ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ އުފަން ރަށް، ފާދިއްޕޮޅު ހިންނަވަރަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ ވަޑައިގަތުމުން މީހުން ފޮނުވައިގެން އެކަމަނާއަށް "ބަވާ" ފައިވާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އީވާގެ ބޭބެ މުހައްމަދު ނަޝީދު ރުޅިވެރިކަމާއެކު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
އެމަނިކުފާނުގެ ކަންބޮޑުވުން މި ފަހަރުވެސް ހިއްސާ ކުރެއްވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނަށް ހާއްސަ ކޮށްފައިވާ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވެެވި މެސެޖެއްގައެވެ.
މިދިޔަ ހަފްތާއިން ފެށިގެން ގައުމީ މަޖިލީހުގެ މެންބަރުންނަށް ހާއްސަ ކޮށްފައިވާ ވަޓްސްއެޕް ގްރޫޕްގައި މެންބަރުންގެ މެދުގައި ދަނީ ހޫނުގަދަ ބަހުގެ ހަމަލާތައް ބަދަލު ކުރަމުންނެވެ. ހާއްސަކޮށް ރައީސް ނަޝީދަށް ވަފާތެރި މެންބަރުންނާއި ރައީސް ސޯލިހަށް ވަފާތެރި މެންބަރުންގެ މެދުގައި ބަހުގެ ހަމަލާ ބަދަލުކުރެވެއެވެ. ބައެއް ފަހަރު ނަޝީދުވެސް އެ ހަނގުރާމައިގެ ތެރެއަށް ވަދެވަޑައިގަންނަވައެވެ. އަދި ބައެއް ފަހަރު އެމަނިކުފާނު އިސްވެ ބައެއް ވާހަކަތައް ފައްޓަވައެވެ.
އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގެ ކެމްޕެއިނަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒްގެ ފަހުމީގެ ކެމްޕެއިނަށް އީވާ އަބްދުﷲ މިއަދު ވަނީ ހިންނަވަރަށް ވަޑައިގެންފައެވެ.
އެ ދަތުރަށް އިޝާރާތް ކުރައްވާ ނަޝީދު މިއަދު ވިދާޅުވީ ހިންނަވަރަށް އީވާ އަބްދުﷲ ވަޑައިގަތުމުން މީހުން ފޮނުވައިގެން "ބަވާ" ލާފައިވާ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ގަލޮޅަށް ވަޑައިގަތުމުން އެހެން ހައްދަވަންވީތޯ ސުވާލު ކުރެއްވިއެވެ.
ހިންނަވަރަށް އީވާ ދިއުމުން މީހުން ފޮނުވައިގެން 'ބެވީ'. ދެން އިބޫ [ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް] އަށް ގަލޮޅުން އެހެން ހަދަންވީތަމުހައްމަދު ނަޝީދު | އެމްޑީޕީގެ ރައީސް
އީވާ އަކީ ގަލޮޅު އުތުރު ދާއިރާގެ މެންބަރެވެ. މިއީ އޭނާ އެ ދާއިރާގެ ގޮޑި ފުރާ ތިންވަނަ ފަހަރެވެ. 2024 ވަނަ އަހަރުގެ ނިޔަލަށް އީވާ މަޖިލީހުގެ އެ ދާއިރާ ތަމްސީލު ކުރައްވާތާ 15 އަހަރު ފުރުނީއެވެ.
ގަލޮޅަކީ ރައީސް ނަޝީދުވެސް ނިސްބަތްވެވަޑައިގަންނަވާ އަވަށެވެ.
ރައީސް ނަޝީދު ފަހަކަށް އައިސް ގެންދަވަނީ ސަރުކާރުގެ ސިޔާސަތުތަކަށާއި ސަރުކާރަށް ތާއީދުކުރާ މަޖިލީހުގެ ބައެއް މެންބަރުންނަށް ވެސް ފާޑު ވިދާޅުވެ ވާހަކަދައްކަވަމުންނެވެ. އެގޮތުން ދެކުނުގެ މަސްވެރިކަން ރަނގަޅުވެ، މަސްވެރިން ބާނާ ހުރިހާ މަހެއް މިފްކޯ އަށް ވަގުތުން ވަގުތަށް ގަނެވޭ ގޮތް ނުވުމުން އެކަމަށްވެސް ނަޝީދު ފާޑު ވިދާޅުވި އެވެ.
މަސްވެރިން ބާނާ މަހަށް ހަދާނެ ގޮތް ނުވިސްނިގެން ނޫޅޭ ކަމަށާއި ސަރުކާރުން އެގޮތް ނުހަދަނީ ކަމަށް ވިދާޅުވެ ނަޝީދު މިފަހުން ވަނީ ޓްވީޓެއް ވެސް ކުރައްވާފަ އެވެ. ޓްވީޓް ކުރެއްވެވީ ވެސް މަސްވެރިން ބާނާ މަސް ގަތުމުގެ މައްސަލައިގައި އަންހެނަކު ނުރުހުންވެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވާ ވީޑިއޯއަކާ ވެސް އެކުގަ އެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވަމުން ގެންދަވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ ކެމްޕޭންގައި އިސްކޮށް އުޅުއްވާ ބޭފުޅުންނަށް ވެސް ނަޝީދު ގެންދަވަނީ ތަކުރާރުކޮށް ބަހުގެ ހަމަލާތައް ދެއްވަމުންނެވެ.
މީގެއިތުރުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕްގައި ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ ނަޒަރުގައި އެމްޑީޕީއަށް ރައްޔިތުންގެ ވޯޓްގެ 50 ޕަސެންޓް ހޯދުންވެސް ދެން ވަރަށް އުނދަގޫ ވާނެ ކަމަށް ވިދާޅުވެފަ އެވެ. އެ މިންވަރަށް ތާއީދު ހޯދޭވަރަށް ވުރެ މާގިނަ ގޯސްތައް ސަރުކާރުން ހަދާފައިވާ ކަމަށްވެސް ތުހުމަތުކުރެއްވެވި އެވެ. އަދި މިއަހަރަކީ ދައުލަތުން ދަރަނީގެ ގޮތުގައި އެންމެ ބޮޑު ހަރަދެއް ކުރަންޖެހޭ އަހަރު ކަމަށްވީ ނަމަވެސް ސަރުކާރުން އެކަމަށް އެއްވެސް ވަރެއްގެ ސަމާލުކަމެއް ނުދޭ ކަމަށެވެ. އޭގެބަދަލުގައި ފެނިގެންދަނީ އަމިއްލަ މަސައްކަތްތައް ހިތުހުރި ގޮތަކަށް ކުރަމުންދާ ތަން ކަމުގައިވެސް ނަޝީދު ވިދާޅުވެފައިވެ އެވެ.