އެޗްޑީސީ

އެޗްޑީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމު ނިންމާލައިފި

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިދިޔަ އަހަރު ފެށި އެޕްރެންޓިސްޝިޕް ޕްރޮގްރާމު ފުރިހަމަކުރި 72 ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފި އެވެ.

އެޕްރެންޓިސްޝިޕްގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކުރީ މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އެޗްޑީސީއިން ބުނި ގޮތުގައި މި ޕްރޮގްރާމްގެ މައިގަނޑު މަޤުސަދަކީ ކުރިޔަށް ދާނެ ވަކި ދާއިރާއެއް އިހުތިޔާރު ނުކުރެވި ނުވަތަ އިހުތިޔާރު ކޮށްފައިވާ ދާއިރާއިން ފުރުސަތު ނުލިބި ތިބި ޒުވާނުންނަށް މަސައްކަތުގެ މާހައުލަށް ވަނުމަށް ފުރުސަތުތަކެއް ހުޅުވާ ދިނުމެވެ.

އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ބައިވެރިން ހާސިލްކޮށްފައި ވަނީ ގައުމީ ސަނަދު ލެވެލް ތިނެއްގެ ސެޓްފިކެޓެކެވެ.

މި ޕްރޮގްރާމަކީ އެޗްޑީސީ އާއި އިކޮނޮމިކް މިނިސްޓްރީއާއި ޔޫތު މިނިސްޓްރީ ގުޅިގެން ބޭއްވުނު ފަސް ވަނަ ޕްރޮގްރާމެވެ. މި ޕްރޮގްރާމުގައި ވޯލްޑް ބޭންކްގެ ފަންޑު - "ކޮވިޑް -19 އެމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް"ގެ ފަރާތުން ވެސް އެހީ ލިބިފައިވާ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.

މި އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ހަތަރު މަސްދުވަހުގެ މުއްދަަތަށް ކުރިއަށް ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ޖުމްލަ 10 ދާއިރާއަކުން ވަނީ ބައިވެރިންނަށް ތަމްރީނު ދީފަ އެވެ.

ތަމްރީނު ދިން ދާއިރާތައް

  • ހެވީ ވެހިކަލް
  • ވެލްޑިން
  • މޭސަނަރީ
  • ގާޑަނިން
  • އިލެކްޓްރިކަލް
  • ބިލްޑިން މެއިންޓެނަންސް
  • ކާޕެންޓްރީ
  • ޕްލަމްބިން
  • ރެފްރިޖަރޭޝަން އެންޑް އެއާ ކޮންޑިޝަން މެކޭނިކް
  • ކޮންސްޓްރަކްޝަން ސައިޓް ސުޕަވިޝަން

އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ބައިވެރިންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ވިދާޅުވެފައިވަނީ 2022 ވަނަ އަހަރު ބޭއްވި ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި އެންމެ ގިނަ އަދަދަކަށް ޒުވާނުން ތަމްރީން ކުރުމުގެ ޝަރަފު ހާސިލުކުރީ އެޗްޑީސީން ކަމަށެވެ.

މީގެ އިތުރުން 3000 ޒުވާނުން ތަމްރީނުކުރުމަށް ސަރުކާރުން ފަށާފައިވާ އަމާޒުގައި އެޗްޑީސީގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށާއި ގައުމު ތަރައްގީ ކުރުމުގައި ގައުމުގެ ޒުވާނުން ބިނާކުރަން ގިނަގުނަ މަސައްކަތްތަކެއް އެޗްޑީސީން ކުރާނެ ކަމަށް އާތިފް ވިދާޅުވި އެވެ.