އަބްދުﷲ ޝާހިދު

ރަޝިއާ ޔުކްރޭން ހަނގުރާމަ ދިގުލާތީ ޝާހިދުގެ ކަންބޮޑުވުން

Apr 26, 2022
1

ކޮވިޑްގެ ނުރައްކަލުން މުޅިން އަރައިނުގަނެވި އުޅެނިކޮށް ކުރިމަތިވި ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ދުނިޔެއިން ފަގީރުކަން ނައްތާލާއި، ހަމަހަމަކަން ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތައް އެތައް އަހަރެއް ފަހަތަށް ހިނގައިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އދގެ އާއްމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ވެރިރަށް ދިއްލީގައި މިހާރު ކުރިއަށްދާ ރައިޒީނާ ޑައިލޮގްގައި ވީޑިއޯ މެސެޖެއް މެދުވެރިކުރައްވާ ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ ހިނގަމުންދާ ކުރިމަތިލުންތަކުގެ ސަބަބުން ބައިނަލްއަގްވާމީ ހަކަތަޔާ، ކޮމޯޑިޓީސް އަދި މާލީ ބާޒާރުތަކަށް އެކަމުގެ އަސަރުކުރަމުންދާ ކަމަށެވެ.

އދ ގެ އަންދާޒާތައް ދައްކާ ގޮތުން 107 އިގްތިސޯދެއްގައި ތިބި 1.7 ބިލިއަން މީހުންނަށް މި ކުރިމަތިލުންތަކުގެ ސަބަބުން ކާނާއާއި، ތެޔޮ އަގު ބޮޑުވުމާ ކުރިމަތިލާން ޖެހި އެ ގައުމުތަކުގެ ދަރަނި އަދާކުރުމަށް ސަރުކާރުތައް ނުކުޅެދޭ މިންވަރަށް އިގްތިސޯދީ ހާލަތު ދަށްވުމުގެ ބިރު އެބައޮތް ކަމަށްވެސް ޝާހިދު ފާހަގަކުރެއްވި އެވެ.

އެގައުމުތަކުގެ ތެރޭގައި ހިމެނެނީ އެފްރިކާ ބައްރުގެ 41 ގައުމަކާއި، އޭޝިއާ ޕެސިފިކް ސަރަހައްދުގެ 38 ގައުމެއްގެ އިތުރުން ލެޓިން އެމެރިކާ އަދި ކެރީބިއަން ސަރަހައްދުގެ 28 ގައުމެކެވެ.

ރަޝިޔާ-ޔޫކްރެއިން ހަމަނުޖެހުންތައް ކުރިއަށްދާއިރު އިންސާނުންގެ ސަލާމަތަށް ހުރި އެހެން ނުރައްކާތަކާއި އެހެން ހަމަނުޖެހުންތަކަށް ހުއްޓުމެއް ނެތްކަން ފާހަގަކުރައްވައި މިނިސްޓަރު ޝާހިދު ވިދާޅުވީ ފަލަސްތީން، ސީރިއާ، ޔަމަން، ލީބިއާ، މާލީ، އަފްޣާނިސްތާން، އިތިއޯޕިއާ އަދި މިޔަންމާގައި ހިނގަމުންދާ ހަމަނުޖެހުންތައް ވެސް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށެވެ.

ދުނިޔޭގެ އެތަން މިތަނުގައި ހިނގަމުންދާ ހަމަނުޖެހުންތައް ފާހަގަކުރައްވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ އަދިވެސް މިމައްސަލަތަކަށް އޮތް ހައްލަކީ މަލްޓިލޭޓަރަލިޒަމް ކަމަށާއި، އެކަން ކުރަން އޮތް އެންމެ އެކަށީގެންވާ ޕްލެޓްފޯމަކީ އދ ކަމަށެވެ. ވަކިން ހާއްސަކޮށް ސައިޒަކަށް ބާރަކަށް ބެލުމެއް ނެތި ހުރިހާ ގައުމަކަށް ހަމަހަމަ ފުރުސަތު ލިބިދޭ ހަމައެކަނި މަޖިލިސް ކަމަށްވާ އދގެ އާއްމު މަޖިލީހުގެ މުހިއްމު ކަންވެސް ޝާހިދު ފާހަގަކުރެއްވި އެވެ.