ކާނާ

ގެރިކިރު ކޭކްގެ ރެސިޕީއެއް

ކޭކްގެ އެކި ބާވަތްތައް އަބަދު ވެސް ފެނެ އެވެ. އައިސިން ޖަހާފައި ހުންނަ ކޭކްތައް ކާލަން މީރުވެފައި އޭގެ ޑިމާންޑް ވެސް ބޮޑެވެ. ރޯދަ މަހުގެ ހާއްސަ ފޮނި ކާތަކެތީގެ ތެރޭގައި ކޭކްއެއް ނެތްނަމަ ރޯދަމަސް ހެން ހީނުވާ މީހުން ވެސް ތިބެ އެވެ.

ބޭނުންވާނެ ބަވަތްތައް

100 ގްރާމް ފުށް
100 ގްރާމް ގެރިކިރު
100 ގްރާމް ހަކުރު
50 ގްރާމް މާޖިރިން ނުވަތަ ތިން ސައިސަމްސާ އަންސޯލްޓަޑް ބަޓަރު
1 ކުޑަ ސަމްސަލެއްގެ ބޭކިންޕައުޑާ
1 ސައިސަމްސާ ފިނިފެން
5 ބިސް

ތައްޔާރު ކުރާނެ ގޮތް

ގެރިކިރު އަދި ފުށް ތައްޓަކަށް އެޅުމަށް ފަހު އެއްކޮށްލާށެވެ. އޭގެ ފަހުގައި ހަކުރާއި މާޖިރިން، ބޭކިންޕައުޑާ އަދި ފިނިފެން އެޅުމަށް ފަހު ކޭކް މިކްސްޗާ އަކުން ރަނގަޅަށް ގިރާލާށެވެ. ކޭކް މިކްސްޗާއެއް ނެތްނަމަ ސަމްސަލެއް ބޭނުން ކޮށްގެން ހަކުރުތައް ވިރެން ދެން އެއްކޮށްލާށެވެ. ދެން ދެބިސް ، އަނެއްކާ ވެސް އެއްކުރުމަށް ފަހު ބާކި އޮތް ތިން ބިސް ޢަޅައިން އެއްކޮށްލާށެވެ.

ހުރިހާ ބިހެއް އެއްފަހަރާ އެޅުމުން އެހާ މަޑުކޮށެއް ނުހުންނާނެ އެވެ. ބޭކިން ޓްރޭއެއް ތެރޭ މާޖިރިން ކޮޅެއް އެޅުމަށްފަހު ޓްރޭ ވަށައިގެން މާޖިރިންތައް ހާކާލާށެވެ. އެއަށްފަހު ފުށްކޮޅެއް އަޅައި ޓްރޭތެރޭ ފަތުރާލަށެވެ. މާޖިރިން އަދި ފުށް އެޅުމުން ކޭކް ފިހެ ނިމުނީމަ ކޭކް ހަލާކު ނުކޮށް ނަގަން ފަސޭހަވާނެ އެވެ. ބޭކިން ޕޭޕާ ހުރިއްޔާ ޓްރޭ ފުލުގައި އަޅަން އެ ބޭނުން ކުރެވިދާނެ އެވެ.

އަވަންގެ ހޫނުމިން 180 ބެހެެއްޓުމަށް ފަހު 25 މިނެޓް ވަންދެން ފިހެލާށެވެ. މަޑު މީރު ގެރިކިރު ކޭކް ތައްޔާރުކޮށް ނިމުނީއެ ވެ.