ރައީސް އަބްދުﷲ ޔާމީން އަމިއްލަފުޅަށް ވިދާޅުވާ ގޮތުން ވެސް 2015 އަކީ އެމަނިކުފާނުގެ ސަރުކާރަށް "ވަރަށް ހެޕަނިން" އަހަރެކެވެ. ގައުމުގެ ސިޔާސީ މަސްރަހުންނާއިނާއި ގައުމުގެ ބޭރުން ވެސް އެމަނިކުފާނަށް އެތައް ހުރަސްތަކެއް ގިރާ ކުރައްވަން ޖެހިވަޑައިގެންނެވި އަހަރެކެވެ. އޭގެ ތެރޭގައި އިދިކޮޅު ފަރާތްތަކުގެ ހަރަކާތާއި ސަރުކާރުގެ ތެރެއިން އައިން ބައެއް ކަންކަން ވެސް ހިމެނެ އެވެ.
"އެހުރިހާ ކަމަކާ އެމަނިކުފާނު ކުރިމަތިލެއްވި. އެމަނިކުފާނު ވެވަޑައިގެންނެވީ ވަރަށް ކެތްތެރި ވަރަށް ސްމާޓް ލީޑަރަކަށް. ރައީސެއްގެ ކޮލިޓީ އެމަނިކުފާނު ދެއްކެވި. ތެދަށް ބުނަންޏާ އެމަނިކުފާނަކީ ރައީސް އިބްރާހިމް ނާސިރަށްފަހު ރާއްޖެ ދުށް އެންމެ އާދަޔާހިލާފު ސިޔާސީ ގޮތުން އެންމެ ސްމާޓް ލީޑަރު. އެމަނިކުފާނަކީ އާދައިގެ ވިސްނުންފުޅެއްގެ ބޭފުޅެއްގެ ގޮތުގައި ބަލާނެ އެއްވެސް ޖާގައެއް ނުދެއްވި،" ސިޔާސީ ގޮތުން ރައީސް ޔާމީނާ ހިލާފުޅު ތަފާތު އަދި މީގެ ކުރިން އިދިކޮޅު އެމްޑީޕީގެ އިސް ލީޑަޝިޕްގައި ވެސް ހިމެނި ވަޑައިގެންނެވި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވި އެވެ.
އިކްނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ސިފަ ކުރައްވާ ގޮތުގައި ރައީސް ޔާމީނަކީ ރާއްޖެ ދެކޭނެ އިގްތިސޯދީ އަޖައިބު ގެނެސްދެެއްވާނެ އަދި ރާއްޖެއަށް ސިނާއީ ސުލްހަ ގެނެސްދެއްވާނެ ވަރުގަދަ އަދި ރާއްޖޭގެ ސިޔާސީ މައިދާނުން ދެން މަދުން ނޫނީ ނުފެންނާ ލީޑަރެކެވެ.
"މުޅި އަހަރު އެމަނިކުފާނަށް ޗެލެންޖިން ކަންކަމަށް ކުރިމަތި ވަޑައިގެންނެވި އެހުރިހާ ކަމެއް އެމަނިކުފާނު ހައްލު ކުރެއްވި. އަދި އެމަނިކުފާނު ރައީސް ކަމަށް ވަޑައިގެންނެވި އެޖެންޑާގެ ބޮޑު ބައެއް މުޅި އަހަރު ދުވަހުގެ ތެރޭގައި އިގްތިސޯދީ ގޮތުންނާއި ވިޔަފާރީގެ ގޮތުންނާއި ތަރައްގީ ގޮތުން ފުރިހަމަ ކުރައްވާ ކާމިޔާބު ހޯއްދެވި. އަދި ސިޔާސީ ގޮންޖެހުންތަކުގެ މައްޗަށް ކުރި ހޯއްދެވި،" މުހައްމަދު ސައީދު ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ސަރުކާރުގެ ކޯލިޝަން ރޫޅިގެން ދިއުމާއެކު ސަރުކާރުގެ ތެރެއިން އުފެދުނު ޕޮލިޓިކަލް ފްރިކްޝަންގެ ތެރެއިން ޖޭޕީ އާއި އެމްޑީޕީ އެކުވުމާއެކު ރައީސް ޔާމީނާއެކު ރާއްޖޭގައި ފެށުނު އަމާން އަދި ހިމޭން މާހައުލު ފުނޑުފުނޑުވެގެން ދިޔައެވެ. މުޒާހަރާތައް ފެށުނުނެވެ. ފާޑިއުކުންތަކާއި އިގްތިސޯދު ބޮއިކޮޓް ކުރުމުގެ ހަރަކާތްތަކާއި ސަރުކާރު ވައްޓާލުމުގެ ހަރަކާތްތައް ފެށުނެވެ.
ރައީސް ޔާމީންގެ ކެބިނެޓުން ބައެއް ވަޒީރުން ބޭރުވެގެން ދިޔައިރު ރައީސް ޝަރުއީ ދާއިރާގެ ތެރެއިން ރައީސް ނަޝީދުގެ މައްޗަށް އައި ހުކުމުގެ ސަބަބުން އެތައް ގޮންޖެހުމަކާ ކުރިމަތިވި އެވެ. އޭގެ މައްޗަށް ފަރުބަދައެއް ވެޓޭ ގޮތަށް ރައީސް ޔާމީންގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްސަލަ އައިސް ޖެހުނެވެ. ބޮޑެތި މުޒާހަރާތަކާއެކު މަގުތައް ފުރާލި އެވެ. އެފަދަ އެތައް ކަމެއްގެ ތެރެއިން އައި އެންމެ ހައިރާން ކުރުވަނިވި ކަމަކީ ރައީސް ޔާމީންގެ ނައިބު ރައީސް ޑރ. ޖަމީލް މަގާމުން ދުރު ކުރެވި އަލަށް އެ މަގާމަށް ގެނައި ނައިބު ރައީސް އަހުމަދު އަދީބު އަޑީގައި ހުންނަވައިގެން ރައީސް ޔާމީން އަވަހަރާކޮށްލަން ދިން ވަރުގަދަ އަދި ނުރައްކާތެރި ހަމަލަ އާއި އޭގެ ތެރެއިން އުފަންވެެގެން އައި ރާއްޖޭގެ އެތައް މިތަނުން ހަތިޔާރު ބޮމާއި އެނޫން ވެސް އެބާވަތުގެ ތަކެއްޗާއި ރައީސް ޔާމީން އަވަހާރަކޮށްލުމަށް ދެވަނަ އަދި ތިން ވަނަ ހަމަލާއެއް ރޭވިގެން އައުމާއި ރާއްޖޭގެ ހާލަތު ނުރައްކާތެރި ހާލަތަކަށް ބަދަލުވެ، ސްޓޭޓް އޮފް އިމަޖެންސީ ހިންގަން އެމަނިކުފާނަށް ޖެހި ވަޑައިގެންނެވުމެވެ.
"އެހުރިހާ ކަމެއްގެ މައްޗަށް އެމަނިކުފާނަށް ކުރިހޯއްދެވޭނެ ކަމަށް ވަރަށް މަދު މީހަކު ނޫނީ ގަބޫލެއް ނުކުރޭ. އެކަމަކު އެންމެން ހައިރާން ކުރާވާފައި އެމަނިކުފާނު ވަނީ އެ ހުރިހާ ކަމެއްގެ މައްޗަށް ކުރި ހޯއްދަވާފައި. އަދި ގައުމުގެ ތަރައްގީގައި ކުރަން ހުރި މަސައްކަތަށް އަލުން އެނބުރި ވަޑައިގެންފައި. މި އަހަރަކީ ރައީސް ޔާމީންގެ ހަޔާތުގައި ދެން ދުވަހަކުވެސް ނުދެކޭނެ ފަދަ ނުރައްކާތެރި އަދި އުނދަގޫތައް ބޮޑު އަހަރެއް. އެހެން ނަމަވެސް އެ ހުރިހާ އުނދަގުލަކުން ރައީސް ޔާމީން ސަލާމަތްވެ ވަޑައިގެންނެވީ. ބޭރުންނާއި އެތެރެއިން އައި ހުރިހާ ޕްރެޝަކަށް ސިޔާސީ ގޮތުން ވަރަށް ރަނގަޅަށް ވަށައިޖެހޭ ސިޔާސަތުތަކެއް ދައްކަވައިގެން،" މަޖިލިސް މެންބަރަކު ވިދާޅުވި އެވެ.
މުޅި އަހަރުގެ ތެރޭގައި ހުރިހާ ގޮންޖެހުންތަކާއެކު އެހުރިހާ ކަމެއް ފިނި ކުރައްވާ ރައީސް ޔާމީން އަބަދުވެސް ދެއްކެވީ މައިގަނޑު ތިން ވާހަކަފުޅެކެވެ. ފުރަތަމަ ކަމަކީ ދިވެހިންނަށް ދިވެހިންގެ ކަންކަން ނިމަން ފުރުސަތު ލިބެންޖޭނެ އެވެ. ބޭރު މީހުން އައިސް ރާއްޖޭގެ ދާހިލީ ކަންކަމާބެހި ގޮތް ކިޔައި ގޮތް ނިންމަން ފުރުސަތު ނުދެއްވާނެ ކަމަށާއި ރާއްޖޭގައި އިސްލާމް ދީން ނޫން ދީންތަކަށް ޖާގަ ދިނުމަށް ކުރާ މަސައްކަތްތައް ކާމިޔާބުވިޔަ ނުދެއްވާނެ ކަމަށެވެ. ދެވަނަ އަދި ތިން ވަނަ ކަމަކީ ރާއްޖެ އަމާންވެއްޓަކަށް ބަދަލުކޮށް ރާއްޖެ ދެކެން ބޭނުންވާ އިގްތިސޯދީ މުއްސަނދި ތަރައްގީގެ ތެރެއަށް ގައުމުގެ ގެންދިއުމުގައި ފަސް ޖެހި ވަޑައި ނުގަންނަވާނެ ކަމަށެވެ.
"ހަމަ ހަގީގަތުގައި ވެސް މިވަރުގެ ލީޑަރެއް ރާއްޖެ ދެން ނުދެކޭނެ. އެކަން 2015 ގައި އެމަނިކުފާނަށް ކުރިމަތިވިވެޑައިގެންނެވި ހުރިހާ ހާދިސާތަކަށް ކުރިމަތިއްލައްވާ އެކަންކަން ހިމޭންކޮށްލެއްވި ގޮތުން ރައީސް ޔާމީން ވަނީ މުޅި ގައުމަށާއި ބޭރު ދުނިޔެއަށް އެކަން ސާބިތުކޮށްދެއވާފައި،"