ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު އިތުރަށް ތަރައްގީ ކުރަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މުހިންމު އެހީތެރިކަމެއް ދޭން ނިންމައިފި އެވެ.
ގުރައިދޫ ހާއްސަ އެހީ އަށް ބޭނުންވާ މަރުކަޒަށް ބީއެމްއެލް އިން ދޭ އެހީތަކުގެ ތެރޭގައި އަލަށް ކުޑަކުދިންގެ ވޯޑެއް ގާއިމްކުރުމާއި، މަރުކަޒުގެ ބަދިގެ ތަރައްގީކޮށް ޒަމާނީ ކުރުމާއި، ތަނުގައި ގާއިމްކޮށްފައިވާ ލައިބްރަރީ އިތުރަށް ފުރިހަމަ ކުރުމުގެ އިތުރުން މުވައްޒަފުން ބޭނުންކުރާނެ ހާއްސަ ތަނެއް ތަރައްގީކުރުން ހިމެނެ އެވެ.
ބީއެމްއެލް އިން ދޭ މި އެހީ އަކީ މި އަހަރުގެ ނޮވެންބަރު މަހު އެ ބޭންކުން ފާހަގަކުރުމަށް ހަމަޖެހިފައިވާ "ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ" ހަމައަށް ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާ ހުރި މުހިއްމު 12 ހަރަކާތުގެ ތެރޭގައި ހިމަނައިގެން ދޭ އެހީ އެކެވެ.
ބޭންކުގެ އެހީތެރިކަން ކުރުކޮށް
- އަލަށް ކުޑަކުދިންގެ ވޯޑެއް ހެދުން
- މަރުކަޒުގެ ބަދިގެ ތަރައްގީކޮށް ޒަމާނީ ކުރުން
- ލައިބްރަރީ ފުރިހަމަ ކުރުން
މި އެހީއާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ ގުރައިދޫ މަރުކަޒަށް ބޮޑު ބަދަލުތަކެއް ގެނެސް އެ ތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ފަރާތްތަކަށް މިހާރު ކުރިމަތިވަމުންދާ ދަތިތަކަށް ހައްލެއް ހޯދާދެވޭ ކަމީ އުފަލެއް ކަމަށެވެ.
"މި ތަރައްގީގެ މަސައްކަތާއެކު މުހިންމު ބަދަލުތަކެއް ބޭނުންވެފައިވާ ތަންތަނަކީ ކަނޑައެޅިފައިވާ މިންގަނޑުތަކަށް ފެތޭ ތަންތަން ކަމުގައި ވެގެންދާނެ. މިގޮތުން، އަލަށް ހެދޭ ކުޑަކުދިންގެ ވޯޑާއެކު މިތަނުގެ ބެލުމުގެ ދަށުގައި ތިބި ކުޑަކުދިން ބެލުމަށް ހާއްސަތަނެއް ގާއިމްވެގެން ދާނެ. އަޅުގަނޑުމެންގެ އުންމީދަކީ މި މަރުކަޒަށް ގެނެވޭ ބަދަލުގެ ސަބަބުން މި ތަން ބޭނުންކުރާ ފަރާތްތަކުގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް އައުން،" ޓިމް ވިދާޅުވި އެވެ.
އަލަށް ހެދޭ ކުޑަކުދިންގެ ވޯޑާއެކު މިތަނުގެ ބެލުމުގެ ދަށުގައި ތިބި ކުޑަކުދިން ބެލުމަށް ހާއްސަތަނެއް ގާއިމްވެގެން ދާނެބީއެމްއެލް ސީއީއޯ ޓިމް ސޯޔާ
ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމައަށް ކޮންމެ މަހަކު ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން މިހާތަނަށް މާޗު މަހު ސްމޯލް ގްރާންޓްސް ދީފައިވެ އެވެ. އަދި ފެބުރުއަރީ މަހު ހައުސިން ގްރާންޓް ދީ އަދި ހަމަ އެމަހު ބީއެމްއެލް ސްޓާޓަޕް ގްރާންޓް ދޫކުރި އެވެ.
މީގެ އިތުރުން ޑިސެންބަރު މަހު ގައުމީ ކުތުބުހާނާ އިތުރަށް ތަރައްގީކޮށް ޒަމާނީ ބަދަލު ގެނައުން ވެސް ހިމެނެ އެވެ. އަދި ނޮވެންބަރު މަހު ބީއެމްއެލް ސްކޮލާޝިޕް ފަންޑު ވެސް ވަނީ ފަށާފަ އެވެ.