ވައްކަން ކުރާ މީހުންގެ ކިބައިން ގެ އާއި ގޭގައި ހުރި އަގުބޮޑު މުދާ ސަލާމަތްކުރާނެ ގޮތުގެ އިރުޝާދު، ވައްކަންކުރުމުގައި ގިނަ ދުވަސްތަކަކު ހޭދަކޮށްފައިވާ އެކަމުގެ 'ތަޖުރިބާކާރަކު' ދީފި އެވެ.
އޭނާ ބުނާ ގޮތުގައި 20،000 އަށް ވުރެ ގިނަ ގެއިން އޭނާ ވަނީ ވައްކަން ކޮށްފަ އެވެ. އެހެންވީމާ އޭނާއަށް ވަރަށް ރަނގަޅަށް މިކަމާ ގުޅޭ މައުލޫމާތު އެނގޭނެ ކަމަށް ބުނެ އެވެ.
ވައްކަން ކުރުމުން މަޝްހޫރުކަން ހޯދާފައިވާ ޑަރީލް ކެނެޑީ އެންމެ ފުރަތަމަ ގެއަކަށް ވަދެ ވައްކަން ކުރީ އޭނާގެ އުމުރުން އެންމެ ނުވަ އަހަރުގަ އެވެ. އޭނާގެ ބައްޕަގެ މުޅި އުމުރުގައި ބައްޕަގެ ކެރިއަރަކީ ވެސް ވައްކަން ކުރުމެވެ. އެހެންވެ އޭނާ ތަންކޮޅެއް ބޮޑުވުމުން ބައްޕަ އޭނާ ގޮވައިގެން ވައްކަން ކުރަން ގޭގެއަށް ވަންނަން ފެށީ އެވެ. "އާއިލީ ވިޔަފާރި" އޭނާއަށް ދަސްކޮށްދޭށެވެ.
މިހާރު 58 އަހަރު ވެފައިވާ ޑަރީލް ދުނިޔޭގެ ގިނަ ގައުމުތަކަކަށް "ވިޔަފާރި ދަތުރުތައް" ކޮށްފައި ވެއެވެ. މީގެ ތެރޭގައި އޮސްޓްރޭލިއާގައި ހޭދަކުރި ފަސް އަހަރު ހިމެނެ އެވެ. އެ ގައުމުގައި އޭނާ ހޭދަކުރި މި ފަސް އަހަރު ތެރޭ މަޝްހޫރު މީހުންނާއި މުއްސަނދިންގެ ގޭގެއިން އަގުބޮޑު ގަހަނާތައް ވަގަށް ނަގާފައި ވެއެވެ.
އެ ޒަމާނުގައި މި މީހާ ދުވާލަކު 15 ގެއިން ވައްކަން ކުރެ އެވެ. ވައްކަންކުރާ މީހުންގެ ދުނިޔޭގައި އޭނާގެ މަޝްހޫރުކަން ބޮޑުވެގެން ގޮސް ވައްކަން ކުރާ މީހުންގެ ބޮޑު ގޭންގެއް މި މީހާ އުފެއްދި އެވެ.
ދުނިޔޭގެ ގިނަ ގައުމުތަކަކަށް ގޮސް އެ ގައުމުތަކުގެ ގިނަ ގެތަކަކަށް ވަދެ ވައްކަން ކުރިޔަސް އޭނާ އަބަދުވެސް ވައްކަން ކުރަނީ މުއްސަނދިންގެ ގޭގެއިން ކަމަށާއި މެދު ފަންތީގެ ނުވަތަ ފަގީރު އާއިލާއެއްގެ ގެއަކުން ދުވަހަކުވެސް އެއްޗެއް ވަގަށް ނުނަގާ ކަމަށް ޑަރީލް ބުންޏެވެ.
ޑަރީލް އަކީ އޭނާގެ މަސައްކަތަށް ކިތަންމެ ކުޅަދާނަ ލޯހުޅުވޭ މީހަކަށް ވިޔަސް 2014 ވަނަ އަހަރު އޭނާ ކުރި ވައްކަމެއް ފަޅާއަރައި އޭނާ ވަނީ ފަސް އަހަރު ދުވަސް ޖަލުގައި ހޭދަކޮށްފަ އެވެ. އަދި 2019ގައި ޖަލުން މިނިވަންވުމަށްފަހު ވައްކަން ކުރުމާ ދުރަށް ދާން ޑަރީލް ނިންމި އެވެ. އަދި މިއަދާ ހަމައަށް ވެސް އޭނާ ހުރީ އެ ނިންމުމާ އެއްގޮތަށެވެ.
ވައްކަން ކުރުމުގެ ބަދަލުގައި ޑަރީލް މިހާރު މަސައްކަތްކުރަނީ ވަގުންގެ ކިބައިން ގޭގެ ސަލާމަތްކުރާނެ ގޮތުގެ އިރުޝާދު ދީ މީހުން ހޭލުންތެރި ކުރުވުމަށެވެ. އެގޮތުން އޭނާ ދޭ އިރުޝާދުތަކުގެ ތެރެއިން ފުރަތަމަ އިރުޝާދަކީ ސީސީޓީވީ ކެމެރާ އެމީހެއްގެ ގޭގައި ހަރު ނުކުރުމެވެ.
އަމިއްލަ ގޭގައި ހަރުކުރުމުގެ ބަދަލުގައި ގެޔާ ޖެހިގެން ތިބި އަވަށްޓެރިންނާ ވާހަކަ ދައްކައިގެން އެކަކުގެ ގޭގައި އަނެކަކުގެ ކެމެރާ ހަރުކުރުމެވެ. މިއީ ހުރިހާ އެންމެންގެ ގޭގެ ހިމާޔަތްކުރަން އޮތް އެންމެ ރަނގަޅު ގޮތް ކަމަށް ޑަރީލް ބުންޏެވެ.
ޑަރީލް ބުނި ގޮތުގައި ވައްކަންކުރާ މީހުންނަށް ގޭގޭގައި ހުންނަ ސީސީޓީވީ ކެމެރާއަށް ފިލާނެ ގޮތްގޮތް އެނގޭނެ އެވެ. ނަމަވެސް އަވަށްޓެރިންގެ ގޭގޭގައި ހަރުކޮށްފައި ހުރި ކެމެރާތައް މަސައްކަތްކުރާ ގޮތެއް ނޭނގޭނެ އެވެ.
ދެވަނަ އަށް އޭނާ ކިޔައިދިނީ ދޮރުގައި ބޯލްޓް އެޅުވުމުގެ މުހިއްމު ކަމެވެ. ގެޔަށް ބޭރުން ވަދެވެން ހުންނަ ހުރިހާ ދޮރެއްގައި ބޯލްޓް އެޅުވުމަށް އޭނާ އިރުޝާދު ދިނެވެ. ރޭގަނޑު ނިދުމުގެ ކުރިން ރަނގަޅަށް ދޮރުތައް ތަޅުލާފައި ހުރިނަމަ ވައްކަންކުރަން ވަންނަ މީހާ ގޭތެރެޔަށް ވަނަސް އޭނާއަށް ނުކުމެވޭނެ ގޮތެއް ނެތި ތާށިވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޑަރީލް ބުންޏެވެ.
އަގުބޮޑު ގަހަނާ އާއި ތަކެތި ހުންނާނީ ކޮންމެ ގެއެއްގެ ވެސް ނިދާ ކޮޓަރިގައި ކަން ވައްކަންކުރާ މީހުންނަށް އެނގޭނެ އެވެ. ވީމާ ބޯލްޓް އަޅުވާފައި ހުރިނަމަ އެ ތަންޑު ނައްޓަން އުޅޭ އަޑަށް ހޭލެވިގެން ފުލުހުންނަށް ގުޅާނެ ވަގުތު ވާނެ ކަމަށް ޑަރީލް ބުންޏެވެ.
ބީންބޭގްސްގައި އަގުބޮޑު ގަހަނާ ރައްކާކޮށްފައި ބެހެއްޓުމަށް އޭނާ އިރުޝާދު ދެއެވެ. ސަބަބަކީ ވައްކަންކުރަން ވަންނަ މީހާ އެފަދަ އެއްޗެތި ޗެކް ނުކުރާނެތީ އެވެ.
"އަހަރެން ގެޔަކަށް ވައްކަން ކުރަން ވަންނަނަމަ އެންމެ ފުރަތަމަ ވެސް ދާނީ މާސްޓާ ބެޑްރޫމާ ދިމާލަށް. އެމީހުންނެއް ނުދާނެ ކުޑަކުދިން ނިދާ ކޮޓަރިއަކަށް. އެއީ އެކުދިން ވަރަށް ފަސޭހައިން ހޭލުމުގެ ބިރު އޮންނާތީ އާއި އެކުދިންގެ ކޮޓަރީގައި އެކުދިންގެ ކުޅޭ އެއްޗިއްސާއި ހެދުން ނޫން އެއްޗެއް ނުހުންނާނެކަން އެނގޭތީ،" ޑަރީލް ބުންޏެވެ.