ދުނިޔެ

ރަޝިއާއަށާއި ޔުކްރޭނަށް ޑީޖޭއައި ޑްރޯންތައް މިވަގުތު ނުވިއްކާނެ

ޗައިނާގެ ޑްރޯން ކުންފުނި، ޑީޖޭއައި މަރުކާގެ ޑްރޯންތައް މިވަގުތު މަޝްރަހު އޮތް ގޮތުން ރަޝިއާއަށާއި ޔުކްރޭނަށް ނުވިއްކާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ޑިޖޭއައި އިން ބުނި ގޮތުން އެ ދެ ގައުމަށް ޑްރޯން ވިއްކުން މަޑުޖައްސާލަނީ ހަނގުރާމާގައި ބޭނުންކޮށްފާނެތީ އެވެ. އަދި ބުނީ އެއީ އެމެރިކާ އާއި ޔޫރަޕުން ރަޝިއާއަށް ދަތިކުރަން އަޅާފައި ހުރި ފިޔަވަޅުތަކަށް ތާއީދުކޮށް ކުރި ކަމެއް ނޫން ކަމަށެވެ.

ބާރުގަދަ ޑްރޯން އުފައްދާ މަޝްހޫރު ކުންފުންޏެއްގެ ހައިސިއްޔަތުން ޒިންމާއެއް ވެސް އޮންނަން ޖެހޭ ކަމަށް ޑީޖޭއައި ބުންޏެވެ. ވަކިވަކި ފަރުދުންނަށް އަނިޔާވާ ހާލަތުގައި އެބަޔަކާ އެކު ވިޔަފާރި ކުރުމަކީ މަސްލަހަތެއް ނޫން ކަމަށް ވެސް ބުންޏެވެ.

ރަޝިއާގެ އަސްކަރީ އޮފިޝަލުން ބުނާ ގޮތުން ޔުކްރޭނުން ވަރަށް ގިނައިން ޑްރޯން ބޭނުންކުރެ އެވެ. އަދި ޔުކްރޭންގެ އެތައް ޑްރޯނެއް މިހާރު ވެސް ވައްޓާލާފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އެހެން ނަމަވެސް، ޔުކްރޭނުން ބުނާ ގޮތުން ޑީޖޭއައި ބޮޑަށް އެހީތެރި ވަނީ ރަޝިއާ އަށެވެ. އަދި ރަޝިއާއިން ޑީޖޭއައި ޓެކްނޮލޮޖީ ބޭނުންކުރާ ކަމަށް ވެސް ޔުކްރޭނުން ބުނެ އެވެ. ޔުކްރޭނުން ވަނީ ޑީޖޭއައިއަށް ޝަކުވާ ވެސް ހުށަހަޅާފަ އެވެ.

ރަޝިއާއިން ފެބްރުއަރީ 24 ގައި ޔުކްރޭނަށް ދެމުން ގެންދާ ހަމަލާތަކުގައި މުޅި ޔުކްރޭން ވަނީ ހަލާކުކޮށްލާފަ އެވެ. މަންޒަރު ތަސައްވުރުކުރާ މީހުން ބުނާ ގޮތުން ކުރިއަށް އޮތް 10 އަހަރުގައި ވެސް ޔުކްރޭން ހަނގުރާމައިގެ ކުރިން އޮތް ހާލަތަށް ނުގެނެވޭނެ އެވެ.

ރަޝިއާ އާއި ޔުކްރޭން ސުލްހަކުރުމަށް ގައުމުތަކުން ކުރާ މަސައްކަތްތަކުގައި އަދި ކޮޅެއް ނުފެނެ އެވެ. އުއްމީދީ ވާހަކަތަކެއް ވެސް ދެކެވިފައި ވަނީ ތުރުކީ އިސްވެ ބޭއްވި މަޝްވަރާތަކުންނެވެ.

ދެގައުމުގެ ދެމެދުގައި މަޝްވަރާތައް މިހާރު އޮތީ މެދުކެނޑިފަ އެވެ. ތުރުކީން ބުނީ މަޝްވަރާތައް އަލުން ފެށުމަށް ދެ ގައުމުގެ ވެރިންނަށް ހުށަހަޅާފައި ވާނެ ކަމަށާއި އުންމީދަކީ ވެރިންގެ ފެންވަރުގައި ބައްދަލުވުންތަކެއް ބޭއްވުން ކަމަށެވެ.