ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް އަށް ޗީފް އިންޓާނަލް އޮޑިޓަރެއް ހަމަޖައްސައިފި

Apr 29, 2022

ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސްގެ ޗީފް އިންޓާނަލް އޮޑިޑަރުގެ މަގާމަށް މރ. ބިޝްވަޖިތު މަޒުމްދާރު ހަމަޖައްސައިފި އެވެ.

ބީއެމްއެލް އިން ބުނީ އިންޓާނަލް އޮޑިޓަރުގެ ވެރިޔާގެ މަގާމަށް ހަމަޖެއްސި ބިޝްވަޖިތު އަކީ އިންޓަރނަލް އޮޑިޓިން، ބިޒްނަސް އޮޕަރޭޝަންސް އަދި ސްޓްރެޓެޖިކް ޕްލޭނިންގެ ދާއިރާ އިން 35 އަހަރަށްވުރެ ގިނަދުވަހުގެ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ.

އޭނާގެ ޕްރޮފެޝަނަލް ކެރިއަރުގައި ގިނަ ބޭންކުތަކެއްގައި ޗީފް އޮޓިޑް މަގާމުތަކުގައި މަސައްކަތް ކުރައްވާފައިވެ އެވެ. މީގެ ތެރޭގައި އަފްޣާނިސްތާން އިންޓަރނޭޝަނަލް ބޭންކާއި ސްޓޭޓް ބޭންކް އޮފް މޮރިޝަސް އަދި އައިއެންޖީ ބޭންކް ލިމިޑެޑާއި ބެންގަލޯ ހިމެނެ އެވެ. މީގެ އިތުރުން ސެންޓްރަލް ބޭންކް އޮފް އޮމާންގެ ޗީފް އިންޓާނަލް އޮޑިޓަރުގެ މަގާމު ވެސް ބިޝްވަޖިތު ވަނީ އަދާކުރައްވާފަ އެވެ.

ބީއެމްއެލްއާ ގުޅިވަޑައިގެންނެވުމުގެ ކުރިން އޭނާ ހުންނެވީ ކާބުލްގެ ޣާޒަންފަރު ބޭންކުގެ ޗީފް އިންޓާނަލް އޮޑިޓަރުގެ މަގާމުގަ އެވެ.

މި މަގާމަށް ބިޝްވަޖިތު އައްޔަންކުރެއްވުމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރ ޓިމް ސޯޔަ ވިދާޅުވީ އިންޓާނަލް އޮޑިޓިންގެ ދާއިރާގެ އިތުރުން ކޯޕަރޭޓް ގަވަނަންސް، ރިސްކް މެނޭޖްމަންޓް އަދި ކޮންޕްލައަންސްގެ ދާއިރާގައި 20 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ބިޝްވަޖިތު ވަނީ ހޯއްދަވާފައިވާ ކަމަށާ ބޭންކުގެ ލީޑާޝިޕް ޓީމާއި ބިޝްވަޖިތު ގުޅިވަޑައިގަތުމާ ގުޅިގެން އޭނާ އަށް މަރުހަބާ ދަންނަވާ ކަމަށެވެ

ބިޝްވަޖިތު އަކީ އައިއައިއޭ ޔޫއެސްއޭ އިން ސަޓިފައިޑް ޗީފް އިންޓަރނަލް އޮޑިޓަރ (ސީއައިއޭ) އަދި އިންޑިއާގެ ނިއުދިއްލީ ގެ އައިސީއޭއައި އިން ޗާރޓާޑް އެކައުންޓިން (އޭސީއޭ) ފުރިހަމަ ކޮށްފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ކަލްކަތާ ޔުނިވާސިޓީ އިން އެލްއެލްބީ ހޯއްދަވާފަ އެވެ. އަދި ޔޫއެސްއޭ އިން ސާޓިފައިޑް އިންފޯމޭޝަން ސިސްޓަމްސް އޮޑިޓަރ (ސީއައިއެސްއޭ) އަދި ސާޓިފައިޑް ފްރޯޑް އެގްޒަރމިނަރާ (ސީއެފްއީ) ފަދަ ގުޅުންހުރި ޕްރޮފެޝަނަލް ސެޓްފިކެޓްތައް ވެސް ވަނީ ހޯއްދަވާފަ އެވެ.