t. ތިމަރަފުށީ ޓާފް ދަނޑަށް ގެއްލުންދީ ހަލާކުކޮށްލާފައިވާތީ އެކަމުގެ ކަނބޮޑުވުން ފާޅުކޮށް އެ އަމަލު އިދިކޮޅު ޕީޕީއެމް / ޕީއެންސީން ކުށްވެރިކޮށްފި އެވެ.
ތިމަރަފުށީ ޓާފް ފުޓުބޯޅަ ދަނޑަށް ގެއްލުންދީފައިވަނީ އެ ދަނޑު ނިންމާ ހުޅުވުމަށް ތައްޔާރުވެފައި ވަނިކޮށެވެ.
ޕީޕީއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ތިމަރަފުށި ދަނޑަށް ގެއްލުންދީ ހަލާކުކޮށްލާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ. އެކަން ކުރީ ކޮންމެ ބަޔަކު ކަމުގައިވީ ނަމަވެސް، އެއީ ވަރަށް ދަށުދަރަޖައިގެ ފިނޑި އަމަލެއް ކަމަށާއި އެ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށްވެސް ބަޔާނުގައިވެ އެވެ.
ރާއްޖޭގެ ރަށްރަށުގެ ތަރައްގީއަށާއި، ރައްޔިތުންގެ ލާބަ އާއި މަންފާއަށް ހިންގާ މަޝްރޫއުތަކަށް ގެއްލުންދީ ރައްޔިތުންނަށް ނިކަމެތިކަން ދިނުމަށް ހިންގާ އެއްވެސް އަމަލަކީ އިދިކޮޅު ކޯލިޝަނުން ބަލއިގަންނާނެ އަދި އެއްވެސް ވަރަކަށް ތަރުހީބު ދޭނެ ކަމެއް ނޫން ކަމަށްވެސް ބުނެފައިވެ އެވެ.
ތިމަރަފުށި ދަނޑަށް ގެއްލުންދީ ހަލާކުކޮށްލާފައިވާތީ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް ވެސް ވަނީ އެ އަމަލު ކުށްވެރިކުުރައްވާފަ އެވެ.
މިނިސްޓަރު މަހްލޫފް ވަނީ ފިނޑި ނާތަހުޒީބު އެ އަމަލު ހިންގާފައިވަނީ ކޮންމެ ބަޔަކު ނަމަވެސް އެކަން ކުރި ބަޔަކާ މިކަމުގެ އަޑީގައި ތިބި ބަޔަކު ހޯދާ ގާނޫނުގައިވާ ގޮތުގެ މަތިން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކަށް ގޮވާލައްވާފަ އެވެ. އަދި ރަށުގެ ތަރައްގީއަށް ހުރަސް އެޅުމާއި ރަށުގައި ގާއިމުކޮށްފައިވާ ރައްޔިތުންގެ ތަންތަނާއި މުދަލާއި ތަކެއްޗަށް ގެއްލުންވާ ފަދަ އެއްވެސް ކަމެއް ނުކުރުމަށް އިލްތިމާސް ވެސް ކުރައްވާފައިވެ އެވެ.