ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް

ހަނިމާދޫ އެއާޕޯޓުގެ ފައިނޭންޝަލް ބިޑުތައް އިވެލުއޭޓްކުރަނީ

Apr 29, 2022

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމަށް ހުށަހަޅާފައިވާ ފައިނޭންޝަލް ބިޑްތައް އިވެލުއޭޓްކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށް ހުށަހަޅާފައިވާ ބީލަންތަކުގެ ޓެކްނިކަލް އިވެލުއޭޝަން ނިންމުމަށްފަހު މިހާރު ފައިނޭންޝަލް ބިޑްތަކަށް ހުޅުވާލައި އެ ބިޑްތައް އިވެލުއޭޓްކުރަމުންދާ ކަމަށެވެ.

ހަނިމާދޫ އިންޓާނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއަށް ބީލަން ހުށަހެޅުމުގެ ސުންގަޑި މިދިޔަ މާޗް ތިންވަނަ ދުވަހަށް ހަމަވިއިރު ހަތަރު ފަރާތަކުން ބީލަން ހުށަހަޅާފައިވެ އެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު އަލުން ތަރައްގީކުރަން ނިންމާފައިވަނީ އިންޑިއާގެ އެގްޒިމް ބޭންކުން ދިވެހި ސަރުކާރަށް ފޯރުކޮށްދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުންނެވެ. އެހެންވެ މި މަޝްރޫއަށް ބީލަން ހުށަހެޅުމަށް ފުރުސަތު ދިނީ އެ ބޭންކުން ޝޯޓްލިސްޓް ކޮށްފައިވާ ވަކި ފަރާތްތަކަކަށެވެ.

ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން 2.46 ކިލޯމީޓަރުގެ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ޕަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގައިގެ މުޅިން އާ ޓާމިނަލެއް އިމާރާތް ކުރާނެ އެވެ. އަދި ބައިނަލްއަގްވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ގާއިމުކުރުމަށްވެސް ހަމަޖެހިފައިވެ އެވެ.

ހަނިމާދޫ އެއާޕޯޓަށް އަންނަ ބަދަލުތައް

  • އެއާސައިޑް، ލޭންޑްސައިޑް އަދި އިމާރާތްތަކުގެ އިންފްރާސްޓްރަކްޗާ އަޕްގްރޭޑް ކުރުން
  • އެއާޕޯޓުގެ ރަންވޭ 1350 މީޓަރުން 2460 މީޓަރަށް ފުޅާކުރުން
  • ދިގުމިނުގައި 164 މީޓަރާއި، ފުޅާމިނުގައި 34 މީޓަރު ހުންނަ، އަދި ދެފަރާތުގައި 5.5 މީޓަރުގެ ދެ ޓެކްސީވޭ
  • ލޭންޑް އަދި ސީސައިޑް ކަނެކްޓިވިޓީ އާއި ޕެސެންޖާ ފެސިލިޓޭޝަން ހިމެނޭހެން 10،230 އަކަމީޓަރުގެ އިމާރާތެއް
  • އޮޕަރޭޝަނަށް އެކަށީގެންވާހެން ގާތްގަނޑަކަށް 58،000 އަކަމީޓަރުގެ އޭޕްރޮންއެއް ވަނީ ފަރުމާކުރުން
  • ކޯޑް އެއާކްރާފްޓްތަކުގެ އޮޕަރޭޝަން ތަކަށް އެކަށީގެންވާ ޕެސެންޖާ ޓާމިނަލެއް ގާއިމުކުރުން

މިމަޝްރޫއު ނިމުމުން ބައިނަލްއަގްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް އޭ320 އާއި ބޯއިން 737 މަރުކާގެ ބޯޓު ފަހަރަށް ހަނިމާދޫ އެއާޕޯޓުން ހިދުމަތް ދެވޭނެ އެވެ. އަދި މެދު އިރުމައްޗާއި، ދެކުނު އޭޝިއާ އާއި، ދެކުނު އިރުމަތީ އޭޝިއާއި، އިރުމަތީ އެފްރިކާގެ ގައުމުތަކަށް ސީދާ ދަތުރުތައް ހަނިމާދޫ އަށް އޮޕަރޭޓް ކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތުދެ އެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވައުދެކެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށް އަމަލީ މަސައްކަތް މިއަހަރުގެ މެދު ތެރޭގައި ފެށިގެން ކުރިއަށް ދާނެ ކަމަށްވެސް ސަރުކާރުން ބުނެ އެވެ.