ގައުމީ ޔުނިވާސިޓީ

އެމްއެންޔޫގެ ބިޒްނަސް ސްކޫލްގެ ޑީން އަކަށް އަބްދުއްރަހްމާން

Apr 27, 2022

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ބިޒްނަސް ސްކޫލްގެ ޑީންގެ މަގާމަށް ބޭފުޅަކު ހަމަޖައްސައިފި އެވެ.

މިމަގާމަށް ހަމަޖެއްސީ މިދިޔަ ދައުރުގައި ވެސް އެމްއެންޔޫގެ ބިޒްނަސް ސްކޫލްގެ ޑީންގެ ގޮތުގައި ހުންނެވި އަބްދުއްރަހްމާން މުބާރިކު އެވެ.

އެމްއެންޔޫގައި މިއަދު ހެނދުނު އޮތް ރަސްމިއްޔާތެއްގައި އޭނާ އަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ވައިސް ޗާންސެލަރު މުހައްމަދު ޝަރީފް އެވެ.

އަބްދުއްރަހްމާން ވިދާޅުވީ އޭނާ ކުރިއަށް އޮތް ދައުރު ވެސް އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅު ކުރުމަށް ކަމަށެވެ. މީގެއިތުރުން ޕޯސްޓްގްރެޖުއޭޓް ކޯސްތައް އިތުރުކޮށް ވިޔަފާރީގެ ދާއިރާގެ ފަރާތްތަކާ އެކު އޮންނަ ގުޅުން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

އެމްއެންޔޫގެ ވަޒީފާއާ 2003 ވަނަ އަހަރު ގުޅިވަޑައިގެންނެވި އަބްދުއްރަހްމާން ބިޒްނަސް ސްކޫލުގެ ޑީންގެ މަގާމާ އެންމެ ފުރަތަމަ ހަވާލުވެވަޑައިގަތީ 2018 ވަނަ އަހަރު އެވެ. އަބްދުއްރަހްމާން އަކީ ބިޒްނަސް އެޑްމިނިސްޓްރޭޝަނުން މާސްޓާސް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.