ދުނިޔެ

އިޒްރޭލުން ލުބްނާންއަށް ބޮޑުބަޑިން ހަމަލާދީފި

އިޒްރޭލުގެ ދިފާއީ ބާރުތަކުން (އައިޑީއެފް) ލުބްނާނަށް ބޮޑުބަޑިން ހަމަލާ ދީފި އެވެ. އައިޑީއެފުން ޓްވިޓާގައި ބުނެފައިވާ ގޮތުން ލުބްނާންގެ އަމާޒުތަކަށް ހަމަލާ ދޭން ޖެހުނީ ލުބްނާނުން ހަމަލާތަކެއް އިޒްރޭލަށް އަމާޒުވުމުންނެވެ.

އައިޑީއެފުން ބުނި ގޮތުން ލުބްނާނުން ދިން ހަމަލާތައް ވަނީ އިޒްރޭލަށް ފޯރާފަ އެވެ. އެހެން ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ. އަދި ބުނީ ލުބްނާނުން ފޮނުވި ބޮޑުބަޑީގެ އުންޑަތައް ވެއްޓިފައި އޮތީ އިޒްރޭލުގެ ހުސް ބިމަކަށް ކަމަށެވެ.

ލުބްނާންގައި ހަރަކާތްތެރިވާ ޝީއީ ހިޒްބުﷲ ޖަމާއަތުން ބުނީ ބޮޑުބަޑީގެ އުންޑަތައް އިޒްރޭލަށް ފޯރާތޯ ބަލާލީ ކަމަށެވެ. އިޒްރޭލަށް ފޯރިކަން މިހާރު ކަށަވަރު ވެފައިވާތީ އިޒްރޭލަށް އިތުރު ހަމަލަދޭން މަގު ތަނަވަސްވީ ކަމަށް ވެސް އެ ޖަމާއަތުން ބުނެ އެވެ.

އިޒްރޭލުން ކޮންމެ އަހަރެއްގެ ރޯދަމަހާ ދިމާކޮށް މަސްޖިދުލް އަގުސާގައި ނަމާދާށް ތިބޭ ފަލަސްތީންގެ އާންމުންނަށް ދުއްތުރާ ކުރުން ވަނީ އާދައަކަށް ހަދާފަ އެވެ. ނަމާދުކުރާ ހޯލުން މީހުން ބޭރުކުރުމަށް އެކަށިގެން ނުވާ ވަރަށް ބާރުގެ ބޭނުންކުރާ ކަމަށް ޚަބަރުތައް ބުނެ އެވެ.

އިޒްރޭލު ސިފައިންގެ އަނިޔާވެރި ހަމަމާތައް ހުއްޓުވަން ފަލަސްތީންގެ ގާޒާގައި ވެރިކަންކުރާ ހަމާސް އާއި ލުބްނާންގެ ހިޒްބުﷲ އިން ރައްދު ހަމަލާ ދެ އެވެ.

އެހެން ނަމަވެސް، އިޒްރޭލުގެ ބާރުގަދަ ހަތިޔާރުތަކުން މުސްލިމުންނަށް ދޭ ރައްދު ހަމަލާތަކުގައި އާންމުގެ ގިނަ ބަޔަކު މަރުވެ އުމްރާނީ ތަރައްގީ ބިމާހަމަވެގެން ދެ އެވެ.

އިޒްރޭލު ސިފައިން ހުޅަނގު އައްސޭރީގައި އާންމުންނަށް ބަޑިން ހަމަލާދީ މި ރޯދަ މަހު ވެސް އެތައް ބަޔަކު ވަނީ މަރާފަ އެވެ. އޭގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެ އެވެ.