އެޗްޑީސީ

ހުޅުމާލޭގެ 10 ބިމެއްގައި އެޕާޓްމަންޓް އަޅައިދޭނެ ބަޔަކު ހޯދަނީ

Apr 29, 2022
1

ހުޅުމާލޭގައި އެޕާޓްމަންޓް އިމާރާތްތަކެއް އަޅައި ހިންގައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.

އެޗްޑީސީން ކޮށްފައިވާ އިއުލާނެއްގައި ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ދެ ސަރަހައްދަކުންނާއި ދެވަނަ ފިޔަވަހީގެ އަށް ސަރަހައްދަކުން ޖުމްލަ 10 ބިމެއްގައި އެޕާޓްމަންޓް އަޅަން ދޭން ނިންމާފައިވެ އެވެ.

ދެ ކޮޓަރިއާއި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެއް އަޅަން ދޫކުރަން ނިންމާފައިވަނީ 1،657 އަކަފޫޓާއި 3،411 އަކަފޫޓާ ދެމެދުގެ ބިންތަކެވެ.

އެޕާޓްމަންޓް އަޅައި ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް މައުުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން ބޭއްވުމަށް ނިންމާފައިވަނީ ކުރިއަށް އޮތް މެއި މަހުގެ 12 ވަނަ ދުވަހުގެ މެންދުރުފަހު 1:00ގައެވެ. ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލާފައިވާ އެންމެ ފަހު ތާރީހަކީ މިއަހަރުގެ ޖޫން ނުވަވަނަ ދުވަހުގެ ނިޔަލަށެވެ.

އެޗްޑީސީގެ އިއުލާންގައިވާ ގޮތުން ބައެއް އެޕާޓްމަންޓްތައް ވިއްކޭނީ ވަކި އަގެއްގަ އެވެ. އެގޮތުން ދެ ކޮޓަރީގެ ބައެއް އެޕާޓްމަންޓްތައް 1.5 މިލިއަން ރުފިޔާ އަށް އަދި ތިން ކޮޓަރީގެ ބައެއް އެޕާޓްމަންޓްތައް 2.5 މިލިއަން ރުފިޔާ އަށް ވުރެ ބޮޑުކޮށް ނުވިއްކޭނެ އެވެ.

ޕްލޭނިން މިނިސްޓްރީގެ ގައިޑްލައިންތަކާ އެއްގޮތަށް އެޕާޓްމަންޓްތައް ވިއްކަން ޝަރުތުކޮށްފައިވާއިރު އެޕާޓްމެންޓްތަކުގައި ފިނިޝިން މަސައްކަތްތަކާއި އެހެނިހެން މަސައްކަތްތައް އެޗްޑީސީގެ ގައިޑްލައިންތަކާއި އެއްގޮތަށް ކުރަންވެސް ޖެހެ އެވެ.

އެޗްޑީސީން ދޫކުރާ ބިންތަކުގައި ހަދާ އެޕާޓްމަންޓްތަކުގައި ދިރިއުޅޭ މީހުންނަށް ޕާކިން ޖާގަތަކެއް ތަރައްގީކުރަންޖެހޭއިރު ކާރު ޕާކްކުރަން ޖާގަ ވިއްކުމަށް އޮންނަ އަގަކީ ފޫޓަކަށް 1،000 ރުފިޔާ އެވެ.

އެޕާޓްމަންޓް އެޅުމުގެ ބީލަންތައް ކާމިޔާބު ކުރާ ފަރާތްތަކުން އެޗްޑީސީއާ އެކު އެއްބަސްވުމުގައި ސޮއި ކުރުމުގެ ކުރިން އެޕާޓްމެންޓްތައް މާކެޓްކޮށް ޕްރޮމޯޓް ނުކުރުމަށްވެސް އެޗްޑީސީން އަންގާފައިވެ އެވެ. އަދި ބުކިން ފީ ފަދަ އެއްވެސް ފައިސާއެއް އެޕާޓްމަންޓް ގަންނަ ފަރާތެއްގެ އަތުން ނެގުމުގެ ކުރިން އެޗްޑީސީން ހުއްދަ ހޯދަންވެސް ޖެހެ އެވެ. މީގެއިތުރުން އެއް ފަރާތަކަށް އެއް އެޕާޓްމަންޓަށް ވުރެ ގިނަ އެޕާޓްމަންޓް ނުވިއްކުމަށްވެސް އެޗްޑީސީން އަންގާފައިވެ އެވެ.