ދެ އީދުގެ ބަންދާއި އެހެން ވެސް ޗުޓީތަކުގައި ރަށަށް / ރަށްރަށަށް ދާމީހުން ވަރަށް ގިނަ އެވެ. ކަނޑު މަގުން ޖާގަ ނުލިބޭ ނަމަ މަތިން އަގު ބޮޑުކޮށް ޓިކެޓް ނަގައިން ދާ މީހުން ވެސް ގިނަ އެވެ. އާއިލާ ގޮވައިގެނާއި އެކަނި ވެސް ހިތް އުފާ ކޮށްލަން ރަށުގައި ތިބޭ އާއިލާ މީހުންގެ ގާތަށް، ރަހުމަތްތެރިންގެ ގާތަށް ދާއިރު ހަދިޔާއެއް ނުގެންދެވެ އެވެ. މިއީ މާލޭގައި އުޅޭ ގިނަ މީހުން ޗުއްޓީގައި ދާއިރު ވާވަރެވެ. އެކަމަކު ރަށުން މާލެ އަންނައިރު ގެންނަ ހަދިޔާގެ ގިނަ އެވެ. މާލޭން ގެންދާ ފޮށިތަކަށް ވުރެން އަނބުރާ ގެންނަ ފޮށީގެ އަދަދު އިތުރެވެ.
ރަށްރަށުގައި ދިރިއުޅޭ މީހުނަކީ އާދައިގެ ސާދާ ދިރިއުޅުމެއްގައި އުފަލު އުޅޭ ބައެކެވެ. ހަރަދުތައް ވަކި ލިމިޓެއްގައި ކުރަން އެމީހުނަށް ދަސްވެ އާދަވެފައި ވެއެވެ. ރަށުތެރޭން ލިބޭ ބާވަތްތަކުން ފުދޭ ތާހިރު ދިރިއުޅުމެއް އެމީހުނަށް އޮވެ އެވެ. ގޯތިތަކުގެ ޖާގަ ތަނަވަސް ކަމުން އާއިލާތަކުން ބޭނުންތެރި ގަސް އިންދާ ހައްދަ އެވެ. އެކަމަކު މާލޭގައި ހިކަނދިފަތްކޮޅެއް ވެސް ޖެހެނީ ގަންނާށެވެ.
ޗުއްޓީގައި ދާއިރު ވިސްނަން ޖެހޭ ވަރަށް މުހިންމުކަމެއްް ވަރަށް ގިނައިން ހަދާނުގައި ނުބޭއްވެ އެވެ. އެއީ ޗުއްޓީގައި އާއިލާ މީހުންގެ ގާތަށް ދިޔަ ނަމަވެސް އެމީހުނާ ބައިވެރިވެ އެހީތެރިވެ ދީ އަތްގާތްކޮށްލައިދީ ހެދުމެވެ. އަމިއްލަ އާއިލާގެ މީހުން އަބަދު ބަދިގޭގައި ކައްކަން ބައިތިއްބައިގެން ނުވާނެ އެވެ. އަމިއްލަ އުފަލާ މަޖަލުގެ ހަތިޔާރަކަށް އެ މީހުން ހަދައި އާއިލާގެ އެންމެން ލައްވާ އެކި ބާވަތުން ކާތަކެތި ތައްޔާރު ކުރަން އަވަދިނެތި އެމީހުން އުޅުނަ ނުދޭށެވެ. ޗުއްޓީގައި ކާން ވުމުން ކޮޓަރިން ނުކުމެ ކާލާއިގެން ރަށުތެރެ ބަލާލަން ގޮސް ހަދާއިރު ރަށުގައި ހިދުމަތްދޭ އާއިލާ މީހުން ތިބެނީ ދަނފަޅި ބަހައިން ކައްކާ ކާންދޭށެވެ.
ހެނުދު ނާސްތާ ނިންމާ އަވަދި ވުމުން ކެއި ތަށިތައް ނަގާ މޭޒުމަތި ސާފުކުރުމަށް ފަހު މެންދުރަށް ކައްކަނީ އެވެ. މެންދުރުން ތިރިވުމުން ހަވީރަށް އަދި ހަވިރުން ރޭގަނޑަށް ދަންދެން ބަދިގޭގަ އެވެ. އެ ވެސް އިންސާނުންނެވެ. އަރާމު ކުރާށައި ވަރުބަލި ފިލުވަން ވަގުތު ބޭނުންވާނެ އެވެ.
އެހީތެރި ވުމަކީ ރީތި އާދައެކެވެ. އެކަންކަން ބަހާލައިގެން ކުރިއަށް ގެންދިއުމުން އެމީހުން ވެސް ހިތްހަމަޖެހި އިތުރު ދައުވަތު ދޭނެ އެވެ. އަމަލުން ދައްކާ ކަންތައް ގިނަދުވަހު ހިތާއި ހަނދާނުގައި ހަރުލާފައި ވެސް ހުންނާނެ އެވެ. މަސްދަތުރުތައް ދާއިރު ލޮނުމިރުސް ފުނޑުމާއި މަސް ހޯދުމާއި ވަލަށް ވަދެ ދަރު ހޮވަން ވާނީ ރަށުގައި ދިރިއުޅޭ އާއިލާ މީހުން އެކަންޏެއް ނޫނެވެ. ރަށަށް ޗުއްޓީ ހޭދަ ކޮށްލަން ދާ މީހުން ވެސް ބައިވެރިވާން ވާނެ އެވެ. ޗުއްޓީ ނިމުމުން ގެންނަން ލިބޭ ހަދިޔާ ހެދުމުގައި ވެސް ބައިވެރިވާންވާނެ އެވެ. އޭރުން އާއިލީ ގުޅުން ބަދަހިވެ ލޯބި އިތުރު ވާނެ އެވެ.