ރައްޔިތުންގެ މަޖިލިސް

50 ޕަސެންޓް މަސައްކަތް ނިންމާ މަޖިލީސް ޗުއްޓީއަށް

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ މަސައްކަތް ނިންމާ މެންބަރުންްގެ ޗުއްޓީ މިއަދު ފަށައިފި އެވެ. މަޖިލީހުގެ އިދާރާއިން ވަނީ އިއްޔެ ނިމުނު މަޖިލީހުގެ މި ދައުރުގެ މަސައްކަތްތަކުގެ ތަފާސް ހިސާބެއް އާންމުކޮށްފައެވެ.

މި އަހަރުގެ ފުރަތަމަ ދައުރު ކުރިއަށް ދިޔައީ ފެބްރުއަރީ 3 ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށެވެ. މި ދައުރުގައި 28 ބިލެއް ހުށައެޅިއިރު އޭގެ ތެރެއިން 8 ބިލެއްގެ މަސައްކަތް ވަނީ ނިންމާފައެވެ. 10 ގަރާރު ހުށައެޅުނުއިރު ދެ ގަރާރުގެ މަސައްކަތް ނިމިފައިވެއެވެ.

އަދި ސަރުކާރުން ހުށައެޅި 8 މައްސަލައެއް އެޖެންޑާކޮށް ހަތް މައްސަލައެއް ނިންމި އެވެ. މި ދައުރަށް ރިޔާސަތުންވެސް 8 މައްސަލައެއް ހުށައެޅިއެވެ. ނިމިފައިވަނީ ފަސް މައްސަލައެކެވެ.

މެންބަރުން ހުށައަޅުއްވާފައިވަނީ 10 މައްސަލަ އެކެވެ. އިއްޔެގެ ނިޔަލަށް ހަތަރު މައްސަލައެއް ނިންމިއެވެ. އެހެނިހެން މައްސަލަތަކާއި ގުޅޭ ހަ ރިޕޯޓެއްވެސް މި ދައުރަށް ހުށައެޅި އެއް ރިޕޯޓްގެ މަސައްކަތް ވަނީ ނިންމާފައެވެ. ސުވާލު ކުރުމަށް މެންބަރުންނަށް ލިބޭ ފުރުސަތުގެ ދަށުން 46 ސުވާލެއް ކުރުމަށް މެންބަރުން ވަނީ ހުށައަޅާފައެވެ. އޭގެ ތެރެއިން 26 ސުވާލެއް މަޖިލީހުގެ ތަޅުމަށް ހުށައެޅި ޖަވާބު ހޯދާފައިވެއެވެ.

ނިމިދިޔަ ދައުރުގައި 12 ކުއްލި މައްސަލައެއް ހުށައަޅާ އެޖެންޑާ ކޮށްފައިވެއެވެ.

މިދިޔަ ދައުރުގައި ބާއްވާފައިވަނީ 35 ޖަލްސާއެވެ. އެ ޖަލްސާތަކަށް 71 ގަޑި އިރާއި 11 މިނެޓް ހޭދަކޮށްފައިވެއެވެ. ކޮމެޓީތަކުގައި މެންބަރުން ވަނީ 134 ގަޑިއިރާއި 18 މިނެޓް ހޭދަ ކުރައްވާފައެވެ. އެއީ ޖުމްލަ 170 ކޮމެޓީ ބައްދަލްވުމުގައެވެ.

މުޅި ދައުރަށް 131 މަސައްކަތެއް ހުށައެޅިފައިވެއެވެ. އޭގެ ތެރެއިން 65 މަސައްކަތެއް ނިންމާފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ބުންޏެވެ. އަދި ޖުމްލަ މަސައްކަތް ހާސިލުކުރެވުނު މިންވަރު ހުރީ 49.6 ޕަސެންޓްގައި ކަމަށް ބުންޏެވެ.