އަދާލަތު ޕާޓީ

މުއިއްޒުގެ ކެމްޕޭންގައި އަދާލަތުގެ ކުލަ ބޭނުންކުރުން ހުއްޓުވަން ގޮވާލައިފި

ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭންގައި އަދާލަތު ޕާޓީގެ ކުލަ ބޭނުން ކުރި ކަމަށް ބުނެ އެ ޕާޓީ އެކަން ހުއްޓުވުމަށް ގޮވާލައިފި އެވެ.

ޑރ. މުހައްމަދު މުއިއްޒު މިއަދު ހަވީރު ފުވައްމުލަކަށް ވަޑައިގެންނެވި ވަގުތު އޭނާއަށް މަރުހަބާ ކިޔުމަށް އެއްވެފައި ތިބި މީހުންގެ ތެރޭގައި އަދާލަތު ޕާޓީ އުފެއްދި މަރުހަލާގައި އުޅުނު ކަމަށް ބުނާ ބަޔަކު ފެހި ކުލައިގެ ޓީޝާޓްތަކެއް ލައިގެން މުއިއްޒުގެ އިސްތިގުބާލްގައި ތިއްބެވެ.

މިކަމާ ގުޅިގެން އަދާލަތު ޕާޓީގެ ތަރުޖަމާން އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ވިދާޅުވީ ޑރ މުއިއްޒުގެ ކެމްޕޭނުގައި ޢަދާލަތު ޕާޓީގެ ކުލަ ބޭނުންކުރާކަން ފާހަގަކުރެވިފައިވާ ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ،

"މިކަމަކީ އިންތިހާބާ ބެހޭ އާންމު ގާނޫނުގެ ދަށުން މަނާ ކަމެއް ކަމަށް ވާތީ މިކަން ހުއްޓުވުމަށް އިލެކްޝަންސް ކޮމިޝަނަށް ގޮވާލަން،" ނަޒީރު ވިދާޅުވި އެވެ.

މުއިއްޒު ބައިވެރިވި ފުވައްމަލު ކެމްޕޭން ޖަލްސާގައި މިރޭ ވަނީ އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ މެންބަރެއް ކަމަށް ބުނާ ބޭފުޅަކު ވާހަކަދައްކަވާފަ އެވެ. އޭނާގެ ވާހަކަފުޅުގައި ވަނީ އަދާލަތު ޕާޓީގެ ބައެއް އިސް ބޭފުޅުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރެއްވުމަށް ނިންމެވީ ޕާޓީގެ އާންމު މެންބަރުންގެ ރޫހާ ހިލާފަށް ކަމަށް ވިދާޅުވެ އަދާލަތުގެ އިސްވެރިންނަށް ފާޑުވިދާޅުވެފަ އެވެ.