެވެ. ޝިއާރު އާއި މާރާމާރީ ހިންގާފައިވަނީ ޖޫން މަހުގެ 15 ވަނަ ދުވަހުގެ ރެއެވެ.

އުމުރުން 19 އަހަރުގެ ޝިއާރަށް ހަމަލާދީފައިވަނީ އޭނާ ދިރިއުޅޭ ގޭގައި ހުއްޓައެވެ. އެމައްސަލަ ތަހުގީގް ކުރުމަށް ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓުގެ ޓީމެއްވަނީ އައްޑޫއަށް ގޮސްފައެވެ.

ޝިއާރުގެ މަރުގެ މައްސަލައިގައި ހަތަރު މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލި ނަމަވެސް އެމައްސަލައިގެ ޝަރީއަތެއް އަދި ނުނިމެ އެވެ.

ޒަމީންގެ މަރު

އއ. ތޮއްޑޫ އިރުމަތީގެ، އުމުރުން 25 އަހަރުގެ އަހުމަދު ޒަމީން މަރުވީ ބަޔަކު ދިން ޒަހަމް ތަކަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. މަރުގެ ބޮޑު ހާދިސާ އެއް ނުހިނގާތާ ތިން މަހެއްހާ ދުވަސް ފަހުން ޒަމީން މަރުވި އިރު އޭނާ ފެނުނީ ބޮޑެތި ޒަހަމް ތަކަކާއެކު މ. މޫސުން ބަހާރުގޭ ހަވަނަ ފަންގިފިލާގެ ސިޑިގޮޅިތެރޭގައި އޮއްވަ އެވެ.

ޒަމީން ހޮސްޕިޓަލަށް ގެނައިރު އޭނާގެ ފުށްކިބައަށް އަނިޔާވެފައިވާ އިރު، ހޮސްޕިޓަލުން ހެދި ސްކޭންތައް ހެދި އިރު، ފުއްޕާމެޔަށާއި ސިކުނޑިއަށް ލޭ އެޅިފައިވާކަން ފާހަގަވެފައިވާ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

މިމައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

ޒިޔާދާ - ތަކުރާރުކޮށް ފިރިމީހާ ޖިންސީ ލިބުނު ކެތްތެރި މަންމަ އެއް

ގދ. ތިނަދޫ ޒިޔާދާ ނައީމް ނިޔާވީ ރޭގެ ވަގުތެއްގައެވެ. ތަކުރާރުކޮށް ފިރިމީހާގެ ފަރާތުން ލިބުނު ޖިންސީ ގޯނާ ތަކުގެ ސަބަބުން ޒިޔާދާގެ ހާލުވަނީ ސީރިއަސް ވެފައެވެ. މީގެ 15 ދުވަސްކުރިން އެޑްމިޓްކޮށްގެން ފަރުވާދޭން ފަށާފައެވެ. ޒިޔާދާގެ ހާލު ރަނގަޅުވަމުން އައި ނަމަވެސް އަނެއްކާވެސް ވަނީ ސީރިއަސް ވެފަ އެވެ.

އޭނާގެ ފިރިމީހާ މިހާރު ފުލުހުން ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހާފައިވާ އިރު، އޭނާ އަށް އަށް ކުރެވޭ ތުހުމަތުގެ ތެރެއިން އަނިޔާކުރުމުގައި ތޫނު އެއްޗެއް ބޭނުންކޮށްފައިވާ ކަމަށް ތުހުމަތު ކުރެ އެވެ. އަދި އޭގެ ސަބަބުން އިންފެކްޝަން އުފެދި އަންހެން މީހާގެ މެ އާއި ސިކުނޑިއަށް އަސަރުކޮށްފައިވާ ކަމަށް ވެސް ހޮސްޕިޓަލުން ބުނެފައިވެ އެވެ. ވެންޓިލޭޓަރުގެ އެހީގައި އަންހެން މީހާއަށް ފަރުވާ ދެމުން ދިޔުމުގެ
ސަބަބުން އިތުރު ފަރުވާއަށް ބޭރަށް ވެސް ވަނީ ނުގެންދެވިފަ އެވެ. އަދި ބޭރުގެ ޑޮކްޓަރުން ގެނެސްގެން ފަރުވާ ދޭން މަސައްކަތް ކުރި ނަމަވެސް ހާލު ދެރަކަމުން އެކަން ވެސް ކާމިޔާބެއް ނުވި އެވެ.

ޒިޔާދާގެ ހަށިގަނޑު މިހާރުވަނީ އޮޓޯޕްސީއެއް ހަދަން އިންޑިއާ އަށް ގެންދަން ނިންމާފަ އެވެ.

ޒިޔާދާ މަރުވި އިރު އޭނާގެ ދަރިން ދުނިޔޭގައި އެބަ ތިއްބެވެ.