އިންޑިއާ ކަނޑުގެ މަސްވެރިކަން މެނޭޖްކުރާނެ ގޮތްތަކާ މެދު އިންޑިއާ ކަނޑުގެ އައްސޭރިފަށުގެ ގައުމުތަކުގެ މެދުގައި އުފައްދާފައިވާ ގްރޫޕެއް ކަމުގައިވާ ޖީ-16ގެ ބައްދަލުވުމެއް މާލޭގައި ބާއްވައިފި އެވެ.
ރާއްޖޭގެ އިސްނެގުމާއެކު އިންތިޒާމްކުރި މި ބައްދަލުވުން އިއްޔެ ޝަރުވެރިކޮށްދެއްވީ ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނެވެ.
މިބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ އަންނަ މަހުގެ އަށަކުން 20 އަށް ބޭއްވުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ)ގެ އަހަރީ އާއްމު ބަދައްލުވުމަށް ތައްޔާރުވުމުގެ ގޮތުން އިންޑިއާ ކަނޑުގެ އައްސޭރިފަށުގެ ގައުމުތަކުގެ މެދުގައި ހިޔާލު އެއްގޮތް ކުރަމާއި އައްސޭރިފަށުގެ ގައުމުތަކުން ވަކާލާތުކުރާނެ ކަންކަމާމެދު މަޝަވަރާކޮށް އެއްބަސްވުމަކަށް އައުމެވެ.
ދެ ދުވަހުގެ މިބައްދަލުވުމުގައި ދިވެހިރާއްޖޭގެ އިތުރުން އޮސްޓްރޭލިއާ، ބަންގްލަދޭޝް، ކޮމޮރޮސް، އިންޑިއާ، އީރާން، ކެންޔާ، މަޑަގަސްކަރަ، މެލޭޝިއާ، މޮރިޝަސް، މޮޒަމްބީކް، އޮމާން، ޕާކިސްތާން، ސައުތް އެފްރިކާ، ސީޝެލްސް، ސްރީ ލަންކާ، ސޯމާލިއާ، ޓެންޒޭނިއާ އަދި ތައިލެންޑްގެ މަސްވެރިކަމުގެ ދާއިރާގެ އިސްވެރިނާއި ފަންނީ މާހިރުން އަދި ތިމާވެއްޓާއި ގުޅުންހުރި މައްސަލަތަކުގައި ހަރަކާތްތެރިވާ ޖަމިއްޔާތައް ހިމެނޭ ގޮތަށް 37 ފަރާތަކުން ބައިވެރިވެ އެވެ.
އިންޑިއާ ކަނޑުގައި ކުރާ ކަނޑު މަހުގެ މަސްވެރިކަމަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭ ތިމާވެއްޓާއި ރައްޓެހި އަދި އިންޑިއާ ކަނޑުގެ އައްސޭރިފަށުގެ ގައުމުތަކަށް އެމަސްވެރިކަމުގެ ނަފާ އެންމެ ފުޅާ ދާއިރާއެއްގައި ކުރާ މަސްވެރިކަމެއްގެ ގޮތުގައި ހެދުމަށްޓަކައި ދިވެހިރާއްޖެއިން އިސްނަގައިގެން ބައިނަލްއަގްވާމީ ފެންވަރުގައި ގިނަ މަސައްކަތައްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން އައިއޯޓީސީގެ މިއަހަރުގެ އާއްމު ބައްދަލުވުމަށްވެސް ދިވެހިރާއްޖެއިން އިސް ނަގައިގެން ތިން ގަރާރެއް ހުށަހެޅުމަށް ހަމެޖެހިފައިވެ އެވެ.
ދިވެހިރާއްޖޭގެ ފަރާތުން ހުށެހެޅުމަށް ނިންމާފައިވާ ގަރާރުތަކަކީ ރީނދޫއުރަހަ ކަންނެލީގެ ސްޓޮކް ދެމެހެއްޓެނިވި މިންވަރެއްގައި ހިފެހެއްޓުމަށް ހުށަހަޅާ ގަރާރަކާއި، އިންޑިއާ ކަނޑުގައި މިހާރު ތަންފީޒު ކުރަމުންދާ ކަޅުބިލަމަހުގެހާރ -- ހާވެސްޓް ކޮންޓްރޯލް ރޫލް ހަރުދާނާކުރުމަށް ހުށަހަޅާ ގަރާރަކާއި، އަދި އިންޑިއާ ކަނޑުގެ ކަނޑުމަހުގެ މަސްވެރިކަން ބެލެހެއްޓުމުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެފަދަ ކުދި ޖަރީޒާ ގައުމުތަކަށް ލިބޭ ގެއްލުންތަކަށް ރިއާޔަތްކުރުމާއި ގުޅޭގޮތުން ހުށަހަޅާ ގަރާރެކެވެ.
އައިއޯޓީސީގެ އަހަރީ އާއްމު ބައްދަލުވުމަށް ރާއްޖެއިން ގަރާރުތަކެއް ހުށަހެޅުމުގެ ބޭނުމަކީ އިންޑިއާ ކަނޑުގެ ރީނދޫ އުރަހަ ކަންނެލީގެ ސްޓޮކް ދަށަށް ގޮސްފައިވާތީވެ އެކްސްޕޯޓްކުރުމުގައި ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރުމާއި، ރާއްޖޭގެ ކަޅުބިލަ މަހުގެ ދޮށީގެ މަސްވެރިކަމަށް އިނގިރޭސިވިލާތުގެ މެރިން ސްޓެވާޑްޝިޕް ކައުންސިލް އިން ދީފައިވާ "ދެމެހެއްޓެނިވި މަސްވެރިކަމުގެ ސެޓިފިކެޓް" އުވިދިޔަ ނުދީ ހިފެހެއްޓުމެވެ.
މިމަސައްކަތްތަކުގެ ސަބަބުން ރާއްޖޭގެ މަހުގެ އުފެއްދުންތަކަށް ހާއްސަށް ރީދޫ އުރަހަ ކަންނެއްޔާއި ކަޅުބިލަ މަހުގެ އުފެއްދުންތަކަށް ބޭރުގެ ބާޒާރުތަކުން އާ އިތުރު ފުރުސަތުތައް ހޯދުމަށާއި ބޭރުގެ ބާޒާރުގައި ދިވެހި މަހަށް މަތީ އަގު ހޯދުމުގެ ފުރުސަތު ތަނަވަސް ވެގެން ދާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެ އެވެ.