ބޭންކް އޮފް މޯލްޑިވްސް

ސަމާލު! އެކި ނަންމުގައި މަކަރާއި ހީލަތުން ފައިސާ ހޯދަނީ

Apr 25, 2022

ބައެއް ކުންފުނިތަކުގައި ނަމުގައި އާއި އަދި ޝަޚްސު އޮޅުވާލައިގެން ނަންނަމުގައި ފޯނުން ގުޅައިގެން އިންޓަނެޓް ބޭންކިން މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ކުރުވައި މަކަރާއި ހީލަތުން ފައިސާ ހޯދާކަމުގެ ޝަކުވާތައް އަނެއްކާ ވެސް އިތުރުވަމުން އަންނަކަން މި ވަނީ ފާހަގަކުރެވިފަ އެވެ.

މިގޮތުން ސޯޝަލް މީޑިއާ އެކައުންޓްތަކުގެ އެކްސެސް ހޯދައި، ރައްޓެހިންނަށް މެސެޖްކޮށް އެ އެކައުންޓް ބޭނުން ކޮށްގެން މަކަރާއި ހީލަތުން ފައިސާ ހޯދާކަމުގެ މައުލޫމާތު ވެސް މި ބޭންކަށް ވަނީ ލިބިފަ އެވެ.

މި ކޯލްތަކުގައި ކަސްޓަމަރުންނަށް އޮޅުވާލުމުގެ ގޮތުން ވާހަކަދައްކަމުންދަނީ ވަރަށް ވެސް ގަބޫލުކުރެވޭ ފަދަ ގޮތަކަށެވެ. އަދި މީގެ އިތުރުން ބޭންކާއި އަދި ބަައެއް އެހެން ކުންފުނިތަކުގެ ނަމުގައި ގުޅައިގެން ކަސްޓަމަރުންގެ ޒާތީ މައުލޫމާތާއި ބޭންކިންގއާ ގުޅޭ މައުލޫމާތު ހޯދައި އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް އެކައުންޓުން މުއާމަލާތްކޮށްފައިވާ ކަމުގެ ޝަކުވާ ކަސްޓަމަރުން ވަނީ ބޭންކަށް ހުށަހަޅާފައެވެ. މިފަދަ ހާލަތްތަކުގައި އޯޓީޕީ ހިއްސާކޮށްފައިވާކަން ވެސް ބޭންކަށްވަނީ ފާހަގަކުރެވިފަ އެވެ.

މިގޮތަށް އޮޅުވާލައިގެން ފައިސާ ހޯދުމުގެ ފުރުސަތު އެ ފަރާތްތަކަށް ނުދިނުމުގެ ގޮތުން، ސައްހަކަން ކަށަވަރު ނުކުރެވޭ ފަރާތްތަކަށް ފައިސާގެ މުއާމަލާތްކުރުމުގައި އިތުރަށް ސަމާލުވުމަށް އިލްތިމާސްކުރަމެވެ. އަދި ނުދަންނަ ފަރާތްތަކުން ގުޅައި ފައިސާ ފޮނުވައި ދިނުމަށް އެދި ކުރާ ކޯލްތަކަށް ޖަވާބު ނުދެއްވުމަށް ވެސް އެދެމެވެ. އަދި އެކި ނަންނަމުގައި ކުރާ ފޯނު ކޯލުތައް މެދުވެރިކޮށް ކަސްޓަމަރުންގެ ޒާތީ މައުލޫމާތާއި ބޭންކް އެކައުންޓް، އިންޓަނެޓް ބޭންކިން އަދި ކާޑުގެ އެއްވެސް މައުލޫމާތެއްގެ އިތުރުން އޯޓީޕީ ހިއްސާ ނުކުރެއްވުމަށް ވެސް ދަންނަވަމެވެ.

ރާއްޖެ އާއި ރާއްޖޭން ބޭރުގައިވެސް އޮޅުވާލައިގެން ފައިސާ ހޯދާ ފަރާތްތަކުން ދަނީ އެކި ގޮތްގޮތަށް އެކި އުކުޅުތައް ބޭނުންކޮށްގެން މަކަރާއި ހީލަތުން ފައިސާ ހޯދަމުންނެވެ. އެހެންކަމުން ސައްހަކަން ކަށަވަރު ނުކުރެވޭ ފަރާތްތަކާ އެކު ފައިސާ މުއާމަލާތްކުރުމުގައި އިތުރަށް ސަމާލުވުމަށް ދަންނަވަމެވެ. އަދި މިދަނޑިވަޅުގައި ވީހާވެސް ރައްކާތެރިކަމާއެކު ފައިސާގެ މުއާމަލާތްތައް ހިންގުމަށް ކަސްޓަމަރުންނަށް އިލްތިމާސްކުރަމެވެ.