ބޮލީވުޑް

ޓައިގާ ޝްރޮފް ފެނިފައި ފޭނަކު ހޭނެތިއްޖެ

ޓައިގާ ޝްރޮފް އަކީ ބޮލީވުޑް ފިލްމު ބަލާ ޒުވާނުންގެ ތެރޭގައި ވަރަށް މަގްބޫލު އެކްޓަރެކެވެ.

މިހާރު ޓައިގާ އުޅެނީ އާ ފިލްމު "ހީރޯޕަންތީ 2" ރިލީޒްކުރާ ދުވަސް ކައިރިވާތީ ފިލްމު ޕްރޮމޯޓްކުރުމުގެ މަސައްކަތުގަ އެވެ. އެގޮތުން ދާދިފަހުން އޭނާ ވަނީ މުމްބައިގެ މޯލް އަކަށް ޒިޔާރަތްކޮށް ފޭނުންނާ ބައްދަލުކޮށްފަ އެވެ.

ފިލްމުގެ ބަތަލާ ތާރާ ސުތާރިއާ ވެސް ޓައިގާއާ އެކު މޯލަށް ދިޔަ އެވެ. ނަމަވެސް މިތަނުގައި އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބުނީ ޓައިގާގެ ފިލްމު ޕްރޮމޯޝަނަކަށް ނޫނެވެ.

އޭނާ ހަމަ ލޮލުން ދެކިލާހިތުން އެ މޯލަށް ގޮސް ތިބި އެތައް ހާސް ފޭނުންގެ ތެރެއިން މީހަކު ކުއްލިއަކަށް އަނބުރައިގަނެގެން ވެއްޓުނީމަ އެވެ. އެ ކުއްޖާ ހޭ އަރައި ކުޑަކޮށް ރަނގަޅުވުމުން އެތާ ތިބި ސެކިއުރިޓީ މީހުން ފަހުން ވަނީ އޭނާ ގެންގޮސް ޓައިގާއާ ބައްދަލުކުރުވާފަ އެވެ.

މި ކުއްޖާ ޓައިގާ އާ ބައްދަލުކުރާ ވީޑިއޯ ވައިރަލް ވެފައިވާއިރު މި ވީޑިއޯ އަށް ކޮމެންޓުކުރި ބައެއް މީހުން ކުއްޖާގެ ހާލަތާ މެދު ކަންބޮޑުވާކަން ފާޅުކޮށްފައި ވެއެވެ. ނަމަވެސް ބައެއް މީހުން ވަނީ އަންހެން ކުއްޖާއަށް ފާޑުކިޔާފަ އެވެ.

ފާޑުކިޔާ މީހުން ބުނެފައިވަނީ މި ކުއްޖާ މި ހެދީ ފޭވަރިޓް ތަރިންނާ ބައްދަލުކުރަން ރަނގަޅު އުކުޅެއް ކަމަށެވެ.

"ހީރޯޕަންތީ 2"ގައި ޓައިގާ އާއި ތާރާގެ އިތުރުން ނަވާޒުއްދީން ސިއްދީގީ ވަނީ ގައިން ހީބިހި ނަގާ ވަރުގެ މޮޅު ރޯލެއް ކުޅެފަ އެވެ.