އެޗްޑީސީ

ޒުވާނުން ތަމްރީން ކުރުމަށް ޔޫތު މިނިސްޓްރީއާއި އެޗްޑީސީން އެމްއޯޔޫއެއްގައި ސޮއިކޮށްފި

Apr 26, 2022

ޒުވާނުން ތަމްރީން ކުރުމަށް ޔޫތު މިނިސްޓްރީއާއި އެޗްޑީސީއާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

އެޗްޑީސީގެ އޮފީހުގައި މިއަދު ސޮއި ކުރެވުނު އެމްއޯޔޫ އަކީ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން އެޗްޑީސީން ކުރިއަށް ގެންދާ ޕްރޮގްރާމުގެ ތެރެއިން ފަސްވަނަ އެޕްރެންޓިސްޝިޕް ޕްރޮގްރާމެވެ.

އެމްއޯޔޫގައި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަހްމަދު މަހްލޫފް އެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދެވެ.

އެޗްޑީސީގެ މި ޕްރޮގްރާމްގައި 10 ދާއިރާ އަކުން މިއަަހަރު 100 މީހުން ތަމްރީން ކުރުމަށް ހަމަޖެހިފައިވެ އެވެ. ޕްރޮގްރާމުގެ މުއްދަތަކީ ހަމަސް ދުވަހެވެ.

ޕްރޮގްރާމު ހިންގާ ދާއިރާތައް

  • އެސިސްޓެންޓް ބިލްޑިން މެއިންޓަނެންސް އޮފިސަރު
  • ރެފްރިޖަރޭޝަން އެންޑް އެއަކޮންޑިޝަނިން މެކޭނިކް
  • ކޮންސްޓްރަކްޝަން ސައިޓް ސުޕަވައިޒަރު
  • ހެވީ ވެހިކަލް އޮޕަރޭޓަރު
  • އިލެކްޓްރީޝަން
  • ޕްލަމްބިން
  • ގާޑަނަރު
  • ކާޕެންޓަރު
  • ވެލްޑިން
  • މޭސަން

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދު މިއަދު ވިދާޅުވީ މީހުން ބިނާކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ ޕްރޮގްރާމަށް އެހީތެރިވުމުގައި އެޗްޑީސީ ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުން ތަމްރީން ކުރުމަކީ ސަރުކާރުގެ އަމާޒެވެ. މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ "ނެޝަނަލް ކޮމްޕިޓެންސީ ސްޓެންޑަޑްސް" ތަކާ އެއްގޮތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމު ނިންމާ ފަރާތްތަކަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ސެޓްފިކެޓެއް ލިބި، މަސައްކަތުގެ ތަޖުރިބާ ވެސް ލިބޭނެ އެވެ.