ރޯދަ މަސް

ފަހު ދިހައެއްގެ ހެޔޮ އަމަލުތައް

އަތުގައި އޮތް އަތުކުރީ ގަޑިއަށް ބަލައިލާ ވިސްނާލުމުން ފެނިގެންދާނީ، އެ ގަޑީގެ ކަށިތައް ހުއްޓުމެއްނެތި ހިނގަމުންދާ ތަނެވެ. ސިކުންތު ކަށި ބާރުމިނުގައި ހިނގަމުން ދެއެވެ. ސިކުންތުތައް މިނެޓަށް، މިނެޓުތައް ގަޑިއިރުތަކަށް ބަދަލުވަމުންދާ ތަނެވެ. ހުއްޓުމެއްނެތި ގަޑި ދަނީ ހިނގަމުންނެވެ. ތިބާ ކޮޅަށް ހުރި ކަމުގައިވިޔަސް، އިށީދެއިން ކަމުގައިވިޔަސް ނުވަތަ މަސައްކަތެއް ކުރުމުގައި ހުރި ކަމުގައިވިޔަސް، ނޫނީ ނިދާލަން އޮތް ކަމުގައިވިޔަސް ގަޑި ހިނގަމުން ދެއެވެ. ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފާމީހަކު ހިފަންވީއެވެ. ވަގުތު ނަގާލާ މީހަކު ނަގައިލަނީއެވެ. އެހެނެއްކަމަކު، އެކެއްގެވެސް އިންތިޒާރުގައި ވަގުތު ހުއްޓިއެއް ނުހުރެއެވެ.

ހަނދާން ކުރަންވީ ކަމަކީ، ހިނގަމުންދާ ވަގުތާއެކުގައި ހުސްވަމުން އެދަނީ ތިބާގެ ޙަޔާތުގެ ވަގުތުތައް ކަމެވެ. ޙަޔާތުން ވޭތިކުރާ ކޮންމެ ސިކުންތާއި މިނިޓަކާއެކު ހަށިގަނޑުން ބައެއް ވަކިވެގެން ދާފަދައެވެ. އެވަގުތުތަކުގައި ކުރެވުނު ޢަމަލުތައް ދަނީ ލިޔެވެމުންނެވެ. ހެޔޮ ޢަމަލެއް ކަމުގައިވަނީނަމަ ހެޔޮކަމުގެ ފަތުގައެވެ. ނުބައި ޢަމަލެއް ކަމުގައިވަނީނަމަ ނުބައި ޢަމަލުތަކުގެ ފަތުގައެވެ. ތިބާގެ ޢަމަލުތަކުގެ ފަތް ކިޔާނޭ ދުވަސް އަދި ޖެހޭނެއެވެ. ވީމާ، ހުރިހާ ވަގުތެއްގައިވެސް ތިބާގެ ވެރި އިލާހުއާ ކުއްތަން ކުރުވަނީ ޢަމަލުތަކެއް ކުރުމަށް ސަމާލުކަން ދޭށެވެ.
ރަމަޟާންމަސްވެސް ހުސްވެގެން މިދަނީ ހަމައެފަދައިންނެވެ. މަހުގެ ބޮޑުބައި ފާއިތުވެ ހިނގައްޖެއެވެ. އެހެނެއްކަމަކު، ރަމަޟާންމަހުގެ އެންމެ މުހިންމު ދުވަސްތަކާއި ރޭތައް އަދި ކުރިއަށް އޮތީއެވެ. ފަހު ދިހައެއްގެ ރޭތަކަކީ މި މައްސަރުގެ އެންމެ ހެޔޮވެގެންވާ ރޭތަކެވެ. އެރެޔަކަށްޓަކައި އަޅުކަން ކުރަންވީ، ލައިލަތުލް ޤަދްރި ވިލޭރޭ ހިމެނެނީ ފަހު ދިހައެއްގެ ރޭތަކުގެ ތެރޭގައެވެ.

ކީރިތި ރަސޫލާ صلى الله عليه وسلم ، ފަހު ދިހައެއްގެ ރޭތަކުގައި އަޅުކަމުގައި ހީވާގިވެ ވަޑައިގަންނަވާލެ އިތުރު ކުރައްވައެވެ. އެކަލޭގެފާނަކީ، އިސްވެދިޔަހާ ފާފަތައް ފުއްސަވާދެއްވިގެންވާ އުއްމަތުގެ ނަބިއްޔާ صلى الله عليه وسلم އެވެ. ވީއިރު، އަޅުގަނޑުމެންގެ ޢުޛުރަކީ ކޮބައިތޯއެވެ؟ މިފަދަ މަތިވެރި ރޭތަކެއްގެ ބޭނުން ހެޔޮ ގޮތުގައި ހިފަން އެދޭނަމަ، އިތުރު އެކަލޭގެފާނާ އިޤްތިދާވެ، އެކަލޭގެފާނު ދެއްކެވި ނަމޫނާގައި ހިފަންޖެހެއެވެ. ޢާއިޝާ رضي الله عنه ގެ ވިދާޅުވެފައިވެއެވެ. "ރަސޫލު ﷲ صلى الله عليه وسلم ، އެހެން ދުވަސްވަރެއްގައި އަޅުކަމުގައި ހީވާގިވެވަޑައި ނުގަންނަވާ ވަރަށް، ފަހު ދިހައެއްގައި އަޅުކަމުގައި ހީވާގިވެވަޑައިގަންނަވައެވެ." (ރިވާކުރެއްވީ މުސްލިމުއެވެ.)

އަދި އެހެން ރިވާޔަތެއްގައި ހަމަ އެކަމަނާގެ އަރިހުން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ރޯދަ މަހުގެ ފުރަތަމަ ދހަރޭގައި، ނިދިކުރެއްވުމާއި އަޅުކަމާ އެއްކުރައްވައެވެ. (އެބަހީ: އަޅުކަން ކުރެއްވިއެއްކަމަކު ރޭގަނޑު ނިދިކުރައްވައެވެ.) ފަހު ދިހައެއް އަތުވެއްޖެނަމަ، އެކަލޭގެފާނުގެ ކަމަރު ބާރަށް ބަންނަވައެވެ." (އެބަހީ: އަޅުކަމުގައި ހީވާގިވުން އިތުރު ކުރައްވައެވެ.)

އަޅުގަނޑުމެންނަށް ހުރި އެންމެ ހެޔޮ ނަމޫނާ ކަމުގައިވާ ކީރިތި ރަސޫލާ صلى الله عليه وسلم ދެއްކިވި ނަމޫނާއަކީ، ފަހު ދިހައެއްގެ ރޭތަކަށްޓަކައި، ދުނިޔެވީ ކަންކަމުން އެކިބާވެލައްވައި އަޅުކަމަށް ޚާއްޞަވެލެއްވުމެވެ. "ކަމަރު ބަދެލައްވައޭ" ޙަދީޘްތަކުގައި އޮތް ބަހުގެ މުރާދަކީ، ފަހު ދިހައެއްގެ ރޭތަކުގައި އަނބިއަނބިކަނބަލުންނާ އެކުގައި އެއްދާން ކުރެއްވުންމުންވެސް އެއްކިބާވެ ވަޑައިގެން އަޅުކަމަށް އެރޭތައް ހުސްކުރެއްވުން ކަމުގައި ދަންނަބޭކަލުން ވިދާޅުވެއެވެ.

މި ޙަދީޘްތަކުން އެނގޭ ގޮތުގައި، ރަމަޟާން މަހުގެ ފަހު ދިހައެއްގެ އަޅުކަމަށް އިތުރު ޚާއްޞަކަމެއް، ކީރިތި ރަސޫލާ صلى الله عليه وسلم ދެއްވައެވެ. ވީމާ، އެރޭގެ ހެޔޮކަން އެދޭ މީހާ، ފަހު ދިހައެއް އެކުގައި އަޅުކަމަށް ހުސްވެގަތުމަކީ އެއީ އިތުރު އެކަލޭގެފާނު ޢަމަލު ފުޅަށް ތަބާވުމެވެ. ދުނިޔެވީ ކަންކަމުން ވީވަރަކުން އެއްކިބާވެ، އަޅުކަމުގެ އެކި ކަންކަމުގައި މަޝްޣޫލުވެ އުޅުމަށް އެރޭތައް ޚާއްޞަކުރަން ޖެހެއެވެ.

އަޅުގަނޑުމެންގެ ތެރޭގައި ކަން ހިނގާ ގޮތަކީ، ރޯދަމަހާ ދިމާކޮށް ބާއްވާ މުބާރާތްތަކާއި، ކުޅިވަރުތަކުގެ އެންމެ ފޯރިގަދަ ހިސާބަކީ ފަހ ދިހައެއްގެ ރޭތަކުގައެވެ. އެރޭތަކުގައި ކުޅިވަރުގެ ފޯރި ގަދަވެ، ފައިނަލްތައް ބާވައި، އިހުނަށްވުރެ ބޮޑަށް މުނިފޫހި ފިލުވުމާއި ކުޅިވަރުގައި ވަގުތު ހޭދަކުރުން އިތުރު ވެއެވެ. އަދި ފިޠުރު ޢީދުގެ ކުރީން، ޢީދު ކުޅިވަރުތަކަށް ތައްޔާރުވުމާއި، ޢީދު ހެދުން ގަތުމަށްޓަކައި ބާޒާރު ކުރުންފަދަ ކަންކަމުގައި މީސްތަކުންގެ ވަގުތުތައް ފުރާލައެވެ.

ރޯދަމަސް ފެށިގެންދާއިރު، އަޅުކަމާއި ނަމާދާއި ޤުރްއާން ކިޔެވުމަށް ހުންނަ ފޯރި މަހުގެ ފަހުކޮޅުގައި ކުޑަވާ ގޮތްވެއެވެ. މިއީ އިންސާނީ ތަބީޢަތެވެ. ކަންނެތްވުމާއި ކަންފަސޭހަ ކޮށްލެވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ހެޔޮ ކަމަށްލޯބިކުރާ މީހާކަށް އޮތީ މިމާތް މައްސަރުގެ އެކުގައި އެއް ރޫޙެއްގައި ދެމިހުރެވޭތޯ މަސައްކަތް ކުރުމެވެ. މިއީ މާތްވެގެންވާ އިސްލާމް ދީނުގައިވެސް އަޅުގަނޑުމެންނަށް އެކަމުގެ މައްޗަށް ހިތްވަރު ދެއްވާފައިވާ ގޮތެވެ. އެހެނީ، ރަމަޟާންމަހުގެ އެންމެ މާތް ރޭތައް ލައްވާފައިވަނީ ފަހު ދިހައެއްގައެވެ. އެއިން ހާމަވެގެންދަނީ، މަހުގެ ކުރީކޮޅު އަޅުކަމަށް ހުރި ފޯރިއާއި ޖޯޝް ކަނޑުވާނުލައި، މަހުގެ ފަހުކޮޅުވެސް އަޅުކަމުގައި ދެމިހުރުމަށް ދީން ބާރުއަޅުއްވާ ކަމެވެ.