ހީނާ ވަލީދު

އަދާލަތަށް "ވަގަށް" ވެއްދި ޕީޕީއެމް މެންބަރުން އުނިކުރަން ގޮވާލައިފި

ޕީޕީއެމްގެ ދަފްތަރުގައި ތިބި މެންބަރުންގެ ތެރެއިން އަދާލަތު ޕާޓީއަށް "ވަގަށް" ވެއްދި ހުރިހާ މެންބަރުން އެ ޕާޓީގެ ދަފްތަރުން އުނިކުރަން ޕީޕީއެމްގެ އިސް ތަރުޖަމާން ހީނާ ވަލީދު ގޮވާލައްވައިފި އެވެ.

ޕީޕީއެމްގެ މެންބަރުންގެ ގޮތުގައި ތިބި ބަޔަކު "ވަގަށް" އަދާލަތު ޕާޓީއަށް ވައްދާފައިވާ މައްސަލައެއް ވަނީ ފެންމަތި ވެފައެވެ. އެ މައްސަލަ ފެންމަތި ކުރީ އަދާލަތަށް "ވަގަށް" ވެއްދި ކަމަށް ބުނާ އާއިލާ އިންނެވެ. އެ އާއިލާ އިން ވަނީ އެ މައްސަލަ ޕީޕީއެމަށް ހުށައަޅާފައެވެ. އަދި ޕީޕީއެމުން ވަނީ މައްސަލަ ޝަރީއަތަށް ގެންދަން ނިންމާފައެވެ.

އެކަމާ ގުޅޭގޮތުން އަދާލަތު ޕާޓީން ބުނީ އަދާލަތު ޕާޓީގެ ދަފްތަރުގައި ނަން ހިމަނަން އެދި އެ ޕާޓީއަށް ލިބޭ ފޯމްތައް އިލެކްޝަންސް ކޮމިޝަނަށް ހުށައަޅަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ގަވާއިދާ އެއްގޮތަށެވެ. އެ ގޮތުން ފުރިހަމަ ކުރަން ޖެހޭ ހުރިހާ އިޖްރާއަތްތަކެއް ފުރިހަމަ ކުރާ ކަމަށް ބުންޏެވެ.

"މި ޕާޓީއަށް ލިބޭ ފޯމް އެއް އެއީ ސައްހަ ނޫން ފޯމްއެއް ކަން އެނގިއްޖެ ނަމަ ނުވަތަ އެއްވެސް ފަރާތެއްގެ ނަން އުނިކުރުމަށް ހުށައަޅުއްވައިފިނަމަ އެ ފަރާތެއްގެ ނަން މި ޕާޓީގެ ދަފްތަރުން މިހާރުވެސް އަންނަނީ އުނިކުރަމުން،" އަދާލަތުން ބުންޏެވެ.

އެކަމަށް އިޝާރާތް ކުރައްވާ ހީނާ ވިދާޅުވީ އަދާލަތު ޕާޓީއަށް "ވަގަށް" ވައްދާފައިވަނީ ޕީޕީއެމްގެ މެންބަރުންގެ އެންމެ މެންބަރެއް ދެ މެންބަރެއް ނޫން ކަމަށެވެ. ޕީޕީއެމްގެ އެތައް ބަޔަކު އަދާލަތު ޕާޓީއަށް އެ މެންބަރުންނަށް ނޭންގި ވައްދާފައިވާ ކަމަށެވެ.

"މައުލޫމާތާއި ފިންގާޕްރިންޓް ވެސް އޮޅުވާލާފައި ހުރިކަން ފޯމް ތަކުން އެހެރީ އެނގެން. މި ކަންކަމަށް ތިޔަ ޕާޓީން [އަދާލަތު] ޒިންމާވާން ޖެހޭނެ. ވަގަށް ވައްދާފައިވާ އެންމެން ދަފްތަރުން އުނިކުރައްވާ،" ހީނާ ވިދާޅުވިއެވެ.

ޕީޕީއެމުން ބުނެފައިވަނީ ޕީޕީއެމްއަށް ސޮއިކޮށްފައިވާ އާއިލާ އެއް އަދާލަތު ޕާޓީއަށް އެމީހުންނަށް ނޭނގި ވައްދާފައިވާތީ އެ އާއިލާ އިން އެ މައްސަލަ ޕީޕީއެމަށް ހުށައަޅާފައިވާ ކަމަށެވެ. އަދި އަދާލަތުން ހުށައަޅާފައިވާ ފޯމުގައި ގުޅޭނެ ކަމަށް ބުނެފައިވަނީ ރަޖިސްޓްރީ ކޮށްފައިވާ ނަމްބަރެއްވެސް ނޫން ކަމަށެވެ. އަދި ހެކިންގެ ގޮތުގައި ސޮއި ކޮށްފައިވާ މީހުންގެ ނަމްބަރަށް ގުޅުމުން އެއީ ވެސް އޮޅުވާލައިގެން ލިޔެފައިވާ ނަމްބަރު ތަކެއްކަން ސާފުވެފައިވާ ކަމަށެވެ.

"އެބޭފުޅުންގެ ފިންގާ ޕްރިންޓާއި ފޯމުގައި ޖަހާފައިވާ ފިންގާ ޕްރިންޓާއި ދިމާނުވޭ. މިއީ އަދާލަތު ޕާޓީއިން ކޮށްފައިވާ ބޮޑު ވައްކަމެއް. މި މައްސަލަ ޕީޕީއެމުން ކޯޓަށް ހުށައަޅާނަން،" ޕީޕީއެމުން ބުންޏެވެ.