ގައުމީ ޔުނިވާސިޓީ

ދިރާސާތަކާ ގުޅޭ ބައިނަލްއަގްވާމީ މަހާސިންތާ އޮގަސްޓްގައި

Apr 27, 2022

މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ)އިން އިލްމީ ދިރާސާ ހުށަހެޅުމަށް "ތެވެލި" ނަމުގައި ބާއްވާ ބައިނަލްއަގްވަމީ މަހާސިންތާ އޯގަސްޓް މަހު ބޭއްވުމަށް ނިންމައިފި އެވެ.

އިލްމީ ދިރާސާތައް ހަދައި ހުށަހެޅުމުގައި ދުނިޔޭގެ މަޝްހޫރު ސްކޮލަރުންނާއި ޕްރޮފެސަރުން ބައިވެރިވާ މިއަހަރުގެ މަހާސިންތާ ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އޯގަސްޓް މަހުގެ 22 އިން 23 އަށެވެ.

މަތީ ތައުލީމުގެ ދިރާސާތަކުގެ މައްޗަށް ބިނާކުރުމާއި އިލްމު އުފައްދާ އިލްމް ކުރިއަރުވާ ތަނަކަށް އެމްއެންޔޫ ހެދުމުގެ މަގުސަދުގައި ކުރިއަށް ގެންދާ މަހާސިންތާ މިއަހަރު ހާއްސަކޮށްފައިވަނީ ގައުމު ބިނާ ކުރުމަށްޓަކައި ކުރާ ދިރާސާތަކަށެވެ.

ޕީއެޗްޑީ ހަދަމުންދާ ދަރިވަރުންނަށް އެހީތެރިވުމާއި އިލްމީ ދިރާސާތަކުގެ އަލީގައި ގައުމުގެ ސިޔާސަތުތައް ކަނޑައެޅުމަށް އެހީތެރިވެ ދިނުމަކީ ވެސް މިފަދަ މަހާސިންތާއެއްގެ ބޭނުމެކެވެ.

އެމްއެންޔޫގެ ކުރީގެ މަހާސިންތާތައް ފަދައިން މިއަހަރު ބާއްވާ ފަސްވަނަ މަހާސިންތާގައި ވެސް ދިވެހި، އިނގިރޭސި އަދި އަރަބި ބަހުންވެސް ޕޭޕަރު ހުށަހެޅުމަށް ފުރުސަތު ދިނުމަށް ހަމަޖެހިފައިވެ އެވެ.

އެމްއެންޔޫ އިން ގެންދަނީ އިލްމީ ދިރާސާތަކަށް އިސްކަން ދިނުމުގެ ގޮތުން ދިރާސާ ކުރާ ފަރާތްތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ވެސް ފޯރުކޮށްދެމުންނެވެ.