ލައިފްސްޓައިލް

ފާޚާނާގައި ހެދިކާ ތެއްލައިގެން ހޮޓަލެއް ބަންދުކޮށްފި

ސައޫދީ އަރަބިޔާގައި ކެއިން ބުއިމުގެ ޚިދުމަތްދޭތާ ގިނަ ދުވަސް ތަކެއްވީ ހޮޓަލެއް އެ ގައުމުގެ ކަމާ ބެހޭ އިދާރާއިން ބަންދުކޮށްފި އެވެ.

މި ހޮޓާ ބަންދުކުރީ އެތަނުގެ ފާޚާނާ އެއްގެ ތެރޭގައި ސަމްބޯސާ އާއި އެނޫންވެސް ސްނެކްސް ތައްޔާރުކުރާތާ 30 އަށް ވުރެ ގިނަ އަހަރު ވެއްޖެކަން އެނގިގެންނެވެ.

ސައޫދީ މީޑީއާއާ ހަވާލާދީ ގަލްފް ނިއުސް އިން ބުނެފައިވާ ގޮތުގައި ޖިއްދާ މުނިސިޕަލްޓީން އެ 'ރެސްޓޯރަންޓް' ފާސްކުރަން ވަދެފައިވަނީ ކުރިން އެންގުމަކާ ނުލަ އެވެ.

މިތަން ހުރީ މީހުން ދިރިއުޅޭ އިމާރާތެއްގެ ތިރީގަ އެވެ. މިތަން ފާސްކުރަން ވަނީ އެތަނުގައި "ސާފުތާހިރުކަން ކުޑަ ގޮތަކަށް ހެދިކާ ހެދުމުގެ މަސައްކަތްކުރާތާ ވަރަށް ގިނަ ދުވަސް ވެއްޖެކަމުގެ މައުލޫމާތު ލިބިގެންނެވެ.

މިތަނުގައި މަސައްކަތްކުރަން ތިބި އެއްވެސް މީހެއްގެ އަތުގައި ހެލްތު ކާޑެއް ނެތް ކަމަށާއި މީހުން ދިރިއުޅޭ އިމާރާތްތަކުގައި ހޮޓާ ނުހިންގޭނެ ކަމަށް އޮންނަ ގަވާއިދާ ވެސް މިތަން ޚިލާފުކަމަށް ތަން ރެއިޑް ކުރި އޮފިޝަލުން ބުނެފައިވެ އެވެ.

މިތަން ފާސްކުރި އޮފިޝަލުން ފާހަގަކޮށްފައިވާ ކަންތައްކުގެ ތެރޭގައި މިތަނުގައި ތައްޔާރުކުރާ ކެއުންތަކާއި ހެދިޔާތައް ތައްޔާރުކުރަނީ އެތަނުގެ ފާޚާނާ ތަކުގަ އެވެ. އަދި އެތަނުގައި ކާ ތަކެތި ތައްޔާރުކުރަން ބޭނުންކުރާ ކުކުޅުމަހާއި އެއްގަމު މަހުގެ ބާވަތްތައް އަދި ޗީޒް ހުރީ މުއްދަތު ހަމަވެގެން ގޮސް ދެ އަހަރެއްހާ ދުވަސް ވެފައި ކަމަށްވެސް އޮފިޝަލުން ބުނެފައި ވެއެވެ. އަދި އެ ތަނުގެ ތެރެއިން އެކި ކަހަލަ ސޫފާސޫތްޕާއި މީދާ ވެސް ފެނުނު ކަމަށް ވެއެވެ.

މިފަދަ ގިނަ ރެސްޓޯރަންޓްތަކެއް ބަލައި ފާސްކޮށް އެތަންތަން ބަންދުކޮށް އެތަނުގައި ތައްޔާރުކޮށްފައި ހުރި އެތައް ތަނެއްގެ ކާ އެއްޗެތި ނައްތާލާފައިވާ ކަމަށްވެސް އޮފިޝަލުން ބުނެފައިވެ އެވެ.

ސާފުތާހިރުކަން ކުޑަވެގެން މިދިޔަ ޖެނުއަރީ މަހު ވެސް ސައޫދީގެ ޝަވަރުމާ ޝޮޕެއް ބަންދުކޮށްފައި ވެއެވެ. އެތަން ބަންދުކުރީ އެތަނުގައި ތައްޔާރުކުރާ ކާ އެއްޗިއްސަށް މީދާ އެރިގެން އުޅޭތަން ފެނިގެންނެވެ.