ބޮންޑެ އިބްރާހިމް ރަޝީދު

ބޭއިންސާފު ވަމުންދާތީ ސަރުކާރާ ދެކޮޅަށް ތެދުވަން ބޮންޑޭ ގޮވާލައްވައިފި

Apr 25, 2022
5

އެމްޑީޕީ ބައިވެރިވާ ސަރުކާރެއް އޮވެ އެމްޑީޕީގެ މެންބަރުންނަށް ބޮޑު ބޭއިންސާފެއް ވަމުންދާ ކަމަށް ތުހުމަތުކުރައްވާ އެމްޑީޕީގެ މެންބަރުން ސަރުކާރާ ދެކޮޅަށް ތެދުވުމަށް އެމްޑީޕީގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ގޮވާލައްވައިފި އެވެ.

ޅ. ނައިފަރުގައި ހުންނަ މަދަރުސަތުލް އިފްތިތާހުގައި ހުރި މައްސަލަތަކަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން އިބްރާހީމް ރަޝީދު ވަނީ ސަރުކާރުން އެމްޑީޕީއާއި އެ ޕާޓީގެ މެންބަރުންނާ މެދު އަމަލުކުރަނީ ބޭއިންސާފުން ކަމަށް ތުހުމަތު ކުރައްވާ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

އިބްރާހީމް ރަޝީދު ވިދާޅުވީ ސަރުކާރުން ބޭނުންވި ނަމަވެސް އެމްޑީޕީ އަކީ ގޭންގަކަށް ނުހެދޭނެ ކަމަށެވެ. ސަރުކާރުން ހިންގާހާ ކަމެއް ސިއްރުކުރަން އެމްޑީޕީ އަށް ނުޖެހޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

ވެރިކަން ކުރާ ކޯލިޝަނުން އެމްޑީޕީއަށް 40 ޕަސަންޓް ދޭން ވައުދުވެފައި އޮތް ނަމަވެސް މިއަދާ ހަމައަށްވެސް އެމްޑީޕީއަށް 40 ޕަސަންޓް ނުލިބޭ ކަމުގައި ބޮންޑޭ ވިދާޅުވި އެވެ. އަދި އެކަން ސިފަކުރެއްވީ ބޮޑު ބޭއިންސާފެއް ގޮތުގަ އެވެ.

"އެ 40 ޕަސަންޓަށް ހައްގުވާ މިންވަރެއް ވެސް ނުދޭ. އަޅުގަނޑުމެންގެ މަދު ވަޒީރެއް ތިއްބެވީ. ދެން މިރާއްޖެ ހިންގަމުން ދަނީ ޝައިހް އިމްރާން. މިރާއްޖެ ހިންގަމުންދަނީ ގާސިމް އިބްރާހީމް. މިރާއްޖެ ހިންގަމުންދަނީ މައުމޫން އަބްދުލްގައްޔޫމް،" ސަރުކާރަށް ފާޑުވިދާޅުވަމުން ބޮންޑޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި ސިޔާސީ ގޮތުން ހުންނެވި އެންމެ ބާރުގަދަ ފަރާތަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކަމަށެވެ. ނަމަވެސް މިސަރުކާރުގައި ރައީސް ނަޝީދު ހުރީ އެކަހެރިކޮށްފައި ކަމަށާއި އެމަނިކުފާނު އަވަހާރަކޮށްލުމަށް ގޮއްވާލި ބޮމުގެ މައްސަލަ އަދިވެސް ތަހުގީގު ނުކުރާ ކަމަށްވެސް ވިދާޅުވި އެވެ.

އެވަރުގެ ބޭއިންސާފެއް އެމްޑީޕީގެ މެންބަރުންގެ މައްޗަށް އޮތް އިރު އެމްޑީޕީން މަޑުން ނޯންނާނެ ކަމުގައިވެސް ބޮންޑޭ ވިދާޅުވި އެެވެ. އެމްޑީޕީގެ މެންބަރުންނަކީ ފުރާނައިން ގުރުބާންވެގެން ގައުމަށް ޑިމޮކްރަސީ ގެނެސްދީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހޯދައިދިން ޕާޓީ ކަމުގައިވެސް ވިދާޅުވި އެވެ. ސަރުކާރުން އެމްޑީޕީއާ މެދު ބޭއިންސާފުން އަމަލުކުރަމުންދާތީ ކުރިއަށް އޮތް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް އިމްތިޔާޒު ފަހްމީ ހޮވައިދީ ސަރުކާރަށް ވަރުގަދަ މެސެޖެއް ދިނުމަށް ވެސް ބޮންޑޭ ވަނީ އެމްޑީޕީގެ މެންބަރުންނަށް ގޮވާލައްވާފަ އެވެ.

"މިފަހަރު އިމްތިޔާޒު ފަހްމީ އަށް ވޯޓު ދީގެން ސަރުކާރަށް ވަރަށް ވަރުގަދަ މެސެޖެއް ފޯރުކޮށްދޭންޖެހޭ އެބަ. [ސަރުކާރަށް އެނގެންޖެހޭ] އެމްޑީޕީ ހަނު ނޯންނާނެ ކަމަށް ރައްޔިތުންނަށް އަނިޔާކުރާއިރު. ރައްޔިތުންނަށް ނިކަމެތިކަން ލިބޭއިރު. ސަރުކާރޭ ކިޔައިގެން އަގަ މަޑުންލައިގެން ނޯންނާނެ ކަން. މިފަހަރު ދައްކަންޖެހޭނެ އެމްޑީޕީ މެންބަރުން." ބޮންޑޭ ވިދާޅުވި އެވެ.

ޗެއާޕާސަންގެ މަގާމަށް އިމްތިޔާޒާ އެކު ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފުރިހަމަ ތާއީދު ފައްޔާޒަށް އޮތް ކަމަށް ބުނާއިރު އެމްޑީޕީގެ ރައީސް ނަޝީދުގެ ތާއީދު އޮތީ އިމްތިޔާޒަށް ކަމަށް ބުނެވެ އެވެ. ބޮންޑޭ ހުންނެވީ އިމްތިޔާޒުގެ ޓީމާ އެކު އެވެ.